10:00


ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް، އިއްޔެ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އިއްޔެ ވަޒީރުންގެ މަޖިލިސް އެކުލައްވާފައިވަނީ، ގާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަނީ، ހަމައެކަނި ރުހުން ހޯއްދެވުމަށް ކަމަށާއި، އެ ނަންތަކަށް ރުހުން ދިނުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވި އެވެ.


މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވީ، ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީނަމަވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީފިނަމަ ދެން ކަންތައްކުރާނެ ގޮތެއް ގާނޫނުއަސާސީގައި ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މަގާމު ނުގެއްލޭނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. އަދި އެކަމުގައި އިދިކޮޅު ފަރާތްތަކާ ދެމެދު ހިޔާޅުތަފާތުވެފައިވާތީ، ގާނޫނުއަސާސީ މާނަކުރުމަށް ސްޕްރީމް ކޯޓަށް ދިއުމަށް ވެސް އިދިކޮޅު ފަރާތްތަކަށް ނާޒިމު ގޮވައިލެއްވި އެވެ.