07 Jan 2021, 10:50
ވޮޝިންޓަން (ޖެނުއަރީ 7): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުންތަކުގައި ހަތަރު މީހަކު މަރުވެއްޖެ އެވެ.
ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ހަތިޔާރާ އެކު ކޮންގްރެސް އިމާރާތަށް ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ސްޓޭޓުތަކުން ދެ ކެންޑިޑޭޓުންނަށް ދީފައިވާ އިލެކްޓޯރަލް ވޯޓުތައް ގުނަމުން ދަނިކޮށެވެ. އެ ވޯޓުތައް ގުނާ ނިމުމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކު ކޮންގްރެސްއިން އިއުލާން ކުރާނެ އެވެ.
ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން ނޫން ކަމަށާއި ވެރިކަން ހައްގު ވަނީ ޓްރަމްޕަށް ކަމަށް ބުނާ ބަޔަކު ކޮންގްރެސް އިމާރާތް ތެރެއަށް ވަނުމުން ހައުސް އާއި ސެނެޓުގެ ބައްދަލުވުން މެދުކަނޑާލާ، މެމްބަރުން ތަޅުމުން ބޭރަށް ގެންދަން ޖެހުނެވެ.
ވޮޝިންޓަން ޑީސީ މޭޔަރު މިއުރިއެލް ބޮއުޒާ އާއި ފުލުހުންގެ ވެރިޔާ ރޮބަޓް ކޮންޓީ ވިދާޅުވި ގޮތުގައި ހަމަނުޖެހުންތަކުގެ ތެރޭގައި އެކަކު މަރުވީ ހައުސްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، މުޒާހަރާގެ ބައިވެރިން އެތަނަށް ވަންނަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި އެ ވަގުތު އާދައިގެ ހެދުމުގައި ތިބި ފުލުހުންނާއި އެމީހުންނާ ދެމެދު ކުރިމަތިލުމެއް ހިނގާ، އެއް އޮފިސަރަކު ބަޑި ޖެހުމުން އަންހެނެއްގެ ގަޔަށް ވަޒަން އެރީ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުން ކޮންގްރެސް އިމާރާތަށް ވަދެ -- ފޮޓޯ: އީޕީއޭ
މީގެ އިތުރުން ކޮންގްރެސް އިމާރާތަށް ވަތް އިތުރު ތިން މީހަކު ތަފާތު "މެޑިކަލް އެމާޖެންސީ"ތަކާ ހެދި މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނަކާއި ދެ ފިރިހެނުން ހިމެނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި 14 ފުލުހަކަށް އަނިޔާވިކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އެ މުޒާހަރާތަކާ ގުޅިގެން 52 މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެ މުޒާހަރާ ފެށުމުގެ ކުރިން ރައީސް ޓްރަމްޕް ވަނީ އޭނާއަށް ތާއިދު ކުރާ ފަރާތްތައް ކޮންގްރެސް އިމާރާތް ކައިރިއަށް އެއްވުމަށް ގޮވާލައްވާ، އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް ހިތްވަރު ދެއްވާފަ އެވެ. ނަމަވެސް ކޮންގްރެސް އިމާރާތަށް މީހުން ވަދެ، ހަމަނުޖެހުން ހިންގަން ފެށުމުން ޓްރަމްޕް ވަނީ "އެމީހުންގެ އިހުސާސުތައް އެނގިލައްވާ ކަމަށާއި ނަމަވެސް ސުލްހައަށްޓަކައި އެމީހުން އަނބުރާ ދިޔުމަށް" އެދިލައްވާފަ އެވެ.
އެމެރިކާގެ ކޮންގްރެސް އިމާރާތް އަނެއްކާވެސް ރައްކާތެރި ހާލަތަކަށް ގެންދެވިފައިވާ ކަން ވޮޝިންޓަން ޑީސީގެ އޮފިޝަލުން އިއުލާން ކުރެއްވީ އެ ހަމަނުޖެހުންތައް ހިންގަން ފެށިތާ ހަތަރު ގަޑި އިރު ފަހުންނެވެ. އޭގެ ފަހުން ހައުސް އާއި ސެނެޓުގެ ބައްދަލުވުން އަނެއްކާވެސް ވަނީ ކުރިއަށްގެންދަން ފަށާފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓު ލިބުނު ނަމަވެސް ޓްރަމްޕަށް ލިބުނީ 232 ވޯޓެވެ. އަދި ބައިޑެން ވެރިކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20ގަ އެވެ.