06 Jan 2021, 16:34
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކުރި ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހު ބާއްވަން ނިންމި އިންތިހާބު ހާއްސަ ގާނޫނަކުން ލަސްކޮށް، މާޗު މަހު އެ އިންތިހާބު ބާއްވަން އީސީން މަސައްކަތް ކުރި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދި އުވާލެވެން ނެތުމުން އިންތިހާބު ނުބޭއްވި ވަނީ ސުވާލުތަކެއްގެ ތެރޭގަ އެވެ.
އޭޖީ ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020އަށް އިސްލާހު ގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުން އަންނަ ކަމަށެވެ.
ވީހާވެސް އަވަހަކަށް އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭޖީ ވިދާޅުވި އެވެ.
އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކަށް އިތުރުކޮށްފަ އެވެ.
އެއާއެކު މާޗު މަހު ވެސް އިންތިހާބު ނުބޭއްވޭނެކަން ވަނީ ޔަގީންވެފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސަންސެޓް ގާނޫނު ކަމަށެވެ.
އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް، ގާނޫނަށް ގެންނަ ބޭނުންވާ އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން ވެސް މަޖިލީހާ ހިއްސާކުރަން ވަނީ ތައްޔާރުވެފަ އެވެ.
ގާނޫނު އޮތް ގޮތުން މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެން ކަމުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު އިންތިހާބު ބާއްވަން ޖެހެ އެވެ.
މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުވެގެން އޭޕްރީލް ތިން ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އިންތިހާބު ބާއްވަން މިހާރު ވަނީ ތާވަލްކޮށްފައެވެ.
އިންތިހާބު ދެން ބޭއްވެން އޮތީ ގާނޫނު އިސްލާހުކޮށްގެން ކަމަށްވާއިރު، މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ.
ގާނޫނު އިސްލާހު ކުރެވޭނީ މަޖިލިސް ފެބްރުއަރީ މަހު ހުޅުވުމުން ނުވަތަ ޗުއްޓީ މުއްދަތުގައި ދައުރުގެ ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.
މަޖިލީހުގެ ގަވާއިދުވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީޖުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.