މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ގއ. ދެއްވަދޫގައި ކޮވިޑު ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 200 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު "ސަން"އަށް ވިދާޅުވީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރު ކޭސްތައް ފެނިއްޖެނަމަ، ސާމްޕަލް ނަގާ އަދަދު އިތުރުކުރާނެ ކަމަށެވެ.

"އިތުރު 200 ރެންޑަމް ސާމްޕަލް ނަގަން ޓާގެޓް ކޮށްގެން މިއުޅެނީ. އެއާ ގުޅިގެން އިތުރަށް މީހުން ޕޮޒިޓިވްވަމުންދާނަމަ އިތުރަށްވެސް ސާމްޕަލް ނަގާނެ،" ތައުފީގް ވިދާޅުވި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ 120 ސާމްޕަލް ނެގުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށެވެ.

"މިހާރު 120 ސާމްޕަލް ނަގާ އެ ނިމެނީ. މި ބަލަނީ މިރެއިން މިރެއަށް މާލެއަށް ފޮނުވައިގެން އާޖެންޓްކޮށް ނިންމޭތޯ. އެހިސާބުން އެނގޭނީ ރަށުގެ ޖުމުލަ ހާލަތު،" ޝަރީފް ވިދާޅުވި އެވެ.

ދެއްވަދުއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24ވަނަ ދުވަހުގަ އެވެ. އެދުވަހު ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެ އެވެ.

އަތޮޅު ހޮސްޕިޓަލުން އެންމެ ފުރަތަމަ އެންގީ އެކުއްޖާގެ ޓެސްޓު ނަތީޖާ ވައިރަހަށް ނެގެޓިވް ކަމަށް ދެއްވަދޫ ކައުންސިލުން ބުނިނަމަވެސް ޝަރީފް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ނަތީޖާ ގަބޫލުނުކޮށް އަލުން ޓެސްޓުކުރަން ކުއްޖާގެ މަންމަ އެތައް ފަހަރަކު ގުޅައިގެން އެދުނު ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މެޝިން ދޮގެއް ނުހަދާނެއޭ. އެ ކުއްޖާގެ އާއިލާ އިން މާ ފަސޭހަ ކޮށްލީ. ހޯމް ކަރަންޓީންގައި ތިއްބާ، ނަތީޖާވެސް ގަބޫލު ނުކޮށް، ބޭރުން އައި ބަޔަކު އެގެއަށް ވައްދައި، ކުއްޖާ އުރަން ދިނީ. ސިއްހީ މަރުކަޒުންވެސް އެތައް އާދޭހެކޮށް ނަހޭހަތް ދިން ޕޮޒިޓިވް އޭ، އެއްވެސް މީހަކާ ގާތް ނުވައްޗޭ. ނަމަވެސް އެ އިރުޝާދުތަކަށް ތަބާނުވެ ކުއްޖާ އެހެން މީހުންގެ އަތަށް ދިނީމަ އެމީހުންވެސް ޕޮޒިޓިވް. މުޅި ރަށް މިދިޔައީ ނުރައްކަލަކަށް،" ޝަރީފް ވިދާޅުވި އެވެ.

ދެއްވަދުއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 10 މީހުންނެވެ.