07 Jan 2021, 14:03
ވޮޝިންޓަން (ޖެނުއަރީ 7): އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އާއި ރަނިންމޭޓު ކަމަލާ ހެރިސްކަން އެގައުމުގެ ކޮންގްރެސްއިން ކަނޑައަޅައި އިއުލާންކޮށްފި އެވެ.
އެމެރިކާގެ ކޮންގްރެސްއިން އެފަދައިން އިއުލާން ކުރީ މިއަދު ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުން ބޭއްވި ބައްދަލުވުމެއްގައި، އެގައުމުގެ ސްޓޭޓުތަކުން ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައިޑެންއަށް ލިބުނު އިލެކްޓޯރަލް ވޯޓުތައް ގުނުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި ކޮންމެ ސްޓޭޓެއްގެ ނަތީޖާއާ ބެހޭ ގޮތުން ބަހުސް ކުރުމަށާއި، ނަތީޖާއާ ދެކޮޅަށް ހިޔާލު ފާޅު ކުރުމަށް މެމްބަރުންނަށް ފުރުސަތު ދިނެވެ. އަދި ރިޕަބްލިކަން ޕާޓީން ބައިޑެން ކާމިޔާބު ކުރެއްވި ބައެއް ވޯޓުތަކާ ދެކޮޅަށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ދަމަހައްޓަން ބޭނުންވާ މިންވަރަށް ކޮންގްރެސްއިން ވޯޓެއް ނުލިބުނެވެ.
އެ ބައްދަލުވުން ކުރިއަށް ދަނިކޮށް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ކޮންގްރެސް އިމާރާތް ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގި އެވެ. އޭގެ ސަބަބުން ބައްދަލުވުން ހުއްޓުމަކަށް ގެނެސް، މެމްބަރުން ތަޅުމުން ބޭރަށް ގެންދަން ޖެހުނެވެ.
އެ ހަމަނުޖެހުންތަކުގައި ޓްރަމްޕަށް ތާއިދު ކުރާ ބައެއް މީހުން ހަތިޔާރާ އެކު ވަދެ، ކުޑަދޮރުތައް ތަޅާ، ފަރުނީޗަރަށް ގެއްލުންދީފައިވެ އެވެ.
ވޮޝިންޓަން ޑީސީގެ މޭޔަރު ވިދާޅުވި ގޮތުގައި އެ ހަމަނުޖެހުންތަކުގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެކަކު މަރުވީ ފުލުހުން ބަޑި ޖެހުމުންނެވެ. އަދި ތިން މީހަކު މަރުވީ "މެޑިކަލް އެމާޖެންސީތަކެއް" ދިމާވެގެންނެވެ.
މީގެ އިތުރުން އެ ހަމަނުޖެހުންތަކާ ގުޅިގެން 52 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޑީސީގެ ފުލުހުން ބުންޏެވެ. އަދި ހަމަނުޖެހުންތައް ފެށިތާ ހަތަރު ގަޑި އިރު ފަހުން ކޮންގްރެސް އިމާރާތް އާއްމު ހާލަތަށް ގެނެވިފައިވާ ކަމަށް އޮފިޝަލުން އިއުލާންކޮށް، ހައުސް އާއި ސެނެޓުގެ ބައްދަލުވުން އަލުން ކުރިއަށްގެންދިޔަ އެވެ.
ކޮންގްރެސްގެ ނަތީޖާ އިއުލާން ކުރި ފަހުން ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވަނީ އެއީ "އޭނާ ގަބޫލު ކުރައްވާ ނަތީޖާއަކަށް ނުވި ނަމަވެސް މި މަހުގެ 20ގައި ވެރިކަން ހަވާލު ކުރުން ސުލްހަވެރިކަމާ އެކު" ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓު ލިބުނު ނަމަވެސް ޓްރަމްޕަށް ލިބުނީ 232 ވޯޓެވެ. އަދި ބައިޑެން ވެރިކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20ގަ އެވެ.