ވޮޝިންޓަން (ޖަނަވަރީ 4) އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވަނިކޮށް ޖޯޖިޔާގެ ވޯޓު އަލުން ގުނަންޖެހޭނެ ކަމަށް ވިދާޅުވެ އެކަން ނުކޮށްފިނަމަ ބޮޑު ނުރަކަލަކާ ކުރިމިތަލާންޖެހޭނެކަމުގެ އިންޒާރު ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް މިއިންޒާރު ދެއްވީ ޖޯޖިޔާ ގެ ސްޓޭޓްގެ ސެކްރެޓަރީ ބްރެޑް ރެފެންސްޕާގާ އަށް ފޯނުން ގުޅުއްވައި އެއްގަޑީއިރު ވަންދެން ދެއްވި ވާހަކަތަކުގައި ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓް ބުނެއެވެ. ޓްރަމްޕް އިްނޒާރު ދެއްވި މި އޯޑިއޯވެސް މިހާރުވަނީ ލީކުވެފައެވެ. މި އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ބޭނުންވަނީ އޭނާއަށް ޖޯޖިއާއިން ގެއްލިފައިވާ 11،780 ވޯޓު އަލުން ހޯދަން ކަމުގައެވެ. ބްރެޑް ރެފެންސްޕާގާ މިކަން ކޮށްދެންޖެހޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން މިވޯޓު ހޯދައިނުދެވިއްޖެނަމަ ބްރެޑް ރެފެންސްޕާއަށް ބޮޑު ނުރަކަލަކާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ރެފެންސްޕާގާ އަކީ ޖޯޖިޔާ ސްޓޭޓްގެ އިންތިޚާބު ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޓްރަމްޕަށް ޖަވާބު ދެއްވަމުން ރެފެންސްޕާގާ ވަނީ ޖޯޖިޔާގެ ވޯޓުގެ ނަތީޖާ ރަނގަނޅު ކަމަށާ ވޯޓު އަލުން ގުނަންޖެހޭ ސަބަބެއްނެތްކަން ވިދާޅުވެފައި ކަމަށް "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ. އެމެރިކާގެ އިލެކްޓޯރަލް ކޮލެޖް ގެ މެންބަރުން ބައްދަލުކޮށް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއް ނިންމައި 306 އިލެކްޓޯރަލް ވޯޓުން ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވިކަން މިދިޔަ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ރަސްމީކޮށް އިއުލާންކޮށްފައިވީނަމަވެސް ޓްރަމްޕް އަދިވެސް ގެންދަވަނީ ނަތީޖާ ގަބޫލު ކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ.

މީގެއިތުރުން އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށްވެސް ޓްރަމްޕް ގެންދަވަނީ ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ޖޯޖިއާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އޭނާއެވެ. ނަމަވެސް ރަސްމީ ނަތީޖާ ދައްކާގޮތުން ޓްރަމްޕްގެ ވާދަވެރިޔާ ޖޯ ބައިޑަން ޖޯޖިޔާ ގެ އިންތިޚާބު ކާމިޔާބުކުރެއްވީ 11779 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

ޖޯޖިޔާގެ ސްޓޭޓްގެ ސެކްރެޓަރީ ބްރެޑް ރެފެންސްޕާގާ އަށް ފޯނުން ގުޅުއްވައި ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އެމެރިކާގެ އެތެރޭގައިވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. މިމައްސަލާގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އިސްފަރާތްތައްވެސްވަނީ މުޅިން ބައިބައިވެފައެވެ.

ޑިމޮކްރެޓިކް ޕާޓީންވަނީ ޓްރަމްޕްގެ މިއަމަލަކީ ޖިނާއީ ކުށެއްކަމަށް ސިފަކޮށް މިކަމުގެ ޖިނާއީ ތަހްގީގެއް ކުރުމަށް ގޮވާލާފައެވެ. މިއީ އެމެރިކާގެ ރައީސަކު އެގައުމުގެ ގާނޫނުތަކަށް ފާޅުގޮތެއްގައި ގޮންޖެހުންކަމަށާ މިއީ އަދަބު ލިބެންޖެހޭވަރުގެ ބޮޑު ޖަރީމާއެއްކަމަށް ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރެއް ކަމަށްވާ އެޑަމް ކިޒިންޖާ ވަނީ ޓްރަމްޕްގެ އަމަލުތަކުގައި ބައިވެރިނުވުމަށާ އޭނާ އެކަހެރި ކުރުމަށް ރިޕަބްލިކަން ޕާޓީއަށް ގޮވާލައްވާފައެވެ. (ވޮޝިންޓަން ޕޯސްޓް)