އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ފްރެންޗައިޒް "ދޫމް" ގެ ހަތަރު ވަނަ އިންސްޓޯލްމަންޓުގެ ވިލަންގެ ރޯލަށް ދީޕިކާ ޕަދުކޯން ހަމަޖައްސައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގައި އެންމެ މަގްބޫލު އެކްޓަރުން ތެރޭ ހިމެނޭ ދީޕިކާ މި ފިލްމުގެ ވިލަން އަށް ހަމަޖައްސާކަމަށް ރިޕޯޓްތައް ބުނިއިރު ދޫމްގެ އިންސްޓޯލްމަންޓްތަކުގެ ވިލަން އަށް އަބަދުވެސް ހަމަޖައްސަނީ މަޝްހޫރު ތަރިންނެވެ. އެގޮތުން ފިލްމުގެ ފުރަތަމަ ބައިގެ ވިލަން އަށް ޖޯން އަބްރަހަމް ހަމަޖެއްސިއިރު ދެވަނަ ބައިގެ ވިލަންގެ ރޯލު ކުޅުނީ ރިތިކް ރޯޝަންއެވެ. ތިން ވަނަ ފިލްމުގައި ވިލަންގެ ރޯލު ކުޅުނީ އާމިރު ޚާން އެވެ.

ދޫމް 4 އިން ދީޕިކާ ވިލަންގެ ރޯލުން ފެނިގެންދާނަމަ މި ފިލްމުވެގެންދާނީ މި އިންސްޓޯލްމަންޓުގައި ވިލަންއެއްގެ ރޯލުން އަންހެން ތަރިއެއް ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ދޫމް އެކަކުން ފެނިގެންދިޔަ ލީޑުތަރިންނަކީ ޖޯން އަބްރަހަމް އާއި އީޝާ ޑިއޯލް އެވެ. ފިލްމުގެ ދެވަނަ ބައިން ރިތިކް ރޯޝަން އާއި އައިޝްވާރިއާ ރާއީ ފެނިގެންދިޔައިރު ތިން ވަނަ ބައިން ފެނިގެންގޮސްފައިވަނީ އާމިރް ހާން އަދި ކެޓްރީނާ އެވެ.