ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ތަމްރީނުތަކަށް ވީއްލާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުންނާ ގުޅޭގޮތުން އަމަލުކުރާނެ ގޮތްތަކެއް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި، މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ހަރަދުކުރެވުނު ފައިސާ އަނބުރާ ހޯދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ކުރިން އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަކުރެވޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

މަތީ މަގާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލި އިރު ހުރި މަގާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަގާމާ އެއް ރޭންކެއްގެ މަގާމަކަށް ވަޒީފާ ހަމަޖެއްސުމަށް ވެސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.

ވަޒީފާގެ ވާޖިބަކާ ގުޅުން ނެތް ތަމްރީނެއް ނުވަތަ، މަތީ މަގާމެއް ރިޒާވް ކޮށްގެން ތަމްރީނުތަކަށް ދޫކޮށް، ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުންނަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ހަރަދު އަނބުރާ އިދާރާތަކަށް ހޯދުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން ސިވިލް ސާވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސާވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ހަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ހަރަދުކުރި މުއްދަތަށް ރިއާޔަތްކޮށް، ދިވެހި ސިވިލް ސާވިސްއަށް ހިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ހިދުމަތްކުރާ ގޮތަށް ހަމަޖެއްސިދާނެ އެވެ.

އޭގެ އިތުރުން، ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ހަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި، އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދޭނެ އެވެ.

މި ފަހުން ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފަ އެވެ.