06 Jan 2021, 22:13
މިއަަހަރު މޭ/ޖޫންގައި ބާއްވަން ތާވަލްކޮށްފައިވާ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާން ކުރިއެކޭ އެއްގޮތަށްވެސް ބާއްވަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ކޮވިޑް-19 އަނެއްކާވެސް ފެތުރެމުންދާތީ އެގައުމު ފުރަބަންދުކޮށްފައިވާއިރު މިއަަހަރު އެގައުމުގައި ބާއްވަން ނިންމާފައިވާ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާންވަނީ ކެންސަލްކޮށްފައެވެ.
އިނގިރޭސިވިލާތުގައި އިމްތިހާން ކެންސަލްކުރިނަމަވެސް ރާއްޖޭގައި އެ އިމްތިހާންތައް ކުރިއެކޭވެސް އެއްގޮތަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މޭ/ޖޫން ގައި ބާއްވަން ނިންމި އެޑެކްސަލް އިމްތިހާންވެސް ނުބާއްވައެވެ. އަދި މިދިޔަ އަހަރު އޯ ލެވެލް އިމްތިހާންވެސް މިއަަހަރަށް ފަސްކުރިއެވެ.
މޭ/ޖޫން އިމްތިހާން ކުރިއަށް ގެންދަން ނިންމިއިރު، އަންނަ އާދިއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހުރިހާ ގްރޭޑެއްގެ ކުދިން އަންނަ ޓާމްގެ ކިޔެވުން ފަށަން މިހާރު ވަނީ ނިންމައިފައެވެ.
ކޮރޯނާއާ ގުޅިގެން މިދިޔަ އަަހަރުގެ ބޮޑުބައި ދަރިވަރުން ކިޔެވީ އޮންލައިންކޮށެވެ. ނަމަވެސް އެންމެ މަތީގެ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަކަށް ހާޒިރުކޮށްގެން މިދިޔަ އަހަރު ފަހުކޮޅު ކިޔަވައިދިނެވެ.