ދިމިޝްޤު (ޖަނަވަރީ 27) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގައި އިއްޔެ 62 މީހަކު މަރާލައިފި އެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ގުޅިފައިވާ ޖަމާއަތްތަކުން ބުނިގޮތުގައި މި 65 މީހުންގެ ތެރޭގައި 11 ތުއްތު ކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ހިމެނެ އެވެ.

ސޫރިޔާގެ ސަލާމަތީ ބާރުތަކުން މިޖަރީމާތައް ހިންގީ އެގައުމުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހިމްސްގެ ގެތަކަކަށް ބޮޑު ބަޑިންނާއި ޓޭންކުން ހަމަލާދީ އެގެތަކުގައި ދިރި އުޅުނު އާއިލާތަކުގެ ބޯމައްޗަށް ގެތައް ވައްޓާލައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އިއްޔެ މަރާލި 65 މީހުންގެ ތެރެއިން 40 އަށްވުރެ ގިނަ މީހުން މަރާލާފައި ވަނީ ޙިމްސްގަ އެވެ. ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތަކާދެކޮޅަށް ސަރުކާރުގެ ސަލާމަތީ ބާރުތަކުން މިހާރަކަށް އައިސް ހަމަލާތައް ދެމުންގެންދަނީ ޓޭންކާއި ބޮޑުބަޑިފަދަ ބަރު ހަތިޔާރު ބޭނުންކޮށްގެންނެވެ. މިކަމުގެ ސަބަބުން ކޮންމެ ދުވަހަކު މަރާލެވޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަނެއް ކޮޅުން ސޫރިޔާގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް އިދިކޮޅު ބައެއް ޖަމާއަތްތަކުން ވެސް މިހާރުވަނީ ހަތިޔާރުގެ ބޭނުންކުރަން ފަށާފަ އެވެ. މިގޮތުން އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ "ސީރިޔަން ފްރީ އާމީ" ގެ ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާއިރު ސޫރިޔާގެ މަސްރަޙް އަހްލީ ހަނގުރާމައަކަށް ބަދަލުވާން ފަށާފައިވާ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)