ގއ. ދެއްވަދޫއިން 10 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮއްސި އެވެ.

ކައުންސިލް މެމްބަރު މައުމޫން އިބްރާހީމް "ސަން" އަށް ވިދާޅުވީ، އެންމެ ފުރަތަމަ އެރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެދުވަހު ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެ އެވެ.

މައުމޫން ވިދާޅުވީ އަތޮޅު ހޮސްޕިޓަލުން އެންމެ ފުރަތަމަ އެންގީ އެކުއްޖާގެ ޓެސްޓު ނަތީޖާ ވައިރަހަށް ނެގެޓިވް ކަމަށެވެ. އަދި އެކުއްޖާ ވައިރަހަށް ނެގެޓިވް ވުމުން ބައެއް މީހުން އެކުއްޖާ އުރާ ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފަހުން އެކުއްޖާގެ ނަތީޖާ ޕޮޒިޓިވްވުމުން ކޮންޓެކްޓުވި އެންމެން ވަނީ އެކަހެރިކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

"އެމީހާ ކަރަންޓީނު ކުރީ ދިރިއުޅޭ ގެއަކު ނޫން. އޭނަ ދިރިއުޅޭ ގެ ހުރީ މޮނިޓަރިންގަ އެއް ނޫން. ދެން އެމީހާ ޕޮޒިޓިވްވި ފަހުން، އޭނާ ދިރިއުޅޭ ގޭގެ މީހުންގެ ފަރާތުން އަލާމާތްތައް ފެންނަން ފެށީ. އަދި އެގޭގެ މީހަކު މަހަށް ދާ ދޯނީގަ އުޅޭ މީހުންގެ ފަރާތުން ވެސް އަލާމާތްތައް ފެންނަން ފެށިކަމަށް ވޭ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރަށު ތެރޭގައި އެވާހަކަ ދެކެވެން ފެށި ނަމަވެސް، އަލާމާތްތައް ފެނުނު މީހުން ވެސް ތިބީ ރަށުތެރެއަށް ވީއްލިފައި ކަމަށެވެ.

އަދި ފަހުން ސިއްހީ މަރުކަޒަށް ޝައްކުވެގެން، ޕޮޒިޓިވްވި މީހާ ދިރިއުޅޭ ގޭގެ މީހުންގެ ސާމްޕަލް ޓެސްޓުކުރި އިރު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ މީހަކު ވެސް ހިމެނޭ ކަމަށެވެ.

މިއަދުން ފެށިގެން އެ ރަށް މޮނިޓަރިންގ އަށް ލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގައިފަ އެވެ.

"މި ރަށުގައި އެބަ އޮތް ކޮމިއުނިޓީ ސްޕްރެޑެއް. އެންމެން ވެސް ބޭރުގަ އުޅުނީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެންނަ މީހުން އެބަތިބި ކަމަށާއި އެހެންކަމުން އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމަށެވެ. ނަމަވެސް ރަށުގައި ކޮވިޑް ފެތުރިފައި ވަނީ ބަޔަކު ހޯމް ކަރަންޓީނާ ހިލާފުވެގެން ނޫންކަން މައުމޫން ޔަގީންކޮށްދެއްވި އެވެ.

ކައުންސިލުން ވަނީ ރަށުގެ ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައިވެ އެވެ.