ސާޖިދު ނަޑިއަދްވާލާ ގެނެސްދޭ "ބައްޗަން ޕާންޑޭ"ގެ ޝޫޓިން އިއްޔެ ފަށައިފިއެވެ.

ބަތަލާ ކްރިތީ ސެނަން އާ އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން ފެށީ ޖޭސަލްމާރުގައެވެ. ފިލްމުގެ ޓީމުން ވަނީ މީގެ ތިން ދުވަސް ކުރިން ޖޭސަލްމާރުއަށްގޮއްސައެވެ.

ބައްޗަން ޕާންޑޭ އަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ރިމޭކެކެވެ. އެ ފިލްމަކީ ދުޝްމަނުންގެ ކިބައިން އާއިލާ ހިމާތްކުރަން މަސައްކަތްކުރާ ހިތްހެޔޮ މީހެއްގެ ވާހަކަކިޔައިދޭ ފިލްމެކެވެ. އަކްޝޭ ގޭންގް ސްޓާރެއްގެ ރޯލުން ފެނިގެންދާއިރު މި ފިލްމުގައި ކްރިތީ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.

މި ފިލްމަކީ މިދިޔަ އަހަރު ކްރިސްމަސް އަށް ރިލީޒްކުރަން ތާވަލްކުރި ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ޕެންޑެމިކް ގެ ސަބަބުން ފިލްމުގެ މަސައްކަތް ނުފެށި ހުއްޓިފައި އޮތީއެވެ.

“ބައްޗަން ޕާންޑޭ” ގައި ބަތަލާ ޖެކަލީން ފާނަންޑޭޒް ވެސް ހަރަކާތްތެރިވާނެއެވެ.