ވޮޝިންޓަން (ޖަނަވަރީ 7) : އެމެރިކާގެ ޑިމޮކްރަސީގެ ބަލިކަށިކަން ހާމަވެއްޖެ ކަމަށާއި އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމު ވަރަށް ބަލިކަށި ކަމަށް އެގައުމުގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ (ރައީސުލް މުންތަޚަބު) ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސްދީގު ކުރުމަށް ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓް އާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގުޅިގެން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާއަށް ސަޕޯޓްކުރާ މީހުން ކޮންގްރެސްގެ އިމާރަތަށް ގަދަބާރުން ވަދެގަނެ ކޮންގްރެސްގެ ޖަލްސާ ހުއްޓުވުމަށް ހިންގި ހަރުކަށި އަމަލުތަށް ކުށްވެރި ކުރައްވައި ދެއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ ޓްރަމްޕާއި އޭނާއަށް ތާއީދުކުރާ މީހުން އެމެރިކާގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ މަސައްކަތް ހުއްޓުވައި ރިޔާސީ އިންތިޚާބުގެ ނަތީޖާ އަމިއްލަ މަސްލަހަތާ އެއްގޮތަށް ބަދަލުކުރުމަށް މަސައްކަތްކޮށް އެމެރިކާގެ ދަސްތޫރަށް ގޮންޖެހުމުގައި ކުރިޔަށްދާކަމީ އެމެރިކާގެ ޑިމޮކްރަސީގެ ބަލިކަށިކަން ހާމަކޮށްދޭ ކަމެއް ކަމުގަ އެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ލަޓިބުރިއާއެކު ކޮންގްރެސްގެ އިމާރާތަށް ވަދެގަންނަނީމިއީ ބަޣާވާތުގެ އަމަލެއްކަމަށް ސިފަކުރައްވަމުން ބައިޑެންވަނީ މިކަންކުރަމުން ގެންދަނީ މަދުބަޔަކު ނޫންކަމަށާއި ކޮންގްރެސްގެ ތެރެއިން ވެސް މިހަރުކަށި އަމަލަށް ތާއީދު ކުރާ މެންބަރުން ތިބުމަކީ އެމެރިކާގެ ޑިމޮކްރަސީގެ ބަލިކަށިކަން ހާމަވެގެންދާ ކަމެއް ކަމަށް ސިފަކުރައްވާފަ އެވެ. މިއީ ބޭރު ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ޑިމޮކްރަސީގެ އަގު ވެއްޓި އެމެރިކާ ފަޟީހަތް ވެގެންދިޔުން ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާގެ ޑިމިކްރަސީއަށް 240 އަހަރު ވެފައިވާއިރު އެމެރިކާ ގެންދަނީ އެގައުގެ ޑިމޮކްރެޓިކް ނިޒާމަކީ މުޅި ދުނިޔެއަށް ނަމޫނާ ނިޒާމެއް ކަމުގެ ޕްރޮޕަގެންޑާ ފަތުރައި ޑިމޮކްރަސީގެ ނަމުގައި އެހެންގައުމުތަކަށް އަބަދު ވެސް ފިލާވަޅުތައް ދެމުންނެވެ. ޑިމޮކްރަސީ ފެތުރުމުގެ ނަމުގައާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ގެންދަނީ ދުނިޔޭގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަނެ ބަޣާވާތްކޮށްގެން ސަރުކާރުތައް ވައްޓާލުމަށް ކުރާ މަސައްކަތްތަކަށް ހިއްވަރުދީ ހަމަނުޖެހުން އުފެއްދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން

މީގެއިތުރުން ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ގަދަބާރުން ވައްޓާލައި ގައުމުތަކުގެ އެތެރޭގައި ދާޚިލީ ހަނގުރާމައިގެ ހުޅުތައް ރޯކުރުމަކީވެސް ޑިމޮކްރަސީގެ ނަމުގައި އެމެރިކާ ކުރަމުން ގެންދާ ކަމެކެވެ. މިއީ ރަނގަނޅު ކަމެއްކަމަށް އެމެރިކާ ދައްކަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެންނާއި އެމެރިކާއަކީ ނަމޫނާ ޑިމޮކްރަސީ އެއްކަމުގެ އަޑުތައް ފަތުރައިގެންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސްދީގު ކުރުމަށް ކޮންގްރެސް އިން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށް ޓަކައި ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ގަދަބާރުން ވަދެގަނެ ހިންގި ހަރުކަށި އަމަލުތަކުގައި ހަތަރު މީހަކު މަރުވެ 16 މީހުންވަނީ ޒަޚަމްވެފަ އެވެ.

އަނެއްކޮޅުން ކޮންގްރެސްގެ މެންބަރުންގެ ތެރޭގައި ހިމެނޭ ޓްރަމްޕަށް ސަޕޯޓްކުރާ މެންބަރުން ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އެނަތީޖާ ތަސްދީގުކުރުމަށް ކޮންގްރެސް އިން ބާއްވާ ޖަލްސާގައި އެކަމަށް ދެކޮޅު ހަދަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޖަލްސާ މިހާރުވަނީ ދެފަހަރެއްގެ މަތިން ހުއްޓާލާފައެވެ. (ނޫސްއެޖެންސީތައް)