ކުވައިތު (ޖަނަވަރީ 5):ސައޫދީ އަރަބިއާއިން ގަތަރާ ދެކޮޅަށް އަޅާފައިވާ ހިސާރާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެދެގައުމުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރިކަން ކުވައިތުން އިއްލާން ކޮށްފި އެވެ.

ކުވައިތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ކުވައިތުގެ ހާރިޖީ ވަޒީރު ޝައިހް އަހްމަދު ނާސިރުލް މުހައްމަދުއްސަބާޙް ވިދާޅުވީ ސައޫދީ އަރަބިއްޔާ އާއި ގަތަރު ގުޅޭ އެއްގަމުގެ ސަރަހައްދީ ރޮނގާއި ވައާއި ކަނޑުގެ ސަރަހައްދީ ރޮނގުތައްވެސް މިހާރު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އަދި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފައިވާ ކަންވެސް ކުވައިތުގެ ހާރިޖީ ވަޒީރު ކަށަވަރު ކޮށްދެއްވި އެވެ.

މިއާއެކު 2017 ވަނަ އަހަރު ސައޫދީ އާއި މިސްރާއި ޔޫއޭއީ އަދި ބަހްރައިން ގުޅިގެން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތަކުގައި ހިމެނޭ ސައޫދީ ގެ ފިޔަވަޅުތައް އިއްޔެ ނިމުމަކަށް އައިސްފައިވާ ކަމަށް ކުވައިތުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ. ގަތަރާއި ސައޫދީ އާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރީ ކުވައިތުންކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމެރިކާގެ ރައީސްގެ އިސް މުސްތަޝާރު ޖަރެޑް ކުޝްނާ ދާދިފަހުންވަނީ ގަތަރާއި ސައޫދީ އަށް ވަޑައިގެން އެދެގައުމު ސުލްހަ ކުރުވުމުގެ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އަނެއްކޮޅުން ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ މިއަދު ސައޫދީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަލްފުގެ އަރަބި ގައުމުތަކުގެ ޖަމްއިއްޔާ ޖީސީސީ ގެ ސަމިޓް ބައްދަލުވުމުގައި ބައިވެރިވާ ގަތަރުގެ ވަފްދު ތަމްޘީލް ކުރައްވާނީ އެގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ކަން ކަށަވަރުކޮށްދީފަ އެވެ.

ސައޫދީ އާއި މިސްރާއި ޔޫއޭއީ އަދި ބަހްރައިން ގުޅިގެން 2017 ވަނަ އަހަރުގެ ތެރޭ ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތައް އުވާލުމުގެ އެއްބަސްވުމެއްގައި މި ގައުމުތަކުން ގަތަރާއެކު ސޮއިކުރާނެކަމަށާއި ސޮއިކުރުން އޮންނާނީ ސައޫދީގައި މިއަދު ބާއްވާ ޖިސީސީގެ ސަމިޓްގެ އަރިމަތީގައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީ ގެ ހާޒިރުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިސްރަކީ ޖީސީސީ ގެ ގައުމަކަށް ނުވި ނަމަވެސް މިއަދު ސައޫދީގައި ބާއްވާ އެޖަމާއަތުގެ ސަމިޓްގައި ހާއްސަ މެހެމާނެއްގެ ގޮތުން މިސްރުގެ ރައީސް ބައިވެރިވެ ވަޑައިގަންނަވާނެކަން ސައޫދީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާވާ ސައޫދީ އާއި މިސްރާއި ޔޫއޭއީ އަދި ބަހްރައިން ގުޅިގެން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ހިސާރުގެ ފިޔަވަޅުތައް އެޅީ ގަތަރުން އެގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ގަތަރުން ޓެރަރިސްޓުންނަށް އެހީތެރިވާކަމަށް ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ.

ހިސާރުގެ ފިޔަވަޅުތައް އުވާލުމަށް އެ ހަތަރު ގައުމުންވަނީ މީގެ ކުރިން ޝަރުތުތަކެއްވެސް ކަނޑައަޅާފަ އެވެ. އޭގެތެރޭގައި ގަތަރުގެ މަޝްހޫރު އަލްޖަޒީރާ ޓީވީ ޗެނެލް ބަންދު ކުރުމާއި ގަތަރުގައި ދިރިއުޅުއްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ އިސްވެރިން ގަތަރުން ބޭރުކުރުމާއި ސައޫދީން އެންމެ ބޮޑު ދުޝްމަންކަމަށް ދެކޭ އީރާނާއެކު ގަތަރުން ބާއްވާ ގުޅުންތައް ކަނޑާލުން ނޫނީ އެގުޅުންތަކުގެ ލެވެލް ވަރަށް ބޮޑަށް ދަށްކުރުން ހިމެނެ އެވެ.

ގަތަރުންވަނީ މިޝަރުތުތަކާ ކަނޑައެޅިގެން ދެކޮޅު ހަދާފަ އެވެ. ހިސާރުގެ ފިޔަވަޅުތައް އުވާލައި ގަތަރާއެކު ގުޅުންތައް އަލުން ގާއިމް ކުރަން ސައޫދީން ނިންމި އިރުވެސް ގަތަރުން މިއިން އެއްވެސް ޝަރުތަކަށް އިޖާބަ ދީފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)