ވޮޝިންޓަން (ޖަނަވަރީ 8) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާއެކު އޭނާގެ ސަޕޯޓަރުން، އެމެރިކާގެ ކޮންގްރެސް ގެ އިމާރާތް (ކެޕިޓޯލް) އަށް ވަދެގަނެ އެތަން ލޫޓުވައި ތަކެއްޗަށް ގެއްލުންތައް ދިން މައްސަލާގައި ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން ވަރަށް ގާތްކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓްރަމްޕް ޖަލަށް ލުން އެކަށީގެންވޭ

ވޮޝިންޓަންގެ ޕަބްލިކް ޕްރޮސެކިއުޓަރ ވަނީ ކޮންގްރެސްގެ އިމާރާތަށް އަރައިގަތް މައްސަލާގައި ޓްރަމްޕްވެސް ހިމެނޭގޮތަށް ތަހްގީގްކޮށް އެކަމާގުޅިގެން ދައުވާ ކުރަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެކަން ކަށަވަރުކޮށް ދެއްވާފައެވެ. އެހެންކަމުން މިމަހުގެ 20 ގައި ޓްރަމްޕް މަގާމުން ވަކިވުމަށްފަހު ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން ވަރަށް ގާތް ކަމަށާ އެދައުވާގައި ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ޖަލަށް ވަނުން ނޫންގޮތެއް ޓްރަމްޕްގެ ކުރިމަތީގައި ނޯންނާނެކަމަށް އެމެރިކާގެ ގާނޫނީ މާހިރުންވިދާޅުވެއެވެ. ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި 6 މީހުން މަރުވެ އެތަށް ބަޔަކުވަނީ ޒަޚަމްވެފައެވެ.

ޓްރަމްޕް މަގާމުން ދުރުކުރާނެ ވަގުތެއްނެތް

މިމައްސަލާގައި ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލަމުން ދިޔަނަމަވެސް އެއީ މިވަގުތު ކުރެވެން އޮތްކަމެއް ނޫންކަމަށް މިކަމަށް ގޮވާލާ ފަރާތްތަކުންވެސް ދެކެއެވެ. އެމެރިކާގެ ދަސްތޫރުގެ 25 ވަނަ މާއްދާގެ ދަށުން މިމައްސަލާގައި ޓްރަމްޕް މަގާމުން ދުރުކުރުމަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުންވެސްވަނީ ތާއީދު ކުރައްވާފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތުގެ ތެރޭގައި ހަމަނުޖެހުން ހިންގަނީ

އެމެރިކާގެ ދަސްތޫރުގެ 25 ވަނަ މާއްދާގެ ދަށުން ޓްރަމްޕް މަގާމުން ދުރުކުރުމަށް އެމެރިކާގެ އިސް ސިޔާސީ ބޭފުޅުން ގޮވާލައްވަނީ ވެރިކަމުގައި ހުންނަވައިގެން ހަމަނުޖެހުން ހިންގުމަށް ބަޔަކަށް ހިއްވަރުދީ އެކަމަށް ސަޕޯޓްކުރާކަން ޓްރަމްޕްގެ ވާހަކަތަކުންނާއި ޓްވީޓްތަކުން ހާމަވާތީއެވެ. ނަމަވެސް ޓްރަމްޕް މަގާމުން ދުރުކުރުމަށް ވަގުތު ބޭނުންވާއިރު މިމަހުގެ 20 ވަނަ ދުވަހު އޭނާ މަގާމުން ދޫކުރައްވައި ވައިޓް ހައުސް އިން ނުކުމެ ވަޑައިގަންނަވަންޖެހޭތީ ޓްރަމްޕް އަޒުލު ކުރުމުގެ މަސައްކަތް ފެށުމުގެ ބޭނުން މިވަގުތު ނެތްކަމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގައި ޝާއިޢުކޮށްފައިޥާ ރިޕޯޓްތައް ބުނެއެވެ.

ހަމަނުޖެހުން އުފައްދަން ހިއްވަރު ދިންކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް

ކޮންގްރެސްގެ އިމާރާތް، ދަ ކެޕިޓޯލްގެ ތެރެއަށް ޓްރަމްޕަށް ތާއީދުކުރާ މީހުން ވަދެގަތީ، ނޮވެންބަރު 3 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސްދީގުކުރުމަށް ކޮންގްރެސްގެ ދެގޭގެ ގުޅިފައިވާ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ. ވަދެގަތް މީހުން އައީ ވައިޓްހައުސް ކުރިމަތީގައި ޓްރަމްޕް އެމީހުންނާ މުޚާޠަބުކޮށް ދެއްވި ހަރުކަށި ޚިތާބު އަޑުއެހުމަށް ފަހުއެވެ. އެ ޚިތާބުގައި އޭނާ ވަނީ އިންތިޚާބުގެ ނަތީޖާ ތަސްދީގު ނުކުރުމަށް ކޮންގްރެސްގެ މެންބަރުންނަށް ޕްރެޝަރކުރުމަށް ކެޕިޓޯލް އިމާރާތާ ދިމާއަށް ދިއުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މިއީ ހަމަނުޖެހުން އުފެއްދުމަށް ޓްރަމްޕް ހިއްވަރު ދެއްވުންކަމުގައި ބެލެވޭނެ ކަމެއް ކަމަށް ގާނޫނީ މާހިރުން ވިިދާޅުވެއެވެ.

ރައީސް މަގާމުން ދުރުކުރުމަކީ ބައެއް ހާލަތްތަކުގައި ނާއިބު ރައީސަށް ކުރެވިދާނެކަމެއް

އެމެރިކާގެ ދަސްތޫރުގެ 25 ވަނަ މާއްދާ ބުނާ ގޮތުން އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިއްޖެނަމަ ރައީސް މަގާމުން ދުރުކުރުމަކީ އެމެރިކާގެ ވަޒީރުންގެ އަޣްލަބިއްޔަތު ލިބިއްޖެ ހާލަތެއްގައި ނާއިބު ރައީސަށް ކުރެވިދާނެކަމެކެވެ. މިކަން ކުރަން ބޭނުންނަމަ ނައިބު ރައީސް ކޮންގްރެސް އަށް އެކަން އަންގަންޖެހޭނެއެވެ. މި މާއްދާއަށް މިހާތަނަށް އަމަލުކޮށްފައެއް ނުވެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް ގެ އިމާރާތުގެ ބައެއް ތަންތަން ހަލާކު ކުރަނީ

ނަމަވެސް މިމަހުގެ 6 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން އޭނާގެ ތާއީދާއެކު ކޮންގްރެސް ގެ އިމާރާތަށް ހަތިޔަރާއެކު ވަދެގަނެ އެތަން ލޫޓުވައި ތަކެއްޗަށް ބޮޑެތި ގެއްލުންތައްދީ ބައެއް ލިޔެލިޔުންތައް ވަގަށްނެގި މައްސަލާގައި ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި އެމެރިކާގެ ދަސްތޫރުގެ 25 ވަނަ މާއްދާގެ ބޭނުން ހިފުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސްބޭފުޅުން ނައިބު ރައީސް މައިކް ޕެންސަށްވަނީ ގޮވާލައްވާފައެވެ. ނަމަވެސް މިކަމަށް އިޖާބަ ދެއްވާނެކަން ނުވަތަ ނޫންކަން ޕެންސް ހާމަކުރައްވާފައެއް ނުވެއެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމާބެހޭގޮތުން އޭނާގެ ވަޒީރުން މަޝްވަރާ ކުރެއްވި

ޓްރަމްޕަށް ސަޕޯޓްކުރާ އޭނާގެ އަރިސް ބައެއް ބޭފުޅުންނާއި އޭނާގެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ފަރާތްތަކުންވެސްވަނީ ހަމަނުޖެހުން އުފެއްދުމަށް ޓްރަމްޕް ހިއްވަރު ދެއްވި ކަމަށް ވިދާޅުވެ ޓްރަމްޕް މަގާމުން އަޒުލު ކުރަން ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. މިމައްސަލައާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ޓްރަމްޕް ކުރައްވާ ބައެއް އަމުރުތަކަށް އަމަލު ނުކުރުމަށްވެސް އޭނާގެ ސަރުކާރުގެ ބައެއް އިސްބޭފުޅުންވަނީ ނިންމަވާފައެވެ. މަގާމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުގެ ނައިބު ހިމެނެއެވެ.

ކޮންގްރެސްގެ އިމާރާތަށް އަރައިގަތް މައްސަލައާ ގުޅިގެން ޓްރަމްޕް މަގާމުން ދުރުކުރުމާބެހޭގޮތުން ޓްރަމްޕްގެ ސަރުކާރުގެ ވަޒީރުންގެ މެދުގައި ނުރަސްމީކޮށް މަޝްވަރާ ތަކެއް ކުރެވުނު ކަމަށްވެއެވެ. ނަމަވެސް މިކަމަށް ނާއިބު ރައީސް މައިކް ޕެންސްގެ ތާއީދު ނެތުމުން އެކަން ހުއްޓާލީ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)