މި މަހުގެ 10 ވަނަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ބޭބީ ނާސަރީ އަދި ނަސަރީ ކުދިންގެ ކިޔެވުންވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ އެކެޑެމިކް ކަލަންޑަރުގައިވާގޮތަށް މި މަހުގެ 10 ވާ އާދިއްތަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނެ ކަމަށެވެ. އެޢާއެކު ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑު 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ނިއު ނޯމަލް ގައިޑްލައިންގައި ބުނާގޮތުން ސްކޫލުތަކުގައި ފޭސް ޓު ފޭސްކޮށް ކިޔަވައިދެން ފަށާއިރު ތިން ކެޓަގަރީ އަކަށް ވަނީ ބަހާލައިފައެވެ. ސްކޫލުގައި ކިޔަވާ ކުދިންގެ ނިސްބަތން މިގޮތަށް ބަހާލާފައިވައިރު އެގޮތުން ސިންގަލް ސެޝަންއަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ސްކޫލުތައް ހުރެއެވެ. މިފަދަ ސްކޫލުތަކުގައި ކުދިން ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށްވެސް ކިޔަވައިދޭން ޖެހެއެވެ.

ނިއު ނޯމަލްގައި ކިޔެވުން ކުރިއަށް ގެންދާނެ އުސޫލު އެޑިއުކޭޝަނުން ވަނީ ސްކޫލުތަކާ ހިއްސާ ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 ފެނުމާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި މަހުއެވެ. މާލެ ސިޓީގައި ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.

ދެވަނަ ޓާމު އާދިއްތަ ދުވަހު ފަށާއިރު ފުރަތަމަ ޓާމު ނިންމާ ދަރިވަރުން ޗުއްޓީ އަށް ގޮސްފައިވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

ދެވަަ ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހުއެވެ. އަދި ދިރާސީ އާ އަހަރު ފަށަން ނިންމާފައިވަނީ އޮގަސްޓުމަހުއެވެ.