ތެހެރާން (ޖެނުއަރީ 6): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރައިމް ޕޮލިސް އިންވެސްޓިގޭޝަން (އިންޓަޕޯލް)ގެ އަމުރެއް ނެރެން އީރާނުން އެދެފި އެވެ.

އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާނު ގުލާމްހުސެން އިސްމައިލީ ވިދާޅުވި ގޮތުގައި އެގައުމުން އެމެރިކާގެ އޮފިޝަލުންތަކެއް ހައްޔަރު ކުރަން އިންޓަޕޯލްގައި އެދިފައި ވަނީ އެގައުމުގެ މޭޖާ ޖެެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އަދި އެ އޮފިޝަލުންގެ ތެރޭގައި ޓްރަމްޕްވެސް ހިމެނެ އެވެ.

"އީރާނުން ދަނީ މި ކުށް ކުރަން އަމުރުކޮށް، ކުށް ކުރި މީހުން ހޯދާ އަދަބު ދިނުމުގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދަމުން،" އިސްމައިލީ ވިދާޅުވި އެވެ.

އެއީ އީރާނުން ޓްރަމްޕް ހައްޔަރު ކުރަން ބައިނަލްއަގުވާމީ އަމުރަކަށް އެދުނު ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ ޖޫން މަހު އެގައުމުގެ ޕްރޮސެކިއުޓަރު އަލީ އަލްގާސިމާ ވަނީ ޓްރަމްޕާއި އެމެރިކާގެ އިތުރު އޮފިޝަލުންތަކެއްގެ މައްޗަށް "މީހަކު މެރުމާއި ޓެރަރިޒަމް"ގެ ތުހުމަތު ކުރައްވާ، އެމީހުން ހައްޔަރު ކުރަން އަމުރެއް ނެރުއްވާފަ އެވެ. އަދި އެމީހުން ހައްޔަރު ކުރަން އިންޓަޕޯލްގެ އެހީއަށް އެދުނު ނަމަވެސް އެ ޖަމިއްޔާއިން ވަނީ "އެއްވެސް ސިޔާސީ، އަސްކަރީ، ދީނީ އަދި ނަސްލީ" މައްސަލައަކަށް އިންޓަޕޯލްއަށް ނުވަދެވޭނެ ކަމަށް އޭރު ބުނެފަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ހާރިޖީ އޮޕަރޭޝަންތަކުގައި އިސްކޮށް ހުންނެވި ސުލައިމާނީ އަވަހާރަކޮށްލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިނެއްގަ އެވެ. އެއީ ޓްރަމްޕްގެ އަމުރަށް އެމެރިކާއިން އިރާގުގެ ވެރިރަށް ބަޣުދާދުގައި ދިން ހަމަލާއެއްގަ އެވެ.

އެ މައްސަލަ ބެއްލެވި އދ.ގެ ސްޕެޝަލް ރެޕެޓުއާ އޮން އެކްސްޓްރާޖުޑިޝަލް އެކްސެކިއުޝަންސް، އެގްނެސް ކަލަމާޑް ވިދާޅުވި ގޮތުގައި ސުލައިމާނީ އަވަހާރަކޮށްލީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށެވެ.