ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދާ ދެކޮޅަށް، ކުރީގެ ވެރިކަމުގެ ދުވަސްވަރު ކުރެވުނު ތުހުމަތަކީ އޭނާއަކީ "އެމްޑީޕީ ޤާޟީއެއް" ކަމުގެ ތުހުމަތެވެ. އެއީ އެއިރުވެސް ސަރުކާރުގެ މަޞްލަޙަތުތައް ޙިމާޔަތް ކުރެއްވުމަށްޓަކައި އިންޞާފުން ބޭރުން އޭނާ ޙުކުމް ނުކުރައްވާތީވެ، ބައެއް ފަރާތްތަކުން ކުރި ތުހުމަތެކެވެ. އެއިރުގެ ސަރުކާރުގެ ބަންޑާރަ ނާއިބު، ޑރ. ޙަސަން ސަޢީދު، އިސްޤާޟީ ޢަބްދުﷲ އާ ދެކޮޅަށް ޝަކުވާތަކެއް ވެސް އެއިރުގެ ރައީސް މައުމޫނަށް ހުށަހެޅުއްވިއެވެ.
ދެން އައީ މި ދައުރެވެ. ޑިމޮކްރެސީ އާއި ވަޠަން އެދޭ ގޮތުގެ ޒަމާނެވެ. މިއަދުވެސް އިސްޤާޟީ ޢަބްދުﷲ އަކީ ސަރުކާރުގެ މަޞްލަޙަތުތައް ޙިމާޔަތް ކުރެއްވުމަށްޓަކައި ވަކި ގޮތަކަށް ޙުކުމް ކުރައްވާ ޤާޟީއެއް ނޫނެވެ. އެހެންކަމުން، އިސްޤާޟީ ޢަބްދުﷲ މުޙައްމަދަށް އެއިރުވެސް، މިހާރުވެސް ފާޑުކިޔުންތައް އަމާޒުވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ޙުކުމް ކުރެއްވުމުގައި ބާރު އޮތް ބައެއްގެ ބާރުވެރިކަމުގެ ނުފޫޒުގެ ދަށުވެވަޑައިނުގަންނަވާތީ ކަމަށް ބުނެވިދާނެއެވެ. އެހެން ނުބުނެވޭނެ، ނުކިޔޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އިސްޤާޟީ ހައްޔަރުކުރުން

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސަސްގެ ފަރާތުން، 16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، އިސްޤާޟީ ޢަބްދުﷲ ދިރިއުޅުއްވާ ގެކޮޅުގެ ދޮރު ހަލާކު ކޮށްލައިގެން އެގެއަށް ވަދެ، އިސްޤާޟީ ޢަބްދުﷲ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އޭނާގެ ޢާއިލާގެ މެންބަރުންނާއި، ޖިނާއީ ކޯޓުގެ ބައެއް ފަނޑިޔާރުންގެ ޙާޟިރުގައެވެ. އިސްޤާޟީ ޢަބްދުﷲ މުޙައްމަދުގެ އަނބިކަނބަލުންނާއި ބޭފުޅުން ކީރިތިކުރައްވަމުން ގެންދަވަނިކޮށް، އެ ބޭފުޅުންގެ ޙުރުމަތަށް ވެސް ފަރުވާލެއް ނުބަހައްޓައެވެ.

މިގޮތުގެ މަތީން އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އެތައް މާއްދާތަކަކާ ޚިލާފަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދުގެ ބާރު ކަނޑުވާލާފައެވެ. އަދި ޤާނޫނުގެ ބާރު ދެމެހެއްޓުމާ ބެހޭ އަސާސީ އުޞޫލުތަކާއި، ޝަރްޢީ ދާއިރާއަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ އަސާސާ ޚިލާފަށެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވެސް، ރާއްޖޭގެ އެއްވެސް ޤާނޫނެއް އަދި ޤަވާޢިދެއްގައި ވެސް، އެ މާއްދާއެއްގައި އޮބި އަޅައި، ދިޔަ ފެލާލައިގެން ވެސް، އިސްޤާޟީ ހައްޔަރުކުރެވުނީ ޤާނޫނީ ހަމަތަކުގެ މަތީންކަމުގެ މާނަ އެ މާއްދާއަކުން ނެރެވޭނެ އެއްވެސް މާއްދާއެއް ނެތެވެ.

އިސްޤާޟީ ޢަބްދުﷲ ހައްޔަރުކުރެވުނުތާ 24 ގަޑި އިރަށް ވުރެ ގިނަ ވަގުތު ފާއިތު ވެގެން ދިޔައިރުވެސް، އޭނާ ވީ ތަނަކާއި ޙާލުކޮޅު ހުރި ގޮތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ދޭން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސަސްގެ ފަރާތުން ހާމައެއް ނުކުރެއެވެ. އެކަމަށް އެދި ޢާއިލާއިން ކުރަމުން ދިޔަ އާދޭސްތަކަށް ވެސް އެމްއެންޑީއެފުން ކޮށްފައިވަނީ އިންކާރެވެ.
އިސްޤާޟީ ޢަބްދުﷲ ވަގުތުން މިނިވަންކޮށް ދޫކޮށްލަން ގޮވާލައްވައި، 16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ބަޔާނެއް ނެރުއްވާފައި ވެއެވެ. ހަމަ އެރޭ، އިސްޤާޟީ ޢަބްދުﷲ ވަގުތުން މިނިވަންކޮށް ދޫކޮށްލަން، ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސަސްގެ މައްޗަށް އަމުރުކުރައްވާފައި ވެއެވެ. އަދި އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ވަގުތުން މިނިވަންކޮށް ދޫކޮށްލަން 17 ޖެނުއަރީ 2012 ވީ އަންގާރަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ކޯޓު އަމުރެއް ނެރުއްވާފައި ވެއެވެ. 17 ޖެނުއަރީ 2012 ވީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ހަމަ އެފަދަ އަމުރެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައި ވެއެވެ. އަދި އިސްޤާޟީ ޢަބްދުﷲ ވަގުތުން މިނިވަން ކުރުމަށް ގޮވާލައި، ކްރިމިނަލް ކޯޓުން ވެސް 17 ޖެނުއަރީ 2012 ވީ އަންގާރަ ދުވަހު ނޫސް ބަޔާނެއް ނެރެފައި ވެއެވެ. މި ބަޔާން ކުރެވުނު އަމުރުތަކާއި ބަޔާންތަކުގައި، އިސްޤާޟީ ޢަބްދުﷲ ހައްޔަރުކުރެވިފައިވަނީ ޤާނޫނުއަސާސީއާއ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅިގެން ބުނެފައި ވެއެވެ. މިއިން އެއްވެސް އަމުރަކަށް، އަދި ގޮވާލުމަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސަސްގެ ފަރާތުން އިޖާބަ ދީފައެއް ނުވެއެވެ.

ހަމައެފަދައިން، ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓި އަލްފާޟިލް ޠަލްޙަތު އިބްރާހީމް ކަލޭފާނަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 17 ޖެނުއަރީ 2012 ގައި ދިވެހިރާއްޖޭގެ ޢަސްކަރިއްޔާއިން އިސްޤާޟީ ޢަބްދުﷲ ހައްޔަރުކޮށްފައިވަނީދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ބައިނަލްއަޤުވާމީ އުޞޫލުތަކާ ޚިލާފަށެވެ. މި އަޑުވެސް ޖެހުނީ ބީރު ކަންފަތްތަކެއްގައެވެ.

ހައްޔަރުކުރުމާ ބެހޭގޮތުން ސަރުކާރާއި ޢަސްކަރިއްޔާގެ ބުނުން

އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކުރެވުނު ސަބަބާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ބައެއް އިދާރާތަކާއި، އިސް ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވާ އިރު، އެ ދެއްކެވި ވާހަކަފުޅުތަކުގައި ޚިލާފުތަކެއް ވެއެވެ. މިއިން ވެސް ސާފުވެ އެނގެނީ އެކަން ކުރުމުގައި ސަރުކާރުން ޤާނޫނީ ބިންގަލެއްގެ މަތީގައި، ޤާނޫނީ އިމުގެ ތެރޭގައި، ޤާނޫނާ އެއްގޮތަށް، ޤާނޫނުން ބާރު ހޯދައިގެން ޢަމަލުކުރަން ވިސްނާފައި ނުވާ ކަމެވެ. އެފަދަ ގޮތަކަށް ވިސްނިނަމަ، އެ ޢަމަލު ކުރުމުގެ ކުރީންވެސް އެ ޢަމަލު ކުރަންވީ ޤާނޫނީ ތަރަހަ އޮތީހީ ސާބިތުކުރެވިފައެވެ. އަދި އެ ތަރަހައަކީ ކޮބައިކަން، ސަރުކާރުގެ އިސް ވެރީންނަށް އެއް ދޫފުޅަކުން ވިދާޅުވެދެއްވުނީހެވެ.

އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކުރުމާ ބެހޭގޮތުން، މައިގަނޑު ގޮތެއްގައި ސަރުކާރުން ދެ "ސަބަބެއް" ދައްކާފައި ވެއެވެ.
އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޯރ ލީގަލް އެފެއަރޒް އަލްއުސްތާޛު ޙިޞާން ޙުސައިން، 16 ޖެނުއަރީ 2012 ގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީޙަށް ފޮނުއްވި ސިޓީފުޅެއްގައި ބަޔާންކުރެއްވި ބަހަނާއެވެ. އެ ސިޓީގައި ވާ ކަމަށް މީޑިއާގައި މަޢްލޫމާތު ފެތުރިފައި ވަނީ، އިސްޤާޟީ ޢަބްދުﷲ މައްޗަށް ބައެއް ފަރާތްތަކުން ކޮރަޕްޝަނުގެ ތުހުމަތުތައް ކުރަމުން ގެންދާތީ، އެ މައްސަލަތައް ބައްލަވައިދެއްވުމަށް ފުލުހުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ވާހަކައެވެ.

ދެވަނަ ސަބަބަކީ، އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކުރުމަށް ފަހު، ރައީސުލް ޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ޒުހައިރު ދެއްކެވި ވާހަކައެވެ. ޒުހައިރު ވިދާޅުވިގޮތުގައި، އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކުރެވުނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އޭނާގެ ތައުދީބީ މައްސަލައެއް ބެއްލެވުމަށްފަހު، ފިޔަވަޅު އެޅުން ކޯޓު އަމުރެއްގެ ސަބަބުން ލަސްވަމުންދާތީ ކަމަށެވެ.

މި ދެ ސަބަބުގެ އިތުރުން، ސަރުކާރުގެ ވަޒީރުންގެ ތެރެއިން، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަލްފާޟިލް ޠަލްޙަތު އިބްރާހީމް ކަލޭފާނާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަލްފާޟިލް އަޙުމަދު ނަސީމް ފަދަ ބޭފުޅުން ވަނީ އިސްޤާޟީ ޢަބްދުﷲ މައްޗަށް އެކިއެކި ތުހުމަތުތައް ކުރައްވައި، ޢާއްމު މަނައްސާތަކުގައި އެތައް ވާހަކައެއް ދައްކަވާފައެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފަރާތުން ވަނީ ޙަޤީޤަތާ މުޅީން ޚިލާފަށް، މީޑިއާ ބަޔާނެއް ނެރުއްވައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ ބަޔާން ފަތުރުއްވަވައިފައެވެ. އެ ބަޔާނުގައި ވެސް އިސްޤާޟީ ޢަބްދުﷲ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގޮންޖައްސަވާކަމަށް ވިދާޅުވެ، އެއްވެސް ބިންގަލެއް ނެތް ވާހަކަތައް ލިޔުއްވާފައި ވެއެވެ.

ސަރުކާރުގެ އިސް ވެރީންގެ މި ދެންނެވި ބަޔާންތަކުން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މަންޒަރަކީ ދުނިޔޭގެ ތާރީޚާއި މަސްރަޙަށް ބަލައިލުމުން ޢާއްމުކޮށް ފެންނަ މަންޒަރެކެވެ. އެ މަންޒަރަކީ، ތިމާމެންގެ އަތްތަކުން މަޒުލޫމަކަށް ދެވޭ އަނިޔާ ދިފާޢު ކުރުމަށްޓަކައި، އެ މަޒުލޫމަކީ ހުރިހާ އަދަބެއް ވެސް ހައްގު ވާ ވަރުގެ ނުބައި ޒާލިމެއް ކަމަށް ދެއްކުމަށް ދޮގުވެރިކަމާއި މަކަރުވެރިކަމާ އެކު މަސައްކަތް ކުރެވޭ މަންޒަރެވެ. އިނގިރޭސި ޢިބާރާތަކުން ދަންނަވާ ނަމަ، މިއީ "ޑީމަނައިޒިން އެންޑް ވިލިފައިންގ ދަ ވިކްޓިމް" އެވެ. އިސްޤާޟީއާ ދެކޮޅަށް ސަރުކާރު ހިންގާ ޕާޓީގެ އެކިވަރުވަރުގެ ލީޑަރުން މިގޮތުން ދައްކަވާ ވާހަކަތަކަށް ބަލައިލުމުން އެ ވާހަކަތައް ފެންނަނީ ވަރަށް ވެސް އަނަރޫފަކޮށެވެ. ވަރަށް ވެސް ތާން ދެރަކޮށް މެއެވެ.

އިސްޤާޟީ ހައްޔަރު ކުރެވުނީ ޤާނޫނާ ޚިލާފަށް

ފަނޑިޔާރަކާ ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވިއްޖެ ނަމަ އެ މައްސަލަ ބަލަން ޖެހޭ ގޮތްތައް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައެޅި ބަޔާންވެފައި އެބައޮތެވެ. ޤާނޫނު އެކި ގޮތްގޮތަށް މާނަ ކޮށްގެން، މުމްކިން އެތައް މާނައެއް ނެގިޔަސް، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞްތަކުން ބޭރެއް ނުކުރެވޭނެއެވެ. މިފަދަ މައްސަލަތަކުގައި ފުލުހުންނާއި ސިފައިންގެ އެއްވެސް ދައުރެއް ނެތެވެ. ފަނޑިޔާރެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނަސް ފުލުހުންނަށް ފަނޑިޔާރަކު ހައްޔަރެއް ނުކުރެވޭނެއެވެ. އެކަމަކަށް ޤާނޫނު ތަނެއް ނުދެއެވެ.

އިސްޤާޟީ ހައްޔަރު ކުރީ ދިވެހި ސިފައިންގެ އިދާރާއިން ކަމަށް ވާއިރު، ސިފައިންނަށް ފަނޑިޔާރަކު، ނުވަތަ މަދަނީ އެއްވެސް ފަރުދަކު ޖިނާއީ މައްސަލައެއް، ނުވަތަ އިދާރީ ތައުދީބީ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރެވިދާނެތޯ، މިއީ ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި އުފެއްދޭނެ، ކުރެވޭނެ ސުވާލެއް ވެސް ނޫނެވެ. އެކަމެއް ނުކުރެވޭނެއެވެ.

ދެން އޮތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވާފައިވާ، އިސްޤާޟީ ޢަބްދުﷲ ގެ ތައުދީބީ މައްސަލައިގެ ވާހަކައެވެ. އިސްޤާޟީ ޢަބްދުﷲ ގެ މައްޗަށް ތުހުމަތު ކުރެވެނީ ދިޓީވީގެ ޕްރޮގްރާމެއް މެދުވެރިކުރައްވައި، ސަރުކާރާ މެދު ވިދާޅުވެގެން ނުވާނެ ބަސްތަކެއް ވިދާޅުވިކަމުގެ ތުހުމަތެވެ. ނަމަވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްޤާޟީގެ މި ދަންނަވާ މައްސަލަ ބައްލަވައި، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތު ސާބިތުވާކަމަށް ނިންމަވާފައިވާ އިރު، މިއަދާ ހަމަޔަށް ވެސް ކޮމިޝަނަށް އިސްޤާޟީ ޢަބްދުﷲ ވިދާޅުވި ކަމަށް ތުހުމަތު ކުރެވޭ ޢިބާރާތް ހިމެނޭ ވީޑިއޯއެއް ނުވަތަ އޯޑިއޯއެއް ފަދަ އެއްޗެއް، ޤަޠުޢީ ހެއްކެއްގެ ގޮތުގައި ހުށަހެޅިފައެއް ނުވެއެވެ. ފެންނަން އޮތް ވީޑިއޯ ކްލިޕްގައި، ޢަބްދުﷲ ވިދާޅުވިކަމަށް އެބުނާ ޢިބާރާތެއް ނެތެވެ. އެހެންކަމުން، އިސްޤާޟީގެ މައްޗަށް ތައުދީބީ ތުހުމަތު ސާބިތުވާކަމަށް ކޮމިޝަނުން ނިންމި ނިންމުމަކީ ވެސް ޢަދުލު އިންޞާފުގެ ނަޒަރުން ބަލާއިރު، ވަރަށްވެސް ސުވާލުއުފެދޭ ނިންމުމެކެވެ.

އަނެއްކޮޅުން، މައްސަލައިގެ ތަޙްޤީޤު ނިންމާލެއްވުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ތަޙްޤީޤަށް ފަހު އެކުލަވާލެވުނު ރިޕޯޓް އިސްޤާޟީ ޢަބްދުﷲ އަށް އަރުވާފައެވެ. އަދި އެ ރިޕޯޓަށް ޖަވާބުދާރީވުމަށް އިސްޤާޟީ ޢަބްދުﷲ އަށް 30 ދުވަހުގެ މުއްދަތެއް އަރުވާފައެވެ. މިއީ ކޮމިޝަނުން ޤާނޫނާ ޚިލާފަށް، ނުވަތަ ވަކި ފަރާތެއްގެ ނުފޫޒުގައި، ނުވަތަ އިސްޤާޟީ ޢަބްދުﷲ އަށް ޚާއްޞަ ޢިނާޔަތެއްގެ ގޮތުގައި ކުރެއްވި ކަމެއް ނޫނެވެ. އެއީ ކޮމިޝަނުގެ ޤާނޫނުގައި އެކަން ކުރުމަށް އޮންނަ އިޖުރާއާތުގެ ދަށުން ކުރެއްވި ކަމެކެވެ. އެ 30 ދުވަހުގެ ތެރޭގައި ޢަބްދުﷲ ވަނީ އެ މައްސަލައާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އެއީވެސް ޤާނޫނުތަކުން އިސްޤާޟީ ޢަބްދުﷲ އަށް ލިބިދޭ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ. އެ ޙައްޤަކީ އިދާރީ ފިޔަވަޅުތަކާ ގުޅިގެން ތިމާގެ ޙައްޤު ޙިމާޔަތްކުރުމަށްޓަކައި ކޯޓުތަކުގެ ބޭނުން ހިފުމުގެ ޙައްޤެވެ. ސިވިލް ކޯޓުން، ޢަބްދުﷲ ގެ މައްޗަށް ފިޔަވަޅު އެޅުން މަޑުޖައްސާލަން އަމުރު ކޮށްފައި ވަނީ، އެ މައްސަލައިގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރެވެންދެނެވެ. އެއީވެސް ޤާނޫނުތަކުގެ އަލީގައި، ޤާނޫނީ ތަރަހައިގެ މައްޗަށް ބިނާކުރެވިގެން ނިންމުނު ނިންމުމެކެވެ. އިސްޤާޟީ ޢަބްދުﷲ އަށް އެރުވުނު ޚާއްސަ ޢިނާޔަތެއް ނޫނެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބަލާ އިރު، އެއްވެސް ސަބަބަކާ ލައިގެން މަދަނީން ހައްޔަރު ކުރެވޭނީ ދިވެހި ފުލުހުންނަށެވެ. ފުލުހުންނަށް އެކަން ކުރެވެނީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާއި، 48 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 3 ވަނަ މާއްދާއާއި، "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ކަނޑައެޅިގެންވާ އުޞޫލުތަކުގެ ދަށުންނެވެ. މި ދެންނެވި ޤާނޫނީ އުޞޫލުތަކުގެ ދަށުން ވެސް އެއްވެސް މަދަނީއަކު ހައްޔަރުކުރުމުގެ ބާރު ދިވެހި ސިފައިންނަކަށް ލިބިގެންނެއް ނުވެއެވެ.

ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތާއި، ހައްޔަރުކުރެވޭނެ ގޮތް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 9 ވަނަ މާއްދާއާއި 12 ވަނަ މާއްދާގައި ކަނޑައެޅިފައި އެބައޮތެވެ. އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކުރެވުނީ މި ދެންނެވި ޤާނޫނީ މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއީ އުޞޫލުތަކާ ވެސް ދިމާ އިދިކޮޅަށެވެ.

އެހެންކަމުން އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކުރެވުނީ ޤާނޫނީ ބިންގަލެއްގެ މަތީގައި ކަމަށް ބުނެވޭނޭ އެއްވެސް ހަމައެއް ނެތެވެ. ޢަބްދުﷲ އާ ދެކޮޅަށް ތައުދީބީ ކިތަންމެ މައްސަލައެއް ހުށަހެޅިފައި އޮތަސް، އެ މައްސަލަތައް ބަލަން ކަނޑައެޅިފައި އޮތް އިޖުރާއާތުތައް އެއްފަރާތްކޮށް، އޭނާއާ މެދު ސަރުކާރުން އަމަލުކުރި ބީދައިން އަމަލުކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ.

ޤާނޫނުގެ ބާރު ދެމެހެއްޓުމުގެ ބޭނުން

ޚާއްޞަ އިޖުރާއާތެއްގެ ދަށުން ފަނޑިޔާރުން ހައްޔަރު ކުރެވޭނެ ކަމަށް ޤާނޫނުގައި ކަނޑައެޅިފައިވަނީ ފަނޑިޔާރުންނަށް ދެވޭ އިމްތިޔާޒެއްގެ ދަށުންނެވެ. އެ އިމްތިޔާޒަކީ ހަމައެކަނި ރާއްޖޭގެ ޤާނޫނުތަކުން ރާއްޖޭގެ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒެއް ނޫނެވެ. އެއީ ދުނިޔޭގެ ތަހުޒީބީ ހުރިހާ މުޖުތަމަޢުތަކެއްގައި ވެސް ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒެކެވެ. އެ އިމްތިޔާޒު ދިނުމުގެ ބޭނުމަކީ ތިންބާރު ވަކިވެގެންވާ ދުސްތޫރީ ނިޒާމެއްގައި، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތްކުރާ ފަނޑިޔާރުންނަކީ ވެރިކަން ހިންގާ ބާރުގެ ނުފޫޒާއި ބާރުވެރިކަމުން މިނިވަންވެފައި ތިބޭ ބަޔަކަށް ހެދުމެވެ. ފަނޑިޔާރަކު ނިންމާ ނިންމުމަކާ މެދު ސަރުކާރު ނުރުހޭ ދަނޑިވަޅުތަކުގައި، ފަނޑިޔާރުންނާ ދެކޮޅަށް ތަޙްޤީޤު ކުރުމާއި، ހައްޔަރުކުރުން ފަދަ ބިރުދެއްކުމުގެ، ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ހިންގުނަ ނުދިނުމެވެ.

ޤާނޫނުތަކާ ޚިލާފަށް އިސްޤާޟީ ޢަބްދުﷲ ހައްޔަރު ކުރެވުނު ކުރެވުން އަޅުގަނޑުމެން ޤަބޫލުކޮށް، ވަކި ފަރާތްތަކެއްގެ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ މަގު ފަހި ކުރުމަށްޓަކައި ގުރުބާން ކޮށްލެވޭ "ސްކޭޕްގޯޓަކަށް" އިސްޤާޟީ ޢަބްދުﷲ ހަދައިފިނަމަ، އޭގެ ނަތީޖާއަކަށް ވާނީ ކުރިޔަށް އޮތް ތަނުގައި ވެރިކަން ހިންގާ ބާރާ މެދު ފަނޑިޔާރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުމެވެ.

އެހެންވެއްޖެ ޙާލަތެއްގައި، ރައްޔިތަކާ މެދު ވެރިކަން ހިންގާ ބާރުން ހިންގައިފި ނޭއްގާނި އެއްވެސް ޢަމަލަކާ ގުޅިގެން، ރައްޔިތުމީހާއަށް ޢަދުލު އިންޞާފު ލިބިދެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެއެވެ. އެ ޔަޤީންކަން އޮންނާނީ ފަނޑިޔާރުންގެ މިނިވަންކަން ރައްކާތެރި ކުރެވިގެންނެވެ. ވެރިކަން ހިންގާ ބައެއްގެ ހިތަށް އެރުމުން، ބާޒެއް އައިސް ފިޔޮކެއް ޖަހައިގަންނަ އުޞޫލުން، ފަނޑިޔާރުން ޖަހައިގަނެގެން ނުދެވޭނެ މާޙައުލެއް ދުސްތޫރީ ނިޒާމުގެ ތެރޭގައި ޤާއިމުވެފައި އޮވެގެންނެވެ. ޤާނޫނުގެ ބާރު ހިނގާ ނިޒާމެއް އޮވެގެންނެވެ. ބަޑިގުދަނުގެ ތަޅުދަނޑި ގެންގުޅޭ މީހާ ބޭނުންހައި ގޮތަކަށް ކަން ކުރާ ނިޒާމަކަށް ނޫނެކޭ ބުނެވިގެންނެވެ.