28 Jan 2012, 01:46
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ނެރުއްވާ ބަޔާނަށް ޝަރުއީ ބާރުވެރި ކަމެއް ނުލިބޭ ކަމަށާއި އެމަނިކުފާނުގެ ބަޔާންތަކާމެދު ސަރުކާރުން ވިސްނި ނަމަވެސް އެ ބަޔާންތަކާ މެދު ބައެއް ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފެދޭ ކަމަށް ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
ޒުހައިރު މިހެން ވިދާޅުވީ ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި ގާނޫނާ ހިލާފަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ހުކުމްތައް ތަންފީޒުކުރެވެން ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށް ފަނޑިޔާރު އައްޔަން ކޮށްފައި ވަނީ ގާނޫނީ ހަމަތަކުން ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު މިރޭ ބަޔާނެއް ނެރުއްވުމުންނެވެ.
ދިޓީވީގެ މިރޭގެ 12 ގެ ހަބަރަށް ދެއްވި އިންޓަވިއުގައި ޒުހައިރު ވިދާޅުވީ ފަހަކަށް އައިސް އުއްތަމަ ފަޑިޔާރު ނެރުއްވާ ބަޔާންތަކަކީ އެ މަނިކުފާނުގެ އަމިއްލަފުޅު ރައުޔެއް ކަމަށެވެ. އެ ބަޔާންތަކުގައިވާ ވާހަކަތަކަކީ ޝަރުއީ ބާރުވެރިކަމެއް ލިބިގެންވާ އެއްޗެއް ނޫން ކަމަށާއި އެ ބަޔާންތަކަށް އަމަލުކުރުމަކީ ބައިނަލްއަގްވާމީ ގޮތުން ވެސް އަދި ރާއްޖޭގައި އަމަލުކުރާ އުސޫލުން ވެސް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
~
"އުއްތަމަ ފަނޑިޔާރު މިހާރަކަށް އައިސް ހަސްމުން [ދައުވާ ލިބޭ ފަރާތާއި ރައްދުވާ ފަރާތް] ނުހިމަނުއްވާ ނުހިމަނުއްވާ ނެރުއްވާ ބަޔާންތަކާއި އަމިއްލަފުޅު އެންގެވުންތަކާއި އެކަންކަން ވާނީ ހަމަ ޔަގީނުން ވެސް އެމަނިކުފާނު އަމިއްލަފުޅަށް ފަރުދީ ހައިސިއްޔަތުން ނެރުއްވާ ކަންމަށް، އެކަމަކު އަޅުގަނޑުމެން އެ ބަޔާނާމެދު ވިސްނާނަން. އެކަމަކު އެކަންކަމާ މެދު ޝައްކުވެރިކަން އުފެދެމުން ދޭ،" ސްރީލަންކާގައި ހުންނަވައި ޒުހައިރު ވިދާޅުވި އެވެ.
ދަށު ކޯޓުތަކުގެ ހުކުމްތަކަށް ތަބާ ނުވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ބުނެ ލީކްވެގެން އުޅޭ އޯޑިއޯ އަކީ ސަރުކާރުގެ ހިންގުމުގެ ތެރޭ މުއައްސަސާއެއްގެ ތެރޭގައި ރައީސް މަޝްވަރާކުރެވުނު ދައުލަތުގެ ސިއްރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށް އަމަލުކުރުމަށް ސަރުކާރުން އަދި ނުނިންމާ ކަމަށެވެ.
"އެއީ ސަރުކާރުގެ ނިންމެވުމެއް ނޫން. އެއީ ސަރުކާރެއްގެ ތެރޭގައި ސިއްރެއްގެ ގޮތުގައި ދެކެވުނު އެއްޗެއް. ކޮންމެވެސް ހަރާންކޯރު އެއް ބޭފުޅަކު ސިއްރިއްޔާތުގައި ނެރުއްވައިގެން އުޅުއްވާ ވާހަކައެއް. އެކަމަކު އެކަމަކާ ރައީސުލްޖުމްހޫރިއްޔާ އިންކާރެއް ނުކުރައްވާ،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ރޭ ސަން އޮންލައިނަށް ދެންވި އިންޓަވިއުއެއްގައި ވިދާޅުވީ "ރައީސް އެގޮތަށް ވާހަކަ ދެއްކެވިކަމަށް ތިޔަކަހަލަ އޯޑިއޯ އުޅެންޏާ އޮންނާނީ އެކިތަންކޮޅުން އެޑިޓްކޮށްފައި" ކަމަށެވެ.
އޭނާ ވިދާޅުވީ ދަށު ކޯޓުގެ ފަޑިޔާރުންނާއި މެދު ސަރުކާރުން ދެކެނީ ރައީސް އެކަމާ ގުޅޭގޮތުން މިއަދުގެ ރޭޑިއޯ ހިތޯބުގައި ފާޅުކުރެއްވި ހިޔާލު ކަމަށެވެ. ރައީސްގެ ރޭޑިޔޯ ހިތާބުގައި ވިދާޅުވީ ދަށު ކޯޓުތަކުގައި ފަޑިޔާރުން ތިއްބެވީ ޤާނޫނު އަސާސީގައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
"ހުރިހާ ބޭފުޅުންގެ މަގުސަދަކަށް ވާންވާނީ ގާނޫނު އަސާސީ ދެމެހެއްޓުން. އެކަމުގެ މަތިވެރި މަގްސަދުގައި ހުރިހާ ފަރާތްތަކުން ވެސް ވާހަކަދައްކަވަން ޖެހޭނީ. އަދި އުއްތަމަ ފަނޑިޔާރު ވެސް އެކަންކަމާ މެދު އިހްތިރާމު ކުރައްވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ،" ޒުހައިރު ވިދާޅުވި އެވެ.