ކޮވިޑަށް ޕޮޒިޓިވްވެ، ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީއަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެ އެވެ.

މުޖުތާޒުގެ އާއިލާގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ދާދިފަހުން ލ. ގަމަށް އާއިލާއާ އެކު ޗުއްޓީއަށް ވަޑައިގެން އުޅުއްވަނިކޮށް ހުން އަންނާތީ ކޮވިޑަށް ޓެސްޓް ކުރުމުން ކަމަށެވެ.

ލ. ގަމު ކޮވިޑް ފެސިލިޓީގައި ތިން ދުވަސްވަންދެން ފަރުވާދިނުމަށްފަހު މިއަދު ދަރުމަވަންތަ ހޮސްޕިޓަލަށް މުޖުތާޒު ބަދަލުކޮށްފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

"ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި އެބަވޭ. އަޅުގަނޑުގެ ބޭބެ މުޖުތާޒު ވެންޓިލޭޓަރުގައި އޮތް ކަމަށް. އެއީ ދޮގޮއް. ހައިރިސްކް ކެޓަގަރީގެ މީހަކަށް ވާތީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެނީ. އިރާދަކުރެއްވިއްޔާ ހާލު އަންނަނީ ރަނގަޅުވަމުން،" އާއިލާގެ މެމްބަރަކު ވިދާޅުވި އެވެ.

ރިޓަޔާކޮށްފައިވާ މުޖްްތާޒް ފަނޑިޔާރުކަން ކުރެއްވީ 2008 އިން 2010 ވަނަ އަހަރާ ހަމައަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 13،930 މީހުން ފެނިފައިވާއިރު ބަލީގައި 48 މީހުން ވަނީ މަރުވެފައެވެ.