"ވަގުތު" ނޫހުން ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން، އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރުދޭތީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އެކަން ކުށްވެރިކޮށްފި އެވެ.

އެ ނޫހުގެ ނޫސްވެރިންނަށް ބިރުދައްކައި އިންޒާރުދެމުން އަންނަނީ 31 ޑިސެމްބަރުގައި ‏"އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީން ކޮންމެ ފަރުދަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ތެރެއިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރު ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

"މީގެކުރިން ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާތީ، މި ނާތަހުޒީބު އަމަލު މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މީޑިއާ ކައުންސިލުން ވަނީ މައްސަލަ ހިނގާފައިވާގޮތް ބަލައި ތަހުގީގުކޮށް، ކަމުގެ ހަގީގަތް ހާމަކޮށްދީ އަޅަންޖެހޭ ފިޔަވަޅެއް އަޅައިދިނުމަށް ފުލުހުންނަށް އިލްތިމާސްކޮށްފަ އެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިއާގައި އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދެމުން އަންނަކަމަށް އެ ނޫހުން، އެސޯސިއޭޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"މިކަން މި ޖަމިއްޔާ އިން ވަރަށް ބޮޑަށް ކުށްވެރިކުރަން އަދި މި މައްސަލަ ވީހާ ވެސް އަވަހަށް ތަހުގީގުކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން،" އެމްޖޭއޭ އިން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.