މިޔަރު އުރަހަތައް ރާއްޖެއިން ބޭރުކުރަން އުޅުނީ އެންޒީ ކުންފުނިން ނޫން ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފި އެވެ.

ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އިއްޔެ ކަސްޓަމްސްއިން ވަނީ އަތުލައިގެންފަ އެވެ. އެ އުރަހަތައް އަޅާފައި ހުރީ އެންޒީގެ ފޮށިގަނޑުތަކެއްގަ އެވެ.

ރޭ ދަންވަރު ކަސްޓަމްސްއިން ކުރި ޓްވީޓެއްގައި ބުނީ، އެ ތަކެތި ހުރީ އެންޒީގެ ފޮށިގަނޑެއްގައި ނަމަވެސް، އެއީ އެންޒީއިން ބޭރުކުރަން އުޅުނު ތަކެއްޗެއް ނޫން ކަމަށެވެ.

"އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވަނީ އެންޒީ އިން ނޫން ކަމުގައި ދަންނަވަން،" ކަސްޓަމްސް އިން ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް 21 ފޮއްޓެއްގެ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވެ އެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.