ސަތޭކަ އަށްޑިހަފަސް ބިލިއަން ޑޮލަރުގެ ނެޓްވޯތަކާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އިލޮން މަސްކް އަށް ލިބިއްޖެ އެވެ. މަޝްހޫރު ކާރު ކުންފުނި ޓެސްލާއާއި ސްޕޭސް އެކްސްގެ ވެރިޔާ މަސްކް މި މަގާމަަށް އައިސްފައިވަނީ ބުރާސްފަތި ދުވަހު ޓެސްލާގެ ހިއްސާގެ އަގު މަތިވުމާއެކުގަ އެވެ.

މީގެކުރިން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު އޮތީ އެމޭޒަންގެ ފައުންޑާ ޖެފް ބޭޒޯސް އެވެ. ޓެސްލާކުންފުނީގެ ހިއްސާގެ އަގު 700 ބިލިއަންއަށް އަރާފައިވާއިރު މިއީ ޓޮޔޯޓާ، ޖީއެމް، ފޯޑް ،އަދި ފޯކްސްވޭގަން އެއްކޮށްލުމަށްފަހު ލިބޭ ވަރަށްވުރެ އިތުރު ފައިދާއެކެވެ.

ފޮޓޯ:ޓްވިޓާ

މި ޚަބަރަށް އިލަން މަސްކް ޖަވާބު ދީފައިވަނީވެސް ތަފާތު ގޮތަކަށެވެ. ޓްވިޓާގައި އޭނާ ބުނެފައިވަނީ އެއީ އޭނާ ހައިރާންވާފަދަ ޚަބަރެއް ކަމަށެވެ. މަސްކްގެ ޓްވީޓަށް އެތައް ސަތޭކަ ބަޔަކު ރިޕްލައިކުރަން ފެށުމާއެކު އޭނާ ބުނީ އަނެއްކާވެސް މަސައްކަތަށް އެނބުރި ދަނީ ކަމަށެވެ.

އޭނާ ބުނާ ގޮތުގައި އޭނާއަށް ލިބޭ ފައިސާގެ ދެބައިކުޅައެއްބައި ޚަރަދުު ކުރަނީ ދުނިޔެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށެވެ. އަދި މާސްގައި ސިޓީއެއް ގާއިމުކުރުމަށްޓަކައިވެސް އޭނާ ދަނީ ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. އޭނާ ބުނާގޮތުން މިއީ ދުނިޔެއަށް ގެއްލުމެއް ކުރިމަތިވެ، ނުވަތަ ތިންވަނަ ބޮޑު ހަނގުރާމައެއް ކުރިމަތިވެ ނޫޅެވޭ ވަރުވާ ދުވަހަކަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެކެވެ.

މަސްކްގެ މި ކާމިޔާބީ އާއި އެމެރިކާގެ ޑިމޮކްރަޓުންނަށް ސެނެޓުގައި ލިބުނު އަޤްލަބިއްޔަތާއިވެސް ވަނީ ގުޅިފައެވެ. ޑިމޮކްރަޓުންގެ ތިމާވެއްޓާއި ރަށްޓެހި އެޖެންޑާއާއެކު ކަރަންޓް ކާރުތައް ވިއްކާ ޓެސްލާ ކުންފުންޏަށް އިލެކްޓްރިކް ވެހިކަލް ޓެކްސް އިން ބޮޑެތި ފުރުސަތުތަކެއް ލިިބިގެންދާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.