27 Jan 2012, 21:51
ރާއްޖޭގެ ސުޕްރީމްކޯޓް ފިޔަވައި އެހެން ހުރިހާ ކޯޓްތަކަށް ފަނޑިޔާރުން ހޯދުމާއި އަންޔަންކުރުމާއި ގަވާއިދުތައް ހަދައި އެކަން ކުރުމުގެ ބާރު ގާނޫނު އަސާސީ އިން ލިބިދީފައިވާ ފަރާތަކީ ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) ކަމަށާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.
އުއްތަމަފަނޑިޔާރު މިރޭ ބަޔާނެއް ނެރުއްވާފައި މި ވަނީ ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި ގާނޫނާ ހިލާފަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ހުކުމްތައް ތަންފީޒުކުރެވެން ނެތް ކަމަށާއި އަދި އެ ފަނޑިޔާރުންގެ މުސާރަ ހިފަހައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ސިފައިންނާ މުހާތަބުކޮށް ދެއްކެވި ކަމަށް ބުނާ އޯޑިޔޯއެއް ލީކުވެފައިވަނިކޮށެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ކޯޓުތަކުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ އާއި ޝަރުތުހަމަނުވާ ފަނޑިޔާރުންނާ މެދު ކަންކުރާނެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ބާރު ގާނޫނު އަސާސީ އިން ޖޭއެސްސީ އަށް ލިބިދީފައިވާ އިރު، އެ ކޮމިޝަން ފިޔަވައި ދައުލަތުގެ އެއްވެސް ފަރާތަކަށް އެކަމާ ގުޅިގެން އެއްވެސް ދައުރެއް އާދާކުރުމުގެ ބާރައި އިހްތިޔާރު ގާނުނޫ އަސާސީން ވެސް އަދި ގާނޫނަކުން ވެސް ލިބިދީފައިނުވާ ކަމަށެވެ.
"...ފަނޑިޔާރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކާއި ގުޅުން ހުރި އެއްވެސް ކަމެއް ޖޭއެސްސީން ނިންމާ ނިންމުމެއް އިސްތިއުނާފް ކުރެވޭނީ ނުވަތަ އެ ނިންމުމާ ބެހޭ ގޮތުން އިތުރު އެއްވެސް ފިޔަވަޅެއް އެޅުން ގާނޫނީ އިހްތިސާސް ލިބިގެން ވަނީ ރާއްޖޭގެ ޝަރުއީ ކޯޓަކަށެވެ. އެފަދަ އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ނިންމުމެއް ނުވަތަ އަމުރެއެއް ކުރުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ގާނޫނު އަސާސީން ވެސް ލިބިދީފައެއް ނުވެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މިހާރު ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަކީ ޖޭއެސްސީ އިން ކަނޑައަޅާ އުސޫލުގެ ދަށުން އައްޔަން ކުރައްވައި ހުވައި ކުރެއްވި ފަނޑިޔާރުން ކަމަށާއި އެ ފަނޑިޔާރުންނަކީ ގާނޫނުގެ އިމުގެ ތެރެއިން އަދުލުއިންސާފު ގާއިމުކުރުމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާ ބައެއްކަމުން އަދާހަމައަށް ވެސް ދައުލަތުގެ ތިންބާރާއި އެންމެހާ މުއައްސަސާތަކުން އެކަން ބަލައިގެނެފައިވާ ކަމަށެވެ.
"ޝަރުއީ ކޯޓުތަކުގެ ހުކުމްތަކާއި އަމުރު ތަކާއި ކޯޓުތަކުން ކޮށްދީފައިވާ ވަރިކައިވެނި ފަދަ އަގުދުތައް ވެސް ސައްހަ ކަމުގައިވެ، އެކަންކަން ތަންފީޒް ކުރެވެމުން އައިސްފައި ވަނީ އެގޮތުގެ މަތީން،" އުއްތަމަފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
އުއްތަމަފަނޑިޔާރު ސޮއިކުރައްވައި ނެރުއްވާފައިވާ ދެ ސަފުހާގެ ބަޔާނުގައި އަދި ވިދާޅުވެފައި ވަނީ ކޯޓުތަކުން ނިންމާ ނިންމުމެއް އަމަލްކުރުމަށް، ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފް ކުރެވޭ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓަކުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުން ނާއި ރައްޔިތުންގެ މަޖިލިހުންނާއި އަދުލުއިންސާފު ގާއިމްކުރާ ބާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައައްސަސާތަކުންނާއި ދައުލަތުގެ މަގާމުތަކާ ހަވާލުވެފައި ތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އެމައްޗަށް ތަބާވުން ލާޒިމް ނިންމުމެއް ކަމަށާއި އަދި އެ ނިންމުން ތަންފީޒް ކުރުމަކީ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށެވެ.
"ދިވެހި ރާއްޖޭގެ ކޯޓްތަކުގެ އެންމެހާ ހުކުމްތައް އިއްވި، އަދި އަމުރުތައް ކުރެވޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ ބާރުވެރިކަމުގެ ތަރަހައިގެ މަތީގައި، ރާއްޖޭގެ ގާނޫނުތައް މާނަކުރުމުގެ ހުރިހާ ބާރުތަކެއް ގާނޫނު އަސާސީ އާއި އަދި ގާނޫނުތަކުން ލިބިދީފައ ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ." އެ ބަޔާނުގައިވެ އެވެ.
އަދި އުއްތަމަފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ކޯޓްތަކާއި ފަނޑިޔާރުންނަށް މިނިވަންކަމާއި އަދުލް އިންސާފު ގާއިމްކޮށްދިނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި މުސާރަ އަށް އެފަދަ އެއްވެސް އުނި އިތުރެއް ގެނެސް މުސާރަ ދިނުން ހުއްޓާލުން ފަދަ އެއްވެސް ކަމެއްކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"... މިބަޔާންކުރެވުނު އުސޫލުތަކައި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރެވުމުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ ޖުމުހުރީ ނިޒާމާއި ދުސްތޫރީ ބިންގާ ނުރައްކަލުގެ ތެރެއަށް ވެއްޓުން. ގައުމުގެ އިގްތިސާދާއި އިޖްތިމާއި ނިޒާމުގައި ހައްލުނުކުރެވޭނެ ފަދަ ބޮޑެތި މައްސަލަތަކެއް އުފެދުން،" ބަޔާނުގައިވެ އެވެ.