28 Jan 2012, 11:31
ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ވިދާޅުވެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ރޭ ނެރުއްވި ބަޔާނަކީ ގާނޫނާއި ހިލާފަށް ނެރުއްވާފައިވާ ބަޔާނެއް ކަމަށާއި އެ ބަޔާނުގައިވާ ވާހަކަތައް ގަބޫލު ނުކުރާނެ ކަމަށް ސަރުކާރު ހިންގާ އެމްޑީޕީން ބުނެފި އެވެ.
"ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާ ޖަލްސާގައި ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ އިސް އިސް މެންބަރުން ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރަށް ރޭ އިރާކޮޅު ނެރުއްވި ބަޔާނަކީ ގާނޫނާއި ހިލާފަށް ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ސުޕްރީމްކޯޓް ފިޔަވައި އެހެން ހުރިހާ ކޯޓްތަކަށް ފަނޑިޔާރުން ހޯދުމާއި އަންޔަންކުރުމާއި ގަވާއިދުތައް ހަދައި އެކަން ކުރުމުގެ ބާރު ގާނޫނު އަސާސީ އިން ލިބިދީފައިވާ ފަރާތަކީ ޖޭއެސްސީ ކަމަށާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ.
އެމަނިކުފާނު އެފަދަ ބަޔާނެއް ނެރުއްވެވީ ދަށު ކޯޓްތަކުގައި ފަނޑިޔާރުން ތިއްބެވީ ގާނޫނާ ހިލާފަށް ކަމަށާއި އެ ފަނޑިޔާރުންގެ މުސާރަ ހިފަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ބުނާ އޯޑިއޯއެއް އާންމުވެފައި ވަނިކޮށް އަދި ފަނޑިޔާރުންގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި އިއްޔެ ރޭޑިއޯ ތަގުރީރުގައި ވެސް ރައީސް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާން އާންމު ކުރެއްވިތާ ގިނަ އިރު ނުވަނީސް ހަރުގޭގައި ފެށި ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވަނީ އެ ބަޔާނަށް ރައްދު ދެއްވާފަ އެވެ. ޑރ. ޑީޑީ ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ނިންމަވާ ނިންމުންތަކުގެ ސައްހަ ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.
"މިރޭ އަޅުގަނޑުމެނަށް އަޑު އިވިގެން މިދިޔައީ އަނެއްކާ ވެސް އަޅުގަނޑުމެން މި އިހުތިރާމްކުރާ ސުޕްރީމް ކޯޓުން ބަޔާނެއް ނެރުއްވި ވާހަކަ. އަޅުގަނޑމެން މި ދެންނެވި 'ޑިފެކްޓޯ' ފަނޑިޔާރުންނަކީ އެއީ ސައްހަ ގޮތުގައި ހުވާ ކުރައްވާފައިވާ ތިބި ފަނޑިޔާރުން ކަމަށް ކަނޑައެޅުއްވި ވާހަކަ. އެހެން ކަމަށްވާންޏާ އެއްކަލަ އަޅުގަނޑުމެން މި އިހްތިރާމް ކުރާ ސުޕްރީމް ކޯޓުން އެ ނިންމަވާ ނިންމުންތަކާ މެދު ސުވާލު އުފެދިއްޖެ'' ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައި ނުގަތުމުން ޑިފެކްޓޯ މުވައްޒަފަކަށް ބަދަލުވެ ވަޒީރުކަން ދޫކޮށްލައްވަން ޖެހިވަޑައިގެންނެވި ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހްމީ ވިދާޅުވީ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނަކީ "ގާނޫނީ އިމުން ބޭރުގައި" ނެރުއްވި ބަޔާނެއް ކަމަށެވެ.
"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެފައި އެބައޮތް އުއްތަމަ ފަނޑިޔާރު މައްސަލައެއްގައި ގޮތެއް ނިންމަންވާނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނޭ. ހަތް ފަނޑިޔާރުން އިށީންދެ މަޝްވަރާކުރުމަށްފަހު އެތަނުން އަގުލަބިއްޔަތުލިބޭ ގޮތަކަށޭ. އެހެންވީމަ މިރޭ އެ ހިންގީ ސީދާ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ޖަރީމާއެއް،" އަލްހާން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޝަރުއީ ނިޒާމަށް މިހާރު ދިމާވެފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އެއްކޮށް ނިންމާ ނިންމުންތަކަށް ބޯ ނުލަނބާނެ ކަމަށެވެ.
"އުއްތަމަ ފަނޑިޔާރަށް ދަންވާލަން އޮތީ މާފު ކުރައްވައްޗޭ ތި ގޮތަށް ކަންކުރެއްވީމާ ދެން ކަންތައް ވާނީ މިހެންނޭ. މިހާރު ވަރަށް ސާފު، މާދަމާ އަޅުގަނޑުގެ މައްޗަށް ހުކުމެއް ކުރައްވަންވީ. މި ދަންނަވަނީ ވަރަށް ސާފުކޮށް ހަތް ފަނޑިޔާރުން އެކީގައި އިށީނދެ ގޮތެއް ނިންމިއަސް ބޮލެއް ނުލަނބާނަން. ހަތް ފަނޑިޔާރުން އެކީގަ ތަކުރާރުކޮށް މި ދަންނަވަނީ. ކެމެރާތަކުން މި [މަންޒަރު] ދައްކަންވީ ހަތް ފަނޑިޔާރުން އެކީގައި އިށީންދެފަ ގޮތެއް މައްސަލައިގައި ގޮތެއް ނިންމިއަސް ބޮލެއް ނުލަނބާނަން،" އަލްހާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ދަށު ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ހުވާކުރައްވާފައިވާ ވަނީ ގާނޫނާއި އެއްގޮތަށް ކަމަށް އުއްތަމަ ފަނޑިޔާރުން ވިދާޅުވި ނަމަވެސް އެކަން ގަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް މުސާރަ ދޫކޮށްގެން ނުވާނެ ކަމަށާއި އެކަމަށް ހުރަސް ވެސް އަޅުއްވާނެ ކަމަށާއި މުސާރަ ދޫކޮށްފި ނަމަ ފިނޭންސް މިނިޓްރީ ކައިރީގައި މުޒާހަރާ ކުރާނެ ކަމަށެވެ.
"އެމްއެމްއޭއިން އެ ފައިސާ ދޭން ފާސްކުރިއަސް ލާހިކެއްނޫން [ފިނޭންސް މިނިސްޓަރު] މުހައްމަދު ޝިހާބަކަށް އެފައިސާ [ދަށު ކޯޓު ތަކުގެ ފަނިޑިޔާރުންނަށް] ދޫކުރާކަށް،" މޫސަ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު ކިތަންމެ ވަރަކަށް ބަޔާން ނެރުއްވި ނަމަވެސް ދަށު ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުނަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަނޑިޔާރުންތަކެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވި އެވެ: "އުއްތަމަ ފަނޑިޔާރު ފަނަރަ ހުކުމް، ފަނަރަ ބަޔާން ނެރުއްވި ކަމުގައިވީ ނަމަވެސް އެމަނިކުފާނު އެ ވިދާޅުވަނީ ރަނގަޅު ވާހަކަ އެއް ނޫން. އެއީކީ ރަނގަޅު ފަނޑިޔާރުންނެއް ނޫން. އަދުލު އިންސާފުވެރި ފަނޑިޔާރުންނެއް ނޫން. ހާއްސަކޮށް ދަށު ކޯޓު ތަކުގައި ރާއްޖޭގެ ފަނޑިޔާރުންނަކީ ގާނުނާއި އެއްގޮތައް ތިބި ފަނޑިޔާރުނެއް ނޫން،" މުސްތަފާ ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ރައްޔިތުން އިތުބާރު ނުކުރާ ނިންމުމަކަށްވަންޏާ އެ ނިންމުން ގަބޫލު ނުކުރެވޭނެ ކަމަށެވެ.
ރޭ ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ވިދާޅުވެފައިވަނީ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އެކަން ކުރެއްވުމުގައި ރައީސުލް ޖުމްހޫރިއްޔާ ފަސްޖެހިވަޑައިނުގަންނަވާނެ ކަން ޔަގީންވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާން ގަބޫލު ނުކުރާ ކަމަށް އެމްޑީޕީން ބުނެފައިވާއިރު އެ ބަޔާނާ ގުޅިގެން ސަރުކަރުން ވެސް ވަނީ ރައްދު ދީފަ އެވެ. ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ސްރީލަންކާގައި ހުންނަވާ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު ނެރުއްވާ ބަޔާނަށް ޝަރުއީ ބާރުވެރި ކަމެއް ނުލިބޭ ކަމަށާއި އެމަނިކުފާނުގެ ބަޔާންތަކާމެދު ސަރުކާރުން ވިސްނި ނަމަވެސް އެ ބަޔާންތަކާ މެދު ބައެއް ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފެދޭ ކަމަށެވެ.
"އުއްތަމަ ފަނޑިޔާރު މިހާރަކަށް އައިސް ހަސްމުން [ދައުވާ ލިބޭ ފަރާތާއި ރައްދުވާ ފަރާތް] ނުހިމަނުއްވާ ނުހިމަނުއްވާ ނެރުއްވާ ބަޔާންތަކާއި އަމިއްލަފުޅު އެންގެވުންތަކާއި އެކަންކަން ވާނީ ހަމަ ޔަގީނުން ވެސް އެމަނިކުފާނު އަމިއްލަފުޅަށް ފަރުދީ ހައިސިއްޔަތުން ނެރުއްވާ ކަންމަށް، އެކަމަކު އަޅުގަނޑުމެން އެ ބަޔާނާމެދު ވިސްނާނަން. އެކަމަކު އެކަންކަމާ މެދު ޝައްކުވެރިކަން އުފެދެމުން ދޭ،" ސްރީލަންކާގައި ހުންނަވައި ޒުހައިރު ވިދާޅުވި އެވެ.