05 Jan 2021, 11:46
ލަންޑަން (ޖެނުއަރީ 5): އިނގިރޭސިވިލާތުގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެގައުމުން އަނެއްކާ ވެސް ހަރުކަށި ގަވާއިދުތަކާ އެކު ފުރަބަންދުކޮށްފި އެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި އެގައުމުން ފެނިފައިވާ ކޮރޯނާވައިރަހުގެ އާ ވޭރިއެންޓް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އަދި ގައުމުގެ ސިއްހީ ނިޒާމު ބޮއްސުން ލުމުގެ ބިރު ވަނީ ހީވެފަ އެވެ.
"މި ބަލިމަޑުކަން ފެށުނު ފަހުން އަޅުގަނޑުމެންގެ ހޮސްޕިޓަލްތައް ޕްރެޝަރަށް ނުދާ މިންވަރަށް މިހާރު ވަނީ ގޮސްފައި. ގައުމުގެ ބޮޑު ބައެއްގައި މިހާރު ވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ އިރު، މި އާ ވޭރިއެންޓް ކޮންޓްރޯލް ކުރަން އިތުރު މަސައްކަތް ކުރަން ޖެހޭކަން ސާފުވޭ. ވީމާ ވޭރިއެންޓް ކޮންޓްރޯލް ކުރެވޭ ވަރުގެ ހަރުކަށި ގައުމީ ފުރަބަންދަކަށް އެބަ ދާން ޖެހޭ،" ޖޯންސަން ވިދާޅުވި އެވެ.
ޖޯންސަން ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން އަޅާ އާ ފިޔަވަޅުތަކުގެ ދަށުން މިއަދުން ފެށިގެން ސްކޫލުތައް ބަންދުކޮށް، ޒަރޫރީ ސަަބަބުތަކަށް ފިޔަވާ ގޭގައި ތިބެން އަންގާނެ އެވެ. އަދި ކޮވިޑް ވެކްސިން ޕްރޮގްރާމް މިހާރު ރާވާފައިވާ ގޮތަށް ކުރިއަށްގޮސް، އާ ފިޔަވަޅުތަކާއެކު ޕޮޒިޓިވް ކޭސްތަކާއި މަރުތައް މަދުވެއްޖެ ނަމަ އަންނަ މަހުގެ މެދު ތެރޭ ފުރަބަންދު އުވާލަން ފަށާނެ އެވެ.
ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކޮރޯނާވައިރަހުގެ އެ ވޭރިއެންޓް މާ ފަސޭހައިން ގައިން ގަޔަށް އަރަ އެވެ. އަދި އާ ވޭރިއެންޓުގެ ސަބަބުން ބަލީގެ ރިޕްރޮޑަކްޝަން (އާރު) ނަމްބަރު 0.4 އާއި 0.7އާ ދޭތެރޭގެ އަދަދަކަށް އިތުރުވެ އެވެ.
އާރު ނަމްބަރަކީ ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި އަރާ އެވަރެޖު މީހުންގެ އަދަދެވެ.
އިނގިރޭސިވިލާތުގެ އެންމެ ފަހުގެ އާރު ނަމްބަރު އުޅެނީ 1.1 އާއި 1.3އާ ދޭތެރޭގަ އެވެ. އަދި ބަލި ފެތުރޭ މިންވަރު ދަށް ވާން ފަށާނީ އެ އަދަދު 1.0އަށް ވުރެ ދަށްވުމުންނެވެ. އެގައުމުން މިހާރު ދަނީ ފައިޒާ އާއި ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިނާއި އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފެއްދި ވެކްސިން މީހުންނަށް ދެމުންނެވެ.