27 Jan 2012, 13:41
އިސްލާމް އާބާދު (ޖަނަވަރީ 27) : ޕާކިސްތާނަކީ އިސްލާމީ ގައުމަކަށްވާތީ ޕާކިސްތާނު ނިއުކްލިޔާ ބާރަކަށްވުމުން އެމެރިކާ ކަންބޮޑުވާ ކަމަށް އެގައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ހަމީދު ގުލް ވިދާޅުވެއްޖެ އެވެ.
އީރާނުގެ އަލްއާލަމް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ގުލް ވިދާޅުވީ ޕާކިސްތާން ނިއުކްލިޔާ ބާރަކަށްވުމަށް އެމެރިކާ ނޭދޭ ކަމަށާއި އަދި ޕާކިސްތާނުގެ އަސްކަރީ ނިއުކްލިޔާ ޕްރޮގްރާމްގެ އިތުރުން މަދަނީ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ވެސް ނުސީދާ ގޮތެއްގައި އެމެރިކާ މަސައްކަތްކުރަމުން ގެންދާ ކަމުގަ އެވެ.
މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކުރަން އިންޑިޔާއަށް ފަންނީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެމެރިކާ އިންތިހާއަށް އެހީވަމުންގެންދާއިރު ޕާކިސްތާނުގެ މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީގެ ޕްރޮގްރާމަށް ކުޑަ ވެސް އެހީތެރިކަމެއް ދޭން އެމެރިކާ ބޭނުންނުވާ ކަމަށް ގުލް ވިދާޅުވި އެވެ.
ގުލް ވިދާޅުވީ 1988 ގައި ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރު ތަޖްރިބާ ކުރުމަށްފަހު ފާއިތުވި 14 ވަރަކަށް އަހަރު ތެރޭގައި އަމިއްލަ ނަފްސަށް ބަރޯސާވެގެން ނިއުކްލިޔާ އަސްކަރީ އަދި މަދަނީ ޓެކްނޮލޮޖީ އާއި މިސައިލް ޓެކްނޮލޮޖީ ޕާކިސްތާނުން ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ކަމުގަ އެވެ.
މިގޮތުން މިހާރު ޕާކިސްތާނަކީ ނިއުކްލިޔާ ހަތިޔާރުގެ ގޮތުން ދުނިޔޭގެ 5 ވަނަ އަސްކަރީ ބާރު ކަމަށް ގުލް ވިދާޅުވި އެވެ. ނަމަވެސް ޕާކިސްތާނުން އުފައްދާފައިވާ ނިއުކްލިޔާ ހަތިޔާރުގެ އަދަދެއް ގުލް ހާމައެއް ނުކުރައްވަ އެވެ.
އިންޑިޔާ ބައިނަލްއަގުވާމީ ބާރަކަށްވެ އިގުތިސާދީގޮތުން ޕާކިސްތާނަށްވުރެ ކުރިއަރާފައިވީ ނަމަވެސް ނިއުކްލިޔާ ހަތިޔާރުގައި ޕާކިސްތާނަށްވުރެ ކުރިޔަށް އިންޑިޔާއަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޕާކިސްތާނުގެ ނިއުކްލިޔާ އައްޑަނައިގެ ސަބަބުން ޕާކިސްތާނަށް ގޯނާ ކުރަން އިންޑިޔާއަށް ނުކެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ގުލް ވިދާޅުވި އެވެ. (އަލްޢާލަމް)