06 Jan 2021, 08:18
ދިއްލީ (ޖެނުއަރީ 6): އިންޑިއާގައި އުފައްދާ ކޮވިޑް-19 ވެކްސިންތައް އާއްމު ބޭނުމަށް ދޫކުރަން ފަށާތާ ދެ ހަފްތާ ތެރޭ އެ ވެކްސިންގެ ޑޯޒްތައް އެކްސްޕޯޓު ކުރަން ފަށާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބީބީސީއަށް މައުލޫމާތު ދިން އޮފިޝަލު ވިދާޅުވި ގޮތުގައި އެގައުމުން އުފައްދާ ވެކްސިންތައް ފުރަތަމަ އެކްސްޕޯޓު ކުރަން ހަމަޖެހިފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކަށެވެ. އަދި އޭގެ ތެރެއިން ބައެއް ޑޯޒްތައް ހިލޭ ދޭ އިރު އެހެން ޑޯޒްތައް ވިއްކާނީ އެވެ.
"ވެކްސިންތައް އާއްމު ބޭނުމަށް ފޮނުވަން ފަށާތާ ދެ ހަފްތާ ތެރޭ އަޅުގަނޑުމެންގެ އަވަށްޓެރި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ވެކްސިން އެކްސްޕޯޓު ކުރަން ހުއްދަ ދޭނަން. އޭގެ ތެރެއިން ބައެއް އެކްސްޕޯޓުތަށް ފޮނުވާނީ އަޅުގަނޑުމެން ފައިސާ ދެއްކުމަށް ފަހު ހަދިޔާއެއްގެ ގޮތުގައި އަދި ބާކީ ސަޕްލައި ކުރާނީ ސަރުކާރުން ވެކްސިން ގަންނަ އަގާ ގާތްގަނޑަކަށް އެއްވަރުގެ އަގެއްގައި،" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު އިންޑިއާއިން ވަނީ، އެގައުމުގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ކޮވިޑް ވެކްސިނާއި އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއި ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އެ ދެ ވެކްސިންގެ ޑޯޒްތައްވެސް އިންޑިއާގައި އުފައްދަ އެވެ. އަދި އޮކްސްފޯޑް ވެކްސިންގެ ޑޯޒްތައް ތައްޔާރު ކުރަނީ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)އިންނެވެ.
އިންޑިއާގެެ ފެޑެރަލް ހެލްތު ސެކްރެޓަރީ ރާޖޭޝް ބޫޝާން ވިދާޅުވި ގޮތުގައި ވެކްސިންއަށް ހުއްދަ ދިންތާ 10 ދުވަސް ފަހުން ވެކްސިން ދޭން ފަށަން އެގައުމުން ވަނީ ތައްޔާރުވެފަ އެވެ.
އިންޑިއާގައި އުފައްދާ އޮކްސްފޯޑް ވެކްސިންގެ ޑޯޒްތައް އެގައުމުން އިތުރު މަސްތަކެއް ވަންދެން އެކްސްޕޯޓު ކުރުން މަނާކޮށްފައިވާ ކަމަށް އެސްއައިއައިގެ ސީއީއޯ އަދަރު ޕޫނަވާލާ މިދިޔަ އާދިއްތަ ދުވަހު ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓު ކުރި އެވެ. ނަމަވެސް އިއްޔެ ބީބީސީއާ ވާހަކަ ދައްކަވަމުން އޭނާ ވަނީ ބޭރު ގައުމުތަކުގެ ސަރުކާރުން ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެ ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކުންފުނިން ބަންގްލަދޭޝް އާއި ސައުދީ އަރަބިއާ އާއި މޮރޮކޯއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ވެކްސިންގެ ޑޯޒްތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑެލިވާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕޫނަވާލާ ވިދާޅުވި ގޮތުގައި ސެރަމް އިންސްޓިޓިއުޓުން އިންޑިއާ ސަރުކާރަށް ވެކްސިންގެ ފުރަތަމަ 100 މިލިއަން ޑޯޒް ވިއްކާނީ ކޮންމެ ޑޯޒްއަކަށް 200 ރުޕީސް (2.74 ޑޮލަރު) ޖެހޭ ގޮތަށެވެ. ނަމަވެސް އެއަށް ފަހު ވެކްސިންގެ އަގު ބޮޑު ކުރާނެ އެވެ.
މީގެ އިތުރުން ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޯވެކްސްއަށް މިއަހަރު ނިމުމުގެ ކުރިން 200 މިލިއަނާއި 300 މިލިއަނާ ދެމެދުގެ އަދަދަކަށް އެސްއައިއައި އިން ވެކްސިން ޑޯޒް ދޭން މަސައްކަތް ކުރާނެ ކަމަށް ޕޫނަވާލާ ވިދާޅުވި އެވެ.
ސެރަމް އިންސްޓިޓިއުޓާއި ބާރަތު ބަޔޯޓެކްއިން ވަނީ މިހާތަނަށް ކޮވިޑް ވެކްސިންތަކުގެ 70 މިލިއަނަށް ވުރެ ގިނަ ޑޯޒް އުފައްދާފަ އެވެ. އަދި އެ ދެ ކުންފުނިން ދަނީ ޑިމާންޑާ އެއްވަރަށް ވެކްސިން ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.