27 Jan 2012, 11:53
އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 22 މީހުންގެ ތެރެއިން 17 މީހުން ފުލުހުންގެ ހައްޔަރުގައި ދޫނިދޫގައި ބައިތިއްބުމަށްފު ދެންތިބި މީހުން ދޫކޮށްލައިފި އެވެ. ދޫކޮށްލައިފައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކާއި އިތުރު ހަތަރު މީހެކެވެ.
އޭގެ އިތުރުން ރޭގެ މުޒާހަރާގެ ތެރޭގައި ހައްޔަރު ކުރި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔަނާ ސައީދު ވެސް ވަނީ ރޭ މެންދަމު ދޫކޮށްލާފަ އެވެ.
ދިޔާނާ ވިދާޅުވީ އެކަމަނާ ހައްޔަރު ކުރީ ޖުމްހޫރީ މައިދާނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް ކަމަށާއި އެކަމަނާ މުޒާހަރާ އަށް ވަޑައިގަތީ ރައްޔިތުންގެ ހައްގުތައް ހަނިކުރަމުން ދާތީ، ދެން ރައްޔިތުން މަޑުން ނުތިބޭނެކަން ދައްކައިދެއްވުމަށް ކަމަށެވެ.
http://sun.mv/albums/live_3643.jpg
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ އެމްއެމްއޭ ސަރަހައްދުން ފެށި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވުމުގައި 22 މީހަކު ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެގެން ކަމަށެވެ.
ރޭގެ މުޒާހަރާގައި ވެސް ބައެއް މީހުންނަށް އަނިޔާވެފައި ވެއެވެ. އޭގެ ތެރޭގައި ނޫހެއްގެ ފޮޓޮގްރާފަރެއްގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން މުޒާހަރާގެ ސްޕޯކްސް ޕާސަން މާޒް އަހުމަދު ސަލީމަށް ވެސް އެކިވަރުގެ އަނިޔާ ލިބި ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފަ އެވެ. އަދި އެނޫން ބައެއް މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
ސިލްސިލާކޮށް އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ މުޒާހަރާ ފުލުހުން ރޭ ވެސް ރޫޅާލުމުން، މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށާއި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާފަ އެވެ.