ބެއިޖިން (ޖެނުއަރީ 8): ޗައިނާގެ އުތުރުގައި އޮންނަ ޝިޖަޖުއަން ސިޓީން އެއް ދުވަސް ތެރޭ 119 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން އެ ސިޓީގެ 11 މިލިއަން މީހުން ފުރަބަންދުކޮށްފި އެވެ.

ޗައިނާގެ ހީބެއި ޕްރޮވިންސުގައި އޮންނަ ޝިޖަޖުއަންއިން މިދިޔަ ބުދަ ދުވަހު ފެނުނު ކޭސްތަކަކީ ފާއިތުވި ފަސް މަސް ތެރޭ އެ އެގައުމުން އެއް ދުވަސް ތެރޭ ފެނުނު އެންމެ ގިނަ ކޭސްތަކެވެ.

އެހެންކަމުން ޝިޖަޖުއަންއިން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޓީގައި ދިރިއުޅޭ މީހުން ސިޓީން ބޭރަށް ދިޔުން މަނާކޮށް، ސްކޫލްތައް ބަންދު ކުރުން ހިމެނެ އެވެ. އަދި ބަހާއި ރޭލުގެ ހިދުމަތް މެދުކަނޑާލާ، ގެއިން ބޭރުގައި އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ޝިޖަޖުއަންގެ މޭޔަރުގެ ނައިބު ވިދާޅުވި ގޮތުގައި އެ ސިޓީގެ ފަސް ހޮސްޕިޓަލެއް މިހާރު ވަނީ ކޮވިޑް-19 ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭން ހާއްސަކޮށްފަ އެވެ. އަދި ބަލި މީހުންގެ އަދަދު ގިނަވެއްޖެ ނަމަ އެ ލިސްޓަށް ތިން ހޮސްޕިޓަލެއް އިތުރު ކުރެވޭނެ އެވެ.

މީގެ އިތުރުން ޝިޖަޖުއަންގައި ދިރިއުޅޭ އެންމެން ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށްޓަކައި 5،000 ޓެސްޓިން ސްޓޭޝަން ވަނީ ގާއިމު ކޮށްފަ އެވެ.

ޗައިނާއިން މީގެ ކުރިންވެސް ވައިރަހުގެ ކްލަސްޓާތައް ފެންނަ ސިޓީތައް ބަންދުކޮށް، ކުޑަ ދުވަސްކޮޅެއް ތެރޭ ސިޓީގެ އެންމެން ޓެސްޓުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ގިންޑާއޯ ސިޓީން ބަލީގެ 12 ކޭސް ފެނުމުން، ފަސް ދުވަސް ތެރޭ އެ ސިޓީގެ ނުވަ މިލިއަން މީހުން ޓެސްޓު ކުރި އެވެ.

ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަހަށް އެގައުމުން މިހާތަނަށް 87,278 މީހަކު ޕޮޒިޓިވްވެ، ބަލީގައި 4,634 މީހަކު މަރުވެފައިވެ އެވެ.