06 Jan 2021, 13:40
ޖެނީވާ (ޖަނަވަރީ 6): ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 ވައިރަސް ގެ އަސްލު ހޯދުމަށް މަސައްކަތްކުރާ ޑަބްލިޔޫއެޗްއޯ ގެ ތަހްގީގް ޓީމުގެ މެންބަރަކަށް ވިސާ ގެ މައްސަލައެއް ދިމާވެ ޗައިނާއަށް ވަނުމުގެ ހުއްދަ އޭނާއަށް ލިބުން ލަސްވެފައިވާކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.
ޑަބްލިޔޫއެޗްއޯ ގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުގައި ހިމެނޭ ދެ މެންބަރުންގެ ތެރެއިން އެކަކު ޗައިނާ އަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާ އަދިވެސް ނުލިބޭކަމަށާ އަނެއް މެންބަރަށް ވިސާ ލިބިފައިވާ ކަމުގައެވެ. ދެވަނަ މެންބަރަށް ވިސާ ނުލިބޭތީ އޭނާ ހުރީ ޓްރާންސިޓްގައި އެހެން ގައުމެއްގައި ކަމަށާ ވިސާ ލަސްވަނީ ކޮންސަބަބަކާ ގުޅިގެންކަން ޗައިނާގެ ޚާރިޖިއްޔާއިން މިހާތަނަށް އަންގާފައި ނުވާކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. ވިސާ ލަސްވާ މައްސަލާގައި ކަންބޮޑުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮރޯނާވައިރަސް ގެ ވައްތަރެއް ކަމަށްވާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގެ ހުބޭ ޕްރޮވިންސްގެ ސިޓީއެއްކަމަށްވާ ވޫހާން ސިޓީން ނެވެ. ނަމަވެސް އޭގެކުރިން ޔޫރަޕްގައި އެވައިރަސް އުޅުނުކަމުގެ ހެކިތައް ފެނިފައިވާކަމަށް އިނގިރޭސިވިލާތުގެ ސައެންޓިސްޓުން ކަށަވަރުކޮށްދީފައިވެއެވެ.

ޗައިނާގެ ވޫހާން ސިޓީ
ޑިސެމްބަރުމަހު ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ އެ ވައިރަސް ފެނުނުކަމަށްވަނީ އެއްގަމު މަސްވިއްކާ ބާޒާރަކުންނެވެ. ވޫހާން ސިޓީން ފުރަތަމަ ފެނުނު ކޮވިޑް-19 ވައިރަސް ޑިސެމްބަރުމަހުގެ ފަހުކޮޅާއި ޖަނަވަރީ، ފެބްރުއަރީ އަދި މާޗް މަހުގެތެރޭގައި ޗައިނާގެ އެހެން ސަރަހައްދުތަކަށްވެސް ވަރަށް ބާރަށް ފެތުރިގެން ދިޔައެވެ. މިއާއެކު އެވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ހަރުކަށި އަދި އާދަޔާ ޚިލާފު ފިޔަވަޅުތަކެއް އެޅިއެވެ. އޭގެތެރޭގައި ވިޔަފާރިތަކާއި ސްކޫލްތަކާއި އެނޫންވެސް ގައުމުގެ ހުރިހާ މުއައްސަސާތަކެއް ބަންދުކޮށް ދަތުރުފަތުރު ފަދަ ހުރިހާ ހަރަކާތްތަކެއް ހުއްޓުމަކަށް ގެނަސް މުޅި ގައުމު ފުރަބަންދުކުރުން ހިމެނެއެވެ.
ނަމަވެސް ފުރަބަންދުގައި 3 މަހަށްވުރެ ދިގުމުއްދަތެއް ހޭދަވެ ކޮވިޑް ކޮންޓްރޯލްވާން ފެށުމުން މަޑުމަޑުން ލުއިދޭން ފަށައި ޗައިނާއިން އެގައުމުގެ އެކި ސަރަހައްދުތައް އެކި ތާރީޚުތަކުގައި އަލުން ހުޅުވާލިއެވެ. ނަމަވެސް އޭރު ކޮވިޑް-19 ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަށް އެ ބަލި ކޮންޓްރޯލް ކުރުމުގައި ވަނީ ނާކާމިޔާބު ވެފައެވެ. ޗައިނާއިން ކާމިޔާބުކަމާއެކު އެބަލި އެއްކޮށް ކޮންޓްރޯލް ކުރިއެވެ. އަދި ޖޫންގައި ޗައިނާއިން އިގްތިސާދީ ހަރަކާތްތައް އަލުން ފެށިއެވެ.
ސެޕްޓެމްބަރުމަހު ޗައިނާވަނީ އިގްތިސާދީ ހަރަކާތްތައް ކުރީގެ ސްޕީޑަށް އަލުން ގެނަސް ބޭރުގައުމުތަކަށް ކުރާ ވައިގެ ދަތުރުތައް ފިޔަވައި އިގްތިސާދީ އެހެން ހުރިހާ ހަރަކާތްތަކެއް ފުލް ސްޕީޑްގައި ފަށާފައެވެ. ބޭރުގައުމުތަކާއެކު ވައިގެ ޝެޑިއުލް ދަތުރުތައް ނުފަށާތީ އާއި ބޯޑަރުތައް ބަންދުކޮށްފައިވާތީ ޗައިނާގައިވަނީ ކޮވިޑް-19 ނައްތާލެވިއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޗައިނާ މިކާމިޔާބީއާއެކު އެމެރިކާއިންވަނީ ކޮވިޑް-19 އަކީ ގަސްދުގައި ނޫންނަމަވެސް އެއީ ޗައިނާގައި އުފެދުނު ވައިރަސްއެއްކަމަށް ސިފަކޮށް އެ ވައިރަސް ފެތުރުނުގޮތް ތަހްގީގް ކުރުމަށް ގޮވާލާފައެވެ. ކޮވިޑް-19 ފެތުރުނުގޮތް ތަހްގީގްކުރުމަށް ނިންމައި އެކަން ޑަބްލިޔޫއެޗްއޯ އިން ޗައިނާއަށް ހުށަހެޅުމުން އެކަމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ. މި ޖެނުއަރީމަހު މި ތަހުގީގުތައް ފަށާނެކަން މިދިޔަ ޑިސެމްބަރުމަހު ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފައެވެ.
އެންމެ ފުރަތަމަ ކޮވިޑް ފެނުނު ޗައިނާއިން 78 ހާސް މީހުންނަށް އެބަލި ޖެހި 4 ހާސް މީހުން މަރުވިއިރު އެމެރިކާގައި 21 މިލިޔަން މީހުންނަށް ކޮވިޑް ޖެހި އެ ބަލީގައި މިހާތަނަށް 3 ލައްކަ 65 ހާސްމީހުންވަނީ މަރުވެފައެވެ. އަދި އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ދުވަހެއްވެސް ނޭންގެއެވެ. (ނޫސްއެޖެންސީތައް)