04 Jan 2021, 14:49
ދިއްލީ (ޖެނުއަރީ 4): އިންޑިއާގެ ކޮވިޑް-19 ވެކްސިންގެ ޓެސްޓުތައް ނުނިމެނީސް އެގައުމުން އެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނުމާ ގުޅިގެން ކަމާ ބެހޭ މާހިރުން ކަންބޮޑުވުން ފާޅުކޮށް، ފާޑު ކިޔައިފި އެވެ.
އިންޑިއާގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ކޯވެކްސިން އާއި އިނގިރޭސިވިލާތުގެ އޮކްފޯޑު ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރަން އިންޑިއާއިން ހުއްދަ ދިނީ އިއްޔެ އެވެ.
އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް ވީޖީ ސޮމާނީ ވިދާޅުވި ގޮތުގައި ކޯވެކްސިންއަކީ "ރައްކާތެރި އަދި އޭގެއިން ރަނގަޅު އިމިއުން ރެސްޕޮންސް"އެއް އުފައްދާ ވެކްސިނެކެވެ. އަދި އެ ވެކްސިންއަށް ހުއްދަ ދިނީ ކޮވިޑް ވެކްސިން ދިނުން އިތުރު ކުރެވޭނެ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އޯލް އިންޑިއާ ޑްރަގް އެކްޝަން ނެޓްވޯކްއިން ވަނީ "ދިރާސާކޮށް ނުނިމޭ ވެކްސިންއަކަށް ހުއްދަ ދިނުމުގެ ފަހަތުގައިވާ ސައިންޓިފިކް ލޮޖިކް ނުވިސްނޭ" ކަމަށް ބުނެފަ އެވެ. އަދި އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ސިއްހީ މާހިރުންގެ ތެރޭގައި ހިމެނޭ ޑރ. ގަގަންދީޕް ކަންގް ވިދާޅުވި ގޮތުގައި އެ ވެކްސިންގެ ކާމިޔާބީއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށް، ޕަބްލިޝްކޮށްފައި ނުވެ އެވެ.
އެ ވެކްސިންގެ ޓެސްޓުތަކާ ބެހޭ ގޮތުން ބާރަތު ބަޔޯޓެކްއިން ވަނީ އޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ޓެސްޓުތަކުން ރަނގަޅު ނަތީޖާތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ވެކްސިން ޖެހުމުން ކޮވިޑުން ރައްކާތެރިކޮށްދޭ މިންވަރު ދައްކުވައިދޭ ޓެސްޓުތަކުގެ ނަތީޖާ އެ ކުންފުންޏާއި އެގައުމުގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑްސް ކޮންޓްރޯލް އޯގަނައިޒޭޝަންއިންވެސް ހާމަކޮށްފައި ނުވެ އެވެ.
ޑރ. ކަންގް ވިދާޅުވި ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެކްސިންތަކަށް ހުއްދަ ދިނީ އެ ވެކްސިނެއްގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގެ ނަތީޖާ ހާމަކުރި ފަހުންނެވެ.
އިންޑިއާއިން މިހާރު ކުރިއަށްގެންދާ ކޯވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަދި އެ ޓެސްޓުތަކުގައި 23،000 މީހުން ބައިވެރިކޮށްފައިވާ ކަމަށް ބާރަތު ބަޔޯޓެކްއިން ބުންޏެވެ.
އިންޑިއާއިން ދަނީ މި މަހު ކޮވިޑް ވެކްސިން ދޭން ތައްޔާރުވަމުންނެވެ. އަދި އެގައުމުން އުއްމީދު ކުރަނީ އޮގަސްޓު މަހާ ހަމަޔަށް 300 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.
އިންޑިއާއިން މިހާތަނަށް 10.3 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 150،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.