އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅުވައިގެން ރޭ މާލެތެރޭގައި ހަމަނުޖެހުން ހިންގައި ތޫނު ހަތިޔާރު ހިފައިގެން ނުކުމެ، މާރާމާރީ ހިންގަން އުޅުނު މީހަކު ވަޅިއަކާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާރާމާރީ ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކީ ހ. ރަންފަޅޯގެ، ހަސަން އަރީޝް 27، ކަމަށާއި އޭނާ އަތުލައިގެންފައި ވަނީ ރޭ މާލެތެރޭގައި މުޒާހިރާ ކުރިޔަށް ދިޔަ ވަގުތު ހެންވޭރު ސަރަހައްދުގައި މާރާމާރީ ހިންގުމަށް ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން އެސަރަހައްދަށް ގޮސް ހިންގި އޮޕްރޭޝަނެއްގައި ކަމަށެވެ.

ނަމަވެސް ރޭގެ މުޒާހަރާގެ ވަގުތުގައި ސިފައިން ހައްޔަރު ކުރި އެމީހާ އަތުލައިގަތީ ކޮން ތަނެއްގައި ހުއްޓައި ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

ފުލުހުން ބުނީ އެމީހާ އާއި އޭނާ ގެންގުޅުނު ވަޅި ހޯދައި ފުލުހުންނާއި ހަވާލުކޮށްފައި ވަނީ ސިފައިންގެ ފައުޖުން ކަމަށެވެ.

މާލޭގައި ކުރާ މުޒާހަރާތަކުގައި މާރާމާރީ ހިންގާ އިރު، ޖަލުހައި ހުކުމް ތަންފީޒު ކުރަމުންދާ ބޮޑެތި ކުށްވެރިންތަކެއް ވަނީ ދެ ވަނަ ފުރުސަތުގެ ދަށުން ކަމަށް ބުނެ ސަރުކާރުން މުޖުތަމައު އަށް ނެރެފަ އެވެ. އަދި ދެ ވަނަ ފުރުސަތުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްްގައި ވެސް ބުނެފައި ވަނީ މާލޭގައި ހިންގާ ހަމަނުޖެހުންތަކުގައި ދެ ވަނަ ފުރުސަތުގެ މީހުން ހިމެނޭ ކަމަށެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ ރޭ ހައްޔަރު ކުރި މީހަކީ ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހެއް ކަން އަދި ނޭނގޭ ކަމަށާއި އެެކަން އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ.