ކޮންމެ އަހަރެއް ފެށުމާ އެކު ރާއްޖޭގެ އެކި ކުންފުނިތަކުން އަހަރުގެ ދުވަސްތައް އަތުރާލެވިފައިވާގޮތް ދައްކާލުމަށް ތަފާތު ޑިޒައިންތަކުގެ ކަލަންޑަރުތައް ތައްޔާރުކުރެ އެވެ. އަދި ޓެކްނޮލޮޖީ އިންޓަގްރޭޓް ކޮށް ކަލަންޑަރުތައް ވީހާ ވެސް ޒަމާނާ އެކުވެރިވާ ގިނަ މަންޒަރުތަކެއް ދަނީ މިހާރު ފެންނަމުންނެވެ. އެކަމުގެ އެންމެ ބޮޑު އެއް މިސާލަކީ މި އަހަރު އުރީދޫ އިން ނެރުނު ކަލަންޑަރެވެ. އޯގްމެންޓެޑް ރިއޭލިޓީ (އޭއާރު)ގެ ރަހަތަކެއް ހިމެނޭ އުރީދޫގެ މި އަހަރުގެ ކަލަންޑަރު ވަރަށް ތަފާތެވެ.

އުރީދޫއިން ކޮންމެ އަހަރަކު ތަފާތު ގޮތަކަށް ނެރޭ އަހަރުގެ ކަލަންޑަރު މި އަހަރު ވަނީ އޭއާރު އާ އެކު އިތުރަށް ތަފާތުކޮށްލައިފަ އެވެ.

އަލަށް ތައާރަފުކުރި ކަލަންޑަރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަން ނޫރާ ޒާހިރު ވިދާޅުވީ މި އަހަރުގެ ކަލަންޑަރުގެ ކޮންމެ މަހެއްގައި އޯގްމެންޓެޑް ރިއޭލިޓީ ހިމެނޭ ޑިޖިޓަލް ބައެއް ހިމެނޭނެ ކަމަށެވެ.

"މަންޒަރުތައް ދައްކާލުމަށް އޭއާރު ބޭނުންކުރާއިރު ސްނެޕްޗެޓް މެދުވެރިކޮށް އެ އޭއާރު މަންޒަރުތައް ބަލާލެވޭނެ،" ނޫރާ ވިދާޅުވި އެވެ.

އެ ކަލަންޑަރުން ފެނިގެންދާނީ ރާއްޖޭގެ ތާރީހީ އެކި ކަންތައްތަކެވެ. އެގޮތުން އޭގެތެރޭގައި ކުރީގެ ސަގާފަތާ ގުޅުންހުރި ބައެއްކަހަލަ ޕްރެކްޓިސްތައް ވެސް ހިމެނޭނެ އެވެ.

"އަޅުގަނޑުމެން ކަލަންޑަރު މި އަހަރަށް ހެދުމުގެ ކުރީން އެކި ކަހަލަ ހިޔާލުތަކަށް ބަލައިގެން މަސައްކަތް ކުރީ. އަދި ސަގާފީ ކަންތައްތައް ނެގި އިރު ބޮޑު ސަމާލުކަމެއް ދީފައިވާނީ އާންމުކޮށް މީގެ ކުރީން ވާހަކަ ނުދެކެވި ހުރި ވާހަކަތަކަށް،" ނޫރާ ވިދާޅުވި އެވެ.

ނޫރާ ވިދާޅުވީ ކަލަންޑަރުގެ ކޮންމެ މަހަކުން ވެސް ތަފާތު ވާހަކައެއް ފެނިގެންދާނެ ކަމަށެވެ. އަދި ވާހަކައާ ގުޅޭ ކޮންމެ ވެސް ކަހަލަށް ކުޑަ މައުލޫމާތުކޮޅެއް ކަލަންޑަރުން ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވާރުގެއަށް ވާދެމުން" އެއީ ކަލަންޑަރުގައި ހިމަނާފައިވާ އެއް ކަމެވެ. ވާރުގެއަށް ވެދުމާ ދިޔުމަކީ އިހު ޒަމާނުގައި ސަރުކާރަށް ދައްކާ ޓެކްސް ހަވާލުކުރުމަށް ކޮންމެ އަތޮޅެއްގެ ވާރުގެއަށް ދިޔުމެވެ. އެކަމަކީ އިހު ޒަމާނުގައި ފާހަގަކުރާ ކަމެކެވެ.

އެ ކަލަންޑަރު ތައްޔާރުކުރުމުގައި އުރީދޫއާ އެކު މަސައްކަތްކުރާ ޕަބްލިސިޓީ ބިއުރޯއިން ވަނީ މަސައްކަތް ކޮށްފައި ކަމަށް ނޫރާ ވިދާޅުވި އެވެ.

އުރީދޫގެ ކަލަންޑަރު ލޯންޗުކުރުމާ އެކު ގިނަ ބަޔަކަށް ކަލަންޑަރު ވަނީ ކަމުގޮސްފަ އެވެ. އަދި އޭއާރު ބޭނުންކޮށްގެން ފެނިގެންދާ މަންޒަރުތައް ރެކޯޑުކޮށް ބައެއް ފަރާތްތަކުން އަންނަނީ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ.