އެމެރިކާގައި ބާއްވާ އިންޓަނޭޝަލަން ވިސިޓާސް ލީޑާ ޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އަށް ފުރުސަތު ލިބިއްޖެ އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް މިއަދު ހަވީރު އެމެރިކާއަށް ފުރާގޮތަށް ހަމެޖިފައިވާ ކަމަށް މަހުލޫފް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފުރުސަތަކީ ރާއްޖެއާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަ އެމެރިކަން އެންބަސީގެ ފަރާތުން، ކުރި އިއުލާނަކާ ގުޅިގެން ކުރިމަތި ލުމުން ލިބުނު ފުރުސަތެއް ކަމަށާއި، އޭނާ އަށް އެ ފުރުސަތު ލިބުނީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅޭ މީހެއްކަމަށް ވުމުން ކަމަށެވެ.

"ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަ އެމެރިކަން އެންބަސީގެ ފަރާތުން، އަޅުގަނޑަކީ ވެސް ރާއްޖޭގެ ސިޔާސީ ކަންތައްތަކުގައި އިސްކޮށްއުޅޭ މީހަކަށް ފާހަގަކުރެވިގެން އަޅުގަނޑަށް މިކަމަށް ދައުވަތު ދިނީ،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ފްލޮރިޑާ އާއި ނިއުޔޯކް އަދި ވޮޝިންޓަންގައި އާދީއްތަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ އެ ޕްރޮގްރާމްގައި އެ ގައުމުގެ މީޑިއާތަކާ ބައްދަލުކުރުމާއި އެމެރިކާ ސަރުކާރުގެ އިސް ވެރީންނާ ބައްދަލުކުރުން ވެސް އޮންނާނެ ކަމަށެވެ.

އެގައުމުގައި މިހާރު ކުރިޔަށްދާ ޕްރެޒިޑެންޝަލް ޕްރައިމަރީގެ ވޯޓުލުމުގެ ކަންތައް ކުރިޔަށްދާ ގޮތް ބެލުމާއި ކެމްޕޭން ރެލީތަކުގައި ބައިވެރިވުމަށް ހަމަޖެހިފައި ވާ ކަމަށެވެ.