ކްރިމިނަލް ކޯޓުގަައި މިއަދު އޮތް ޝަރީއަތަކަށް ދައުލަތުގެ ވަކީލަކު ގަޑިއަށް ހާޒިރުނުވުމުން، ޕީޖީ އޮފީސް 250 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ދައުލަތުގެ ފަރާތުން ވަކީލުން ހާޒިރުވެފައި ނުވަނީ މިއަދު 10:00 ގައި ބީ2 ސެކްޝަންގައި އޮތް މައްސަލައަކަށް ކަމަށެވެ.

އެއީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންށީ ނިޔަތެއް އޮވެ ގަސްތުގައި އަތްލުމުގެ މައްސަލައެކެވެ. އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ޖަމާލު އުއްޑިން ކިޔާ ބަންގްލަދޭޝް މީހެއްގެ މައްޗަށެވެ.

އޮފިޝަލް ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ކޯޓު ޝެޑިއުލް ޕީޖީ އޮފީހާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ދައުލަތުގެ ފަރާތުން ޝަރީއަތަށް ވަޑައިގަންނަވާ ވަކީލުން ޕީޖީ އޮފީހުން ކޯޓަށް އަންގާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހާޒިރުވާ ވަކީލު ޕީޖީން އަންގާފައި ނުވާ ކަމަށާއި، އެކަން ސާފުކުރަން ހެނދުނު 9:00 ގައި ގުޅި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް 10:00 ޖެހި އިރު ވެސް ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ހާޒިރުވާނެ ވަކީލަކު އަންގާފައި ނުވާ ކަމަށާއި އަދި ޝަރީއަތަށް ހާޒިރު ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެހެންކަމުން 250 ރުފިޔާ އިން ޕީޖީ އޮފީސް ވަނީ ޖޫރިމަނާކޮށްފަ އެވެ.