ސިފައިން ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދު ﷲ މުހައްމަދު ހައްޔަރުކުރީ ގާނޫނީ އިމުން ބޭރުން ކަމަށް އިދިކޮޅު ހުރިހާ ފަރާތްތަކާއި ކޯޓްތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އެ ބުނުންތަކާ އެކު އަމަލީ ގޮތުން ވެސް އިދިކޮޅުން ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. ސިލްސިލާކޮށް މުޒާހަރާތައް ކުރާތާ ވެސް 10 ދުވަހަށް ވުރެ ގިނަވީ އެވެ. މުޒާހަރާތައް ހޫނުވެ އާކަންކަން ދަނީ އޭގެ ތެރެއަށް އުފަންވަމުންނެވެ. ހަމައެއާ އެކު މިހާރު ރާއްޖޭގެ ހާލަތު ބައިނަލްއަގުވާމީ މުޖުތަމައަށް އަންގައި ދިނުމަށް ވެސް ގިނަ މަސަކަތްތަކެއް ކުރަމުން އަންނަ ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.

އިދިކޮޅު ޕީޕީއެމްގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ރާއްޖޭގެ ހާލަތު ބައިނަލްއަގުވާމީ މުޖުތަމައަށް އަންގައި ދިނުމަށް ވަސީލަތްތައް ތަންދިން މިންވަރަކުން މަސައްކަތްކުރާ ކަމަށެވެ.

"އަބުދުﷲ ގާޒީ ހައްޔަރުކުރި ހިސާބުން އަޅުގަނޑުމެން ސްރީލަންކާ އަށް ދަތުރެއް ކުރިން، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޑރ. ސައުދު ވެސް ވަޑައިގެންނެވި. އަޅުގަނޑުމެން ގިނަ ބޭފުޅުން ތަކަކާ ބައްދަލުކުރިން،" މުންދު ވިދާޅުވި އެވެ.

ޕީޕީއެމުގެ އިސް ބޭފުޅުން ބައިނަލްއަގުވާމީ މުޖުތަމައަށް މައުލޫމާތު ދިން ކަމަށް ބުނެފައި ވަނިކޮށް އެބޭފުޅުން ބައްދަލުކުރެއްވީ ކޮން ބޭފުޅުންނަކާތޯ ސަރުކާރުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީގެ "ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާ ޖަލްސާތަކުގައި ހުދު ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ އެ ސުވާލު އުފައްދާފަ އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ނަސީމު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބައްދަލުކުރީ ބޭރުގެ ކޮން ފަރާތްތަތަކާތޯ ސުވާލު އުފެދޭ ކަމަށެވެ. ބޭރުގެ އެއްވެސް ގައުމަކުން ރާއްޖޭގައި މިހާރު ހިނގާ ކަންތަތަކާ މެދު އެއްވެސް ސުވާލު ވެސް ނުކުރާ ކަމަށެވެ.

"މިކަންކަމާ ގުޅިގެން ބޭރުގެ އެއްވެސް ކޯލެއް ނާދޭ!" އެމްޑީޕީގެ ހަރުގޭގައި މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މަސްރަހު ބޭރުގެ މުޖުތަމައަށް ފާޅުކޮށްދޭން ކުރާ މަސައްކަތްތަކާބެހޭ ގޮތުން ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު ބުނަނީ "ބޭރުގެ ޕްރެޝަރެއް ނެތް" ކަމަށެވެ. އިދިކޮޅު ފަރާތްތައް ކުރަން ޖެހޭ މަސައްކަތް ނުކުރެވޭ ކަމަށެވެ.

މުންދު ވިދާޅުވި ގޮތުގައި ސްރީލަންކާ އަށް ކުރި ދަތުރުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ބާނާޑް ޝެރޭޖާއި އިނގިރޭސިވިލާތުގެ ސަފީރު ޕީޓާ ހޭޒްއާއި އެމެރިކާގެ އެމްބަސީގެ ޕޮލިޓިކަލް ހެޑާއި ކެނެޑާގެ ސަފީރު ބްރޫސްލެވީއާ ޕީޕީއެމުން ބައްދަލުކޮށް މައުލޫމާތު ދެވުނެވެ. އަދި ކެނެޑާގެ ސަފީރު ހަމަޖައްސަވައި ދެއްވި ޑިޕްލޮމެޓިކް ބައްދަލުވުމެއްގައި މުންދު އާއި ޑރ. ސައުދާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ މީޑިޔާ ކޮމިޓީގެ ނައިބު ރައީސާ ދުންޔާ މައުމޫނު ބައިވެރި ވެވަޑައިގެންނެވި އެވެ.

"އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގާތްގަނޑަކަށް 15 ވަރަކަށް ގައުމު، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ހޮލެންޑް ސްވިޑުން، ފަރަންސޭސިވިލާތް އިޓަލީވިލާތް މި ގައުމުތަކުގެ ސަފީރުން، ސަފީރުން ނޫންކަމަށްވާ ނަމަ ޕޮލިޓިކަލް ހެޑުންނާ އެ ބައްދަލުވުމުގެ ތެރެއިން އަޅުގަނޑުމެންނާ ބައްދަލުވި،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިމޮކްރަސީއާ ދެކޮޅު ކަންތައްތަކެއް ހިނގަމުންދާކަމާއި އެ ކަންކަމަކީ ކޮބައިކަން ބޭރުގެ ފަރާތަކަށް ކިޔައިދެވެ އެވެ. އެކަންކަން ލިއުމުން ވެސް ހުށައަޅުއްވާފައި ވާނެ އެވެ.

ޕީޕީއެމާ އެކު އިދިކޮޅު އެހެން ޕާޓީތަކުން ވެސް ބުނަނީ ބޭރަށް ހާލަތު އަންގައިދެވޭ ކަމަށެވެ. އޭގެ ތެރޭގައި އެއް ފަރާތަކީ ގައުމީ ޕާޓީ އެވެ. އެ ޕާޓީން ބުނަނީ އަބުދުﷲ ގާޒީ އާއި ޑރ. ޖަމީލު ހައްޔަރުކުރި ހިސާބުން ފެށިގެން ކޮންމެ ދުވަހަކު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ މައުލޫމާތު ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވާ ކަމަށެވެ.

"ފުރަތަމަ ދުވަހުން ފެށިގެން ބޭރުގެ މިޝަންތަކަށް އަޅުގަނޑުމެން ބަރާބަރަށް އަޕްޑޭޓްތައް ފޮނުވަމުން މިދަނީ. ބައެއް ދުވަސް ދުވަހު ގާތްގަނޑަކަށް ތިން ހަތަރު ފަހަރު އަޅުގަނޑުމެންގެ އަޕްޑޭޓް ރިޕޯޓްތައް ފޮނުވަން، މިޝަންތަކަށް އެކަންޏެއް ނޫން، ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ވެސް އަޅުގަނޑުމެންގެ ރިޕޯޓްތައް ދާނެ، ކޮމަންވެލްތާއި އެމްނެސްޓީ ފަދަ ޖަމާއަތްތަކަށް ވެސް ފޮނުވަން. އަބުދުﷲ ގާޒީގެ މައްސަލައަކީ ފަނޑިޔާރުންނާ ގުޅުން ހުރި މައްސަލައަކަށް ވާތީ ދުނިޔޭގެ ފަނޑިޔާރުންގެ ޖަމާއަތްތަކަށާއި ކޮމަންވެލްތުގެ ޖަޖުންނާއި މެޖިސްޓްރޭޓްސް އެސޯސިއޭޝަނަށް ވެސް ރިޕޯޓްތައް ދާނެ" ގައުމީޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކާއި ލީޑަރުން އެހެން ބުނަމުން ދިޔަ ނަމަވެސް ސަރުކާރާ ދެކޮޅު އާންމުން ވެސް އަދި ސަރުކާރުން ވެސް ބުނަނީ ބައިނަލް އަގުވާމީ މުޖުތަމައުގެ ފިއްތުންތައް ސަރުކާރަކަށް އައިތަން މިހާތަނަށް ނުފެންނަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތެއްގެ ނަތީޖާއެއް ނުފެންނަ ކަމަށް ފާޑުކިޔާ ފަރާތްތަކުން ވެސް ބުނެ އެވެ.

"ކޮބައިތޯ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުން ކުރި މަސައްކަތްތަކުން ނުކުތް ނަތީޖާއަކީ؟ ކޮން ޕްރެޝަރެއްތޯ ސަރުކާރަށް ކުރިމަތިވީ؟ މިހާތަނަށް ބަޔާނެއް ވެސް ނެރުނީ އެންމެ ދެ ފަރަތާތަކުން، އެއީ ވެސް ވަރަށް ފިނި ދެ ބަޔާން،" މީހަކު ބުންޏެވެ.

ބައެއް މީހުން ބުނަނީ ބޭރުގެ ފިއްތުންތައް އެއްވެސް ވަރަކަށް އަންނަ ނަމަ ސަރުކާރުގެ ގޮތް ދޫނުކުރުމުގެ ސިޔާސަތަށް ބަދަލެއް މިހާތަނަށް އައީސް ކަމަށެވެ. ގޮތްދޫކުރުމުގެ އެއްވެސް ނިޝާނެއް ސަރުކާރުގެ އަމަލުތަކަކުން ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި އިތުރު ކަންކަން ސަރުކާރުން ކުރާ ކަމަށެވެ.

އެހެން ނަމަވެސް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ގޯސް ކަމަކަށް ޕީޕީއެމާއި ގައުމީ ޕާޓީއަކުން ގަބޫލެއް ނުކުރެ އެވެ. މުންދު ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ ހެޔޮ އެދުން އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ލިބުނު ކަމަށާއި އެފަދަ ހެޔޮ އެދުމެއް ސަރުކާރަށް މިހާރު ނެތް ކަމަށެވެ.

"ބައިނަލް އަގުވާމީ ފަރާތްތަކުގެ އެއްބާރުލުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބުން، ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަކީ ދީނީގޮތުން ހައްދު ފަހަނައަޅާފައި ތިބި ބައެއް ކަމަށް ސަރުކާރުން ދައްކާ ވާހަކަ އެބޭފުޅުން ގަބޫލެއް ނުކުރައްވާ. ގައުމީ ޕާޓީން ނެރުނު ފޮތާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ސަރުކާރުން ބައެއް ތަރުޖަމާތައް ހަދައި ބޭރުގެ ފަރާތްތަކާ ހިއްސާކޮށްފައި ހުރިކަން ވެސް އެނގުން،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުން ފާޅު ނުކުރާ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ދޮގެކެވެ.

"ކަންބޮޑުވުންތައް ފާޅުކޮށްފައި ވާނެ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ބުނޭ. އެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ވެސް ބުނޭ،" މުންދު ވިދާޅުވި އެވެ. "އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކުރެއްވުމުން އެއަށް އިޖާބަ ނުދެއްވައި އެފަރާތްތަކާ ވެސް ޖަދަލުކުރެއްވީމާ، ރާއްޖޭގެ ދާހިލީ ކަންތައްތައް ބަދަލުކުރުމުގެ ފުރުސަތެއް ނޯންނާ ދެއްތޯ ބޭރުގެ ގައުމުތަކަކަށް؟ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ހިސާބަކަށް ރާއްޖޭގެ ކަންތައްތައް އަދި ނުދޭ،"

ކެނެޑާ އާއި އީޔޫން ނެރުނު ބަޔާނަކީ ފިނި ބަޔާނެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަށް ވެސް އިދިކޮޅުން ގަބޫލެއް ނުކުރެ އެވެ. ބަދަލުގައި ބުނަނީ "ބަޔާނެއް ނެރުމަކީ ވެސް ފިއްތުމެއް" ކަމަށެވެ.

ޑރ. ހަސަން ވިދާޅުވި ގޮތުގައި ރާއްޖޭގެ މައްސަލައެއް އިންޓަނޭޝަނަލް ކްރިމިނަލްކޯޓަށް ފުރަތަމަ ފަހަރަށް ބަލައިގަތުމަކީ ވެސް ސަރުކާރަށް ކުރިމަތިވި ފިއްތުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެނޫން ގިނަ މަސަކަތްތަކެއް ބޭރުގެ ޑިޕްލޮމޭޓުންނާ އެކު ކުރާ އިރު އޭގެ ޕްރެޝަރު އަންނާނެ ކަމަށް ހަސަން ވިދާޅުވެ އެވެ.

"ބޭރުގެ ފަރާތްތަކުން ކުރާ ހުރިހާ މަސައްކަތްތަކަކީ އެހާ ބޮޑަށް އާއްމުކުރާ ކަންތައްތަކެއް ނޫން. ބޭރުގެ ފިއްތުމެއް ނެތް ނަމަ އެބޭފުޅުން އެވާހަކަ ދައްކަވަންވީ ސަބަބެއް ނެތެއް ނޫންތޯ؟" ހަސަން ސުވާލުކުރެއްވި އެވެ.

ޕީޕީއެމާއި ގައުމީ ޕާޓީން ޑިޕްލޮމެޓިކް ގޮތުން ކުރާ މަސައްކަތްތައް ކާމިޔާބު ކަމަށާއި ބޭރުގެ ފިއްތުންތައް ސަރުކާރަށް ކުރިމަތިވެފައިވާ ކަމަށް ބުނި ނަމަވެސް އެއީ ގަބޫލުކުރަން އެހާ ފަސޭހަ ވާހަކައެއްތޯ ސުވާލު އުފެދެނީ ބޭރު ދުނިޔެ އިން އާއްމުކުރާ ބަޔާންތައް މަދުވެފައި އެ ބަޔާންތަކުގެ ރާގުންނެވެ.

ރައީސް ނަޝީދު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި އިރު ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރުމަށާއި އިދިކޮޅު ފަރާތްތައް މިނިވަން ކުރުމަށް ގޮވާލައި ނެރޭ ބަޔާންތައް ގިނައިން ފެނުނެވެ. އަދި ރާއްޖޭގެ ހާލަތު ބަލަން އަންނަ ބޭރުގެ ފަރާތްތައް ވެސް އޭރު ގިނަވެފައި އެފަރާތްތަކުން އޭރު މަސައްކަތް ކުރީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައެވެ. ނަމަވެސް އަސްކަރިއްޔާ އިން ރާއްޖޭގެ ސްޕީރިއާ ކޯޓެއްގެ އިސް ގާޒީއަކު "ގެއްލުވާލައިގެން" އުޅޭއިރު ބޭރުގެ ކަންބޮޑުވުން އެހާ ބޮޑަށް ފެނިފައިވެކޭ ނުބުނެވޭނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ފިޔަވަޅުތައް ވަރުގަދަވަމުންދާތަނެވެ. މިހާރު މިހިނގާ ކަންތައްތަކުގައި ސަރުކާރަށް ބައިނަލްއަގުވާމީ ފިއްތުންތައް އެބަ އޮތްތޯ ސުވާލު އުފެދެނީ އެހެންވެއެވެ. ނަމަވެސް 30 އަހަރުގެ ވެރިކަމަކަށް ކުރި ޕްރެޝަރާ އެއްވަރުގެ ޕްރެޝަރެއް އަދި ފެނުން ތަންކޮޅެއް އަވަސް ކަމަށް ވެސް ވެދާނެ އެވެ.