06 Jan 2021, 13:00
މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ހާދިސާ ހިނގާފައި ވަނީ ހ. ތިން ނޫނުގޭގެ ފަސް ވަނަ ފަންގިފިލާގަ އެވެ. އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 12:31 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގީ ގޭސް ފުޅި ގުޅާފައި އިން ނަޓެއް ދޫވެ، ގޭސް ލީކުވެގެން ކަމަށެވެ. އަދި ހާދިސާ ރިޕޯޓުކުރީ، އެ ގޭގެ މީހުން ރޯވި އަލިފާން ނިއްވާލުމަށް ފަހު ހޮސްޕިޓަލަށް ދަމުން ކަމަށެވެ.
އެ ހާދިސާގައި ހުޅު ފަޅައިގެން ގޮސް ގޭގައި ތިބި ދެ މީހަކު ފިހި، އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަނިޔާވީ ދިވެހި ދެ ފިރިހެނުންނަށެވެ.
އެ ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލްގެ އޮފިޝަލް "ސަން" އަށް ވިދާޅުވި އެވެ.