ދެ ހާސް ދިހަ ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ބައިވެރިވި ކަރުދާސްތަކަށް ލިބުނު (އޭ - ސީ) ގްރޭޑްތަކަށް ވުރެ 2011 ވަނަ އަހަރު ލިބިފައިވާ ނަތީޖާ ފަސް ޕަސެންޓް ކުރިއަރާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓަރީން އިއްޔެ ނެރުނު މިދިޔަ އަހަރުގެ އޯލެވެލްގެ އެނަލަސިސް ރިޕޯޓް ދައްކާގޮތުން އިމްތިހާން ކަރުދާސްތަކުން ތިން ޕަސެންޓް ކުދިން "އޭ" ސްޓާ ހޯދާފައިވާ ވެއެވެ. އަދި ހަތް ޕަސެންޓް ކުދިން "އޭ" ގްރޭޑް ހޯދާފައިވާއިރު "ބީ" ގްރޭޑް ހޯދި ދަރިވަރުންގެ އަދަދު 16 އަށް އަރަ އެވެ. އަދި 29 ޕަސެންޓް ދަރިވަރުން "ސީ" ގްރޭޑް ހޯދާފައިވާ ކަމަށް އެ ރިޕޯޓް ބުނެ އެވެ.

އަދި އިމްތިހާންތަކުން ފާސްނުވެ "ޔޫ" ގްރޭޑް ލިބޭ ދަރިވަރުންގެ އަދަދު ވެސް މިދިޔަ އަހަރު މަދުކުރެވިފައިވާ ކަމަށާއި އެގޮތުން 2009 ވަނަ އަހަރާއި އަޅާބަލާ އިރު އެކުދިންގެ ނިސްބަތް ހަތް ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ނެރުނު ރިޕޯޓުން ދައްކަ އެވެ.

އެ ރިޕޯޓްގައި އެޑިއުކޭޝަން މިނިސްޓަރީން ބުނެފައި ވަނީ މަޖްބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމާއި ދިވެއްސާއި ހިސާބު އަދި އިނގިރޭސިން 2008 އާ އަޅާބަލާ އިރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން އިސްލާމުން 10.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ އިރު ދިވެހިން 17.2 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ހިސާބުން 12.1 ގެ ކުރިއެރުމަކާއި އިނގިރޭސިން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ސާނަވީ ނިންމާ އިމްތިހާންތަކުން ފަސް މާއްދާ އިން ފާސްވާ މިންވަރު ވޭތުވެދިޔަ ތިން އަހަރު 10 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި އެ ބަދަލާ އެކު ސްޓްރީމްތަކުގެ ވަކިވަކި މާއްދާތަކުގެ ނަތީޖާ ވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށް ބުނެ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާތަކުން ވެސް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ ސައިންސް ސްޓްރީމުގެ ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓަރީން ބުނި ގޮތުގައި 2009 ވަނަ އަހަރު ފަސް މާއްދާ އިން ފާސްވި ނިސްބަތް 60 ޕަސެންޓަށް މަތިކުރެވި ނުވަ ސުކޫލެއް ފާހަގަކުރެވިފައިވާ އިރު މިދިޔަ އަހަރު ރާއްޖޭގެ 23 ސުކޫލަކުން އެކަން ހާސިލްކޮށްފައިވާ ކަމަށާއި 2010 ވަނަ އަހަރު ސްކޫލްތަކުގެ ފަސް މާއްދާ އިން ފާސްވާ މިންވަރަށް އަޅާބަލާ އިރު މިދިޔަ އަހަރު 87 ސްކޫލަކުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

އަދި 2008 ވަނަ އަހަރާއި އަޅާބަލާ އިރު ގަދަ 10ގައި މިއަހަރު އިތުރު 88 ކުދިން ހިމެނޭކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރީން މައުލޫމާތު ދިނެވެ. މިދިޔަ އަހަރު 362 ދަރިވަރަކުވަނީ ގަދަ 10 ގައި ހިމެނިފަ އެވެ.
މިދިޔަ އަހަރު ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 184 ސެންޓަރުން 6432ދަރިވަރުން ބައިވެރިވެ އިމްތިހާނު ހެދި އެވެ.

އޯލެވެލް އިމްތިހާނުގައި ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުވަމުން އަންނަ ކަމަށް ބުނާ އިރު، ސަރުކާރު ސްކޫލުތަކުން ކިޔަވާ ދަރިވަރުންގެ ތެރެއިން މޮކް އިމްތިހާނުން ދަށް ނަތީޖާ ލިބޭ ކުދިންނަށް ސްކޫލްތަކުގެ ނަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެ އެވެ. އެ ކުދިން އިމްތިހާނު ހަދަން ބޭނުން ނަމަ ޖެހެނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ބައިވެރިވުމަށް ކަމަށް ބައެއް ބެލެނިވެރިން ބުނެ އެވެ.