ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެނިކޮށް ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ އަވަހާރަވެއްޖެ އެވެ.

މުޖުތާޒް އަވަހާރަވީ ރޭ ދަންވަރު 2:00 ގައެވެ.

އާއިލާ އިން ބުނީ މުޖުތާޒަށް ކޮވިޑް ޖެހުނުކަން އެނގުނީ ލ. އަތޮޅަށް އާއިލާއާ އެކު ކުރެއްވި ދަތުރުގައި ހުން އައިސްގެން ޓެސްޓް ކުރުމުން ކަމަށެވެ.

ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށް މުޖުތާޒު ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލަށް އޭނާ ގެނައީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

އުމުން 60 އަހަރުގެ މުޖުތާޒަކީ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ. 2008 އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އޭނާ ވަނީ އިންތިގާލީ މާރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.

މުޖުތާޒަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ބޭބެއެވެ. އަދި މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަޒްހާން ފަހުމީގެ ބައްޕައެވެ.