28 Jan 2012, 09:29
ޑާވޮސް (ޖަނަވަރީ 28) : އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ފަންޑަށް 750 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާކުރެއްވުމަށް މައިކްރޯސޮފްޓް ކުންފުނީގެ ވެރިޔާ ބިލްގޭޓްސް ނިންމަވައިފި އެވެ.
ސްވިސްޓްޒަލޭންޑްގެ ޑާވޮސްގައި ކުރިޔަށްދާ ބައިނަލްއަޤްވާމީ އިޤްތިސާދީ ފޯރަމްގައި ވާހަކަ ދައްކަވަމުން ގޭޓްސް ވިދާޅުވީ މިއީ ފަގީރުންނަށް ދެވޭ އެހީއެއް ކަމުގަ އެވެ. އޭނާ މިއެހީ ދެއްވުމަށް ވަޢްދުވެ ވަޑައިގެންނެވީ އެއިޑްސް ބައްޔާ ދެކޮޅަށް ހިންގާ ބައެއް ޕްރޮގްރާމްތައް ފައިސާގެ ދަތިކަމުގެ ސަބަބުން ހިންގޭނެ ގޮތްނެތްކަން އެފަންޑުން ހާމަކޮށްފައިވަނިކޮށެވެ.
އެއިޑްސް ބައްޔާ ދެކޮޅަށް ހިންގާ ގިނަ ޕްރޮގްރާމްތައް އަމާޒުކޮށްފައި ވަނީ އެބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން ފަގީރު ޤައުމުތަކުގެ މީހުންނަށެވެ. މީގެތެރޭގައި އެފްރިކާގެ ޤައުމުތަކާއި އޭޝިޔާ އަދި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގެ ފަގީރުން ހިމެނެ އެވެ. ގޭޓްސް ތަންކޮޅެއްކުރިން ވެސް ވަނީ މިފަންޑަށް 650 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވާފަ އެވެ.
އެއިޑްސް ބައްޔާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކަށް މާލީގޮތުން އެހީވާ ބައިނަލްއަޤްވާމީ ފަންޑަކީ އެބަލީގެ އިތުރުން މެލޭރިޔާ އާއި ކެއްސުންބައްޔާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކަށް ވެސް އެހީވާ ފަންޑެކެވެ.
ޔޫރަޕަށާއި އެމެރިކާ އަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިތަކާ ގުޅިގެން މިފަންޑަށް އެޤައުމުތަކުން ދޭ ހިލޭއެހީ މަދުވަމުންދާތީ ޑާވޮސްގެ ފޯރަމްގައި ގޭޓްސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ގޭޓްސް ވަނީ އިޤްތިސާދީ ދަތިތަކާއެކު ވެސް ހުޅަނގުގެ ޤައުމުތަކުން ފަގީރުންނަށް ދޭ އިންސާނީ އެހީތައް ކުޑަނުކުރުމަށް ދުނިޔޭގެ މުއްސަނދި ޤައުމުތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
އެއިޑްސް ބައްޔާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކުގެ ޚަރަދުގެ 25 ޕަސެންޓް މިފަންޑުން ދޭއިރު މެލޭރިޔާ އާއި ކެއްސުންބައްޔާ ދެކޮޅަށް ހިންގާ ހުރިހާ ޕްރޮގްރާމްތަކަށް ޚަރަދުކުރަނީ މިފަންޑުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)