މަޝްހޫރު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކައިވެނިކޮށްފިއެވެ.

ޒަފަރުގެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއިން ފެނިގެންދަނީ ކައިވެނީގެ ހެދުމުގައި އޭނާގެ އަނބިމީހާގެ އަތުގައި ހިފަހައްޓާލައިގެން ހުރި މަންޒަރެވެ. އަދި ފޮޓޯ ކެޕްޝަނަކަށް ޖަހާފައިވަނީ ބިސްމިﷲ އެވެ.

މަޝްހޫރު ޑައިރެކްޓަރު ޒަފަރު ކައިވެނިކުރި ނަމަވެސް އޭނާ ކައިވެނި ކުރީ ކާކާ ކަމެއް އެނގިފައެއްނުވެއެވެ. ޑައިރެކްޓަރު ކައިވެނިކުރުމާއެކު ގިނަ ތަރިންނެއް އޭނާ އަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ދެހާސް އެގާރަ ވަނަ އަހަރު ބޮލީވުޑަށް ނުކުތް ޒަފަރު ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ"، "ޑިއާ ޒިންދަގީ" އަދި "ސުލްތާން" ހިމެނެއެވެ.