ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރަން ހުށަހެޅި އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) އަށް ގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީސިއާ އެސްޕިނޯސާ ތައުރީފު ކުރައްވައިފިއެވެ.

އެކަން އެކަމަނާ ފާހަގަ ކުރައްވާފައިވަނީ، ރާއްޖޭގެ އެންޑީސީ ހުށަހެޅުމާއި ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް ފޮނުއްވި ސިޓީއެއްގައެވެ.

އެގޮތުން، ކޮވިޑް 19 ގެ ގޮންޖެހުންތަކާއެކުވެސް ކަނޑައެޅިފައިވާ މުއްދަތަށް ރާއްޖޭގެ އެންޑީސީ އަޕްޑޭޓްކޮށް ހުށަހެޅުމަކީ ފަހާގަކޮށްލެވޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ރާއްޖެއިން، ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރިޔަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވުމާއި ވަސީލަތްތައް ތަނަވަސް ވެއްޖެނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް "ނެޓް ޒީރޯ" ހާސިލްކުރުމުގެ އަޒުމުގައި ތިބުމަކީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ ކަންތައްތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ހުށަހެޅުމާއި، ހާއްސަކޮށް ކާރިސީ ހިރާސް އިތުރުކުރުމާއި، އެދާއިރާއިންވެސް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވުމަކީ، ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަމަށް އެންމެ ބޮޑަށް ހުރަހެޅިފައިވާ ގައުމަކުން ހުށަހަޅާ ވަރަށް މުހިންމު ކަމެއްކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން އެތައް ފަހަރަަކު ވަނީ ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މިނިސްޓްރީގެ ފަރާތުން ކަމާގުޅުންހުރި ދާއިރާތަކާއި ގުޅިގެން ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.