07 Jan 2021, 23:38
މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގް ގައި ބޭއްވި ކައިވެނި ޕާޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 97 އަށް އަރައިފި އެވެ.
ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އޭގެ ތެރެއިން 67 މީހުންނަކީ ޕާޓީއަށް ދިޔަ މީހުން ކަމަށެވެ.
އަދި 27 މީހުންނަކީ ޕޮޒިޓިވްވި މީހުންގެ ގޭގޭގައި ދިރިއުޅޭ މީހުން ކަމަށާއި، ޕޮޒިޓިވްވި މީހުން މަސައްކަތްކުރާ ތަންތަނުން ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ކްލަސްޓާއިން މިހާތަނަށް 287 ކޮންޓެކްޓުން ވަނީ ދެނެގަނެވިފައެވެ.
މި މަހުގެ ތެރޭގައި އެ ކްލަސްޓާއާ ގުޅުންހުރި، 27 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
އެ ޕާޓީއަށް 120 ވަރަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ މީގެކުރިން ބުނެފަ އެވެ.