27 Jan 2012, 15:05
އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު އަންހެނަކާއެކު ގައިގޯޅި މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއެއް ކަމަށް ބުނެ ރާއްޖެ ޓީވީން ތަންތަންކޮޅުން އާއްމުކުރި ވީޑިއޯއާ ބެހޭ ގޮތުން ޝަހީމް ވާހަކަފުޅު ދައްކަވައިފި އެވެ. އޭނާ ވިދާޅުވަނީ "އެއީ އެޑިޓްކޮށްފައިވާ ވީޑިއޯއެއް" ކަމަށެވެ.
އަދި ވިދާޅުވީ އެ ވީޑިއޯއާ ގުޅުވައި އޭނާގެ އިސްތަށިފުޅުގައި އަޅުވާފައިވާ ޒިނޭގެ އިލްޒާމްތަކުން ބަރީއަވެވަޑައިގެންނަވާ ކަމަށެވެ.
ޝެއިހް ޝަހީމް މިހެން ވިދާޅުވީ ގައުމީ ދުވަހު އެމްއެންބީސީ ވަންގެ ހަބަރު ގަޑިތަކުގައި އެވީޑިއޯ ކްލިޕް ހިމަނައިގެން ގެނެސްދީފައިވާ ރިޕޯޓަކާ ގުޅިގެން އެކަން ކުށްވެރިކޮށް އާދަލާތު ޕާޓީގެ ރަސްމީ ވެބް ސައިޓްގައި ޝާއިއުކުރި ބަޔާނެއްގަ އެވެ.
~
ޝަހީމް ނެރުއްވާފައިވާ ބަޔާނުގައި ވަނީ ގައުމީ ދުވަހު އެމްއެންބީސީ ވަން އިން ފޮނުވި ރިޕޯޓެއްގައި އޭނާއާ ބެހޭ ގޮތުން އެފަދަ ހަބަރެއް އެ ޗެނަލުން ފަތުރާފައި ވަނީ އެ ވީޑިއޯއާ ބެހޭ ގޮތުން އޭނާއާ އެއްވެސް ސުވާލުކުރުމެއް ނެތި ކަމަށާއި ޝަރުއީ ގޮތުން މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށްވެރިއެއް ނޫން ކަމަށެވެ.
"އެމްއެންބީސީން މިކަން ކޮށްފައިވަނީ ކޮން މަގުސަދެއްގައި ކާކުގެ އަމުރަކަށްތޯ؟ އެޑިޓްކުރެވިފައި ހުންނަ ވީޑިއޯތަކަކީ މީހުންގެ ޝަހުސިއްޔަތު ކަތިލަން ކިހާވަރުގަދަ ހުއްޖަތެއްތޯ؟ އަދި އެފަދަ ވީޑީއޯތައް ނަގައިގެން މީހުންގެ ޝަހުސިއްޔަތު ދުއްވާލުމަކީ ޒިންމާދާރު ނޫސްވެރިކަމެއްތޯ؟" ޝަހީމް ސުވާލުކުރައްވާފައިވެ އެވެ.
ޝަހީމް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވީ އޭނާއާ ގުޅުވައި އާއްމުކޮށްފައިވާ އެ ވީޑިއޯއަކީ އެޑިޓްކޮށްފައިވާ ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯއިން އޭނާގެ ބޮލުގައި އަޅުވާފައިވާ ޒިނޭގެ އިލްޒާމްތަކުން އޭނާ ބަރީއަވެވަޑައިގެންނަވާ ކަމަށެވެ. އަދި އެވިޑިއޯ ކްލިޕް ހިމަނައިގެން އަމިއްލަ ޗެނަލަކުން ޚަބަރު ފަތުރުމުން ބަހެއް ވިދާޅު ނުވި ނަމަވެސް ފަހުން ބަޔާނެއް ދެއްވަން ޖެހިވަޑައިގަތީ ގައުމީ ޓީވީން އެ ވީޑިއޯ ކްލިޕް ހިމަނައިގެން ހަބަރު ގެނެސްދިނުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"ވީޑިއޯއަކީ އެޑިޓެޑް ވީޑިއޯއެއް. އެވީޑިއޯ ކްލިޕް ހިމަނައިގެން ޚަބަރުތައް ފެތުރުމުން އެމްޑީޕީ އެކްޓިވިސްޓުން ވެސް އަޅުގަނޑާ ދިމާލަށް ރަށު ތެރޭގައި ވެސް މިކިޔަނީ ބަދުއަހުލާގީ އަމަލު ހިނގިއޭ. އެ ވީޑިއޯ ކްލިޕް ބޮޑަށް މިފެތުރީ ގައުމީ ޓީވީން. އެމްއެންބީސީއަކީ ރައްޔިތުންގެ އަބުރާ ޝަރަފް ދަމަހައްޓަންޖެހޭ ބައެއް. އާއްމު ވަކި ބައެއްގެ މަސްލަހަތު އޮންނަ ޗެނެލްތަކާ އެމްއެންބީސީއާ ވަރަށް ތަފާތު،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ ސިޔާސީ މަގުސަދަކަށްޓަކައި ޒާތީގޮތުން ދިމާކޮށް ކިތައްމެ ފުރައްސާރައެއް ކުރިއަސް، އަދި ކިތައްމެ ބަދުނާމެއް ބޮލުގައި އެޅުވިޔަސް، ޝަހުސިއްޔަތު ގަތުލުކުރުމަށް ކިތައްމެ ބިރެއް ދެއްކިޔަސް، ކިތައްމެ ފަލީހަތެއް ކުރިޔަސް، ބަޔަކަށް ދެއްވަން ހުރި އިއްޒަތެއް ﷲ ދެއްވާނެ ކަމަށެވެ.
އެމްއެންބީސީން ވަންގެ ކުރިން އެވީޑީއޯ ކްލިޕް ހިމަނައިގެން ޚަބަރު ގެނެސްދީފައިވަނީ ރާއްޖެ ޓީވީންނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ޝަހީމް އޭރު އެއްވެސް އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ.
މިއީ މިހާތަނަށް މިފަދަ ވީޑިއޯއެއް ރާއްޖޭގައި އާއްމުވުމާ ގުޅިގެން އެވީޑިއޯއެއް ރައްދުވާ ފަރާތުން ޖާވާބުދިން ފުރަތަމަ ފަހަރެެވެ.