ރާއްޖެއަށް މިވަގު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ވެސް އަދި ގޮންޖެހުމަކީ ވެސް ޤާނޫނު އަސާސީގައިވާ އުސޫލުތަކާ ހިލާފަށް ދަށުކޯޓް ތަކުގައި ފަނޑިޔާރުން ތިއްބެވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ނިޒާމަށް ސަރުކާރުން ނުފުޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ސިލްސިލާ މުޒާހަރާތައް ކުރަމުންދަނިކޮށް ހަފުތާގެ ރޭޑިއޯ ތަގުރީރުގައި ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއަކީ ވަރަށް ފޮނި އުންމީދާއެކު ދިވެހިން ލިބިގަތް ގާނޫނު އަސާސީއެއް ކަމަށާއި ގާނޫނު އަސާސީން ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ، ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ ފޮނި އުންމީދަކީ، އެ ރައްޔިތުން އެދޭ ބާވަތުގެ ފަނޑިޔާރުން، އެރައްޔިތުންނަށް އިންސާފު ކުރުމަށްޓަކައި ފަނޑިޔާރުގެތަކުގައި ތިއްބެވުން. އެ ރައްޔިތުން ބޭނުންވާ ބާވަތުގެ، އެދޭ ބާވަތުގެ ފަނޑިޔާރުންނަކީ ކޮބައިކަން ކަނޑައަޅައިދެނީ، ޤާނޫނު އަސާސީ. ޤާނޫނު އަސާސީގައިވާ އުޞޫލުތަކުގެ މަތިން ނޫން ގޮތަކަށް، ފަނޑިޔާރުގެތަކުގައި ފަނޑިޔާރުން ތިއްބަވާކަމީ، އަޅުގަނޑުމެންނަށް މި ރާއްޖެއަށް މިވަގުތަށް ލިބިފައިވާ ވަރަށް ބޮޑު ހުރަހެއް، ވަރަށް ބޮޑު ގޮން ޖެހުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ތަގުރީރެއް ދެވެވީ ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި ގާނޫނާ ހިލާފަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ހުކުމްތައް ތަންފީޒުކުރެވެން ނެތް ކަމަށާއި އެފަދަ ފަނޑިޔާރުންގެ މުސާރަ ހިފަހައްޓާނެ ކަމަށް އެމަނިކުފާނު ސިފައިނާ މުހާތަބު ކުރައްވާ ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެވެފައި ވަނިކޮށެވެ. އެ އޯޑިއޯގައި ބުނަނީ ގާނޫނުގައި ކަނޑައެޅޭ ފަނޑިޔާރުން ހުވާ ކުރައްވަންދެން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ހުކުމްތައް ސަރުކާރުން ތަންފީޒް ކުރެއްވެން ނެތްކަމަށާއި އެ ބޭފުޅުންނަށް ދެއްވަން ޖެހޭ މުސާރަ ވެސް ހިފަހައްޓާނެ ކަމަށެވެ.

"އެ ފަނޑިޔާރުން ހުކުމް ކުރީމާ އެ ހުކުމް ތަންފީޒު ކުރަން މިޖެހެނީ އަޅުގަނޑު. އަޅުގަނޑު ވެސް މިހުރީ މާތް ﷲ ގަންދީ ހުވާކޮށްގެން ހުވާމަތީގައި މިހުރީ. އަދި އިންސާފު ބެލެހެއްޓުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް. އަދި އިސްލާހުގެ މަގުން ކަންތައް ކުރުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް،" ލީކުވީ އޯޑިއޯގައި ރައީސް ވިދާޅުވެފައި ވެއެވެ.


އޯޑިއޯ ލީކްވެފައި ވަނިކޮށް ރައީސް މިއަދު ދެއްވި ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ކުރި އެންމެ ބޮޑު އުންމީދަކީ ރަނގަޅު ކޯޓްތަކެއް އުފެދި ކޯޓުތަކުން އަވަހަށް އިންސާފާއި ފަސޭހަކަން އިންތިޒާމެއް ހަމަޖެހުން ކަމަށާއި އިންސާފު ހޯދައި ދިނުމާއި ހޯދަން ފަސޭހަވުމަކީ ގާނޫނު އަސާސީ ލާޒިމް ކުރާ މުހިންމު މައިގަނޑު ދެކަން ކަމަށެވެ.

ތައުލީމީ ޒުވާނުންނަށް ކޯޓުތަކުން ފުރުސަތު ދިނުމަށް ގާނޫނު އަސާސީގައި ފަނޑިޔާރުންގެ ޝަރުޠުތައް ކަނޑައެޅިއިރު ތަޢުލީމީ ފެންވަރަށް ބާރު އެޅި ކަމަށާއި އެހެން ނަމަވެސް، މިއަދު ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެއް ކަމަށް ވެސް ރައީސްގެ ތަގުރީރުގައި ވިދާޅުވެފައި ވެއެވެ.

"އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީގެ އިންތިގާލީ ބާބުގައި ކަނޑައަޅާފައި ވަނީ، އެ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފަށާތާ ދެއަހަރު ދުވަހުގެ ތެރޭގައި، އެ ޤާނޫނު އަސާސީގައި އެބުނާ ގޮތަށް ފަނޑިޔާރުގެއެއް ކަނޑައެޅުން، ފަނޑިޔާރުގެއެއް އުފެއްދުން. އަދި ފަނޑިޔާރުން، އެ ފަނޑިޔާރުގެއަށް ޢައްޔަންކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޤާނޫނު އަސާސީގެ ދަށުން އެކުލަވައިލާ ކޯޓުތަކުގައި ތިއްބަވާނެ ފަނޑިޔާރުންނަކީ އެކަށީގެންވާ، ސުލޫކީ މިންގަނޑުގައި ތިއްބަވާ ތަޢުލީމީ ފެންވަރު ހުރި ފަނޑިޔާރުންނަށްވާންޖެހޭ ކަމަށެވެ. ރާއްޖޭގައި ތަޢުލީމީ ޒުވާނުންނާއި ޤާނޫނީ ދާއިރާގެ ޒުވާނުން ގިނައިރު ގާނޫނު އަސާސީ އުފެދިގެން އައީ އެފަދަ ޒުވާނުންނަށް ފަނޑިޔާރުކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.

ގާނޫނު އަސާސީގައި އެކަން ކުރަން ހަވާލު ކުރި ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ކުރަން އޮތީ ޤާނޫނަކުން ކަނޑައެޅޭ ޝަރުޠުތަކުގެ މަތިން ކަމަށް ވިޔަސް ގާނޫނު އަސާސީގެ 149 ވަނަ މާއްދާ ބުނާ ގާނޫނު އުފަން ނުވަނީސް 2010 ވަނަ އަހަރު ގެ މޭ މަހުގެ ތެރޭގައި ޖޭއެސްސީން ފަނޑިޔާރުންގެ ޝަރުތުތައް ކަނޑައެޅުއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެންމެ ބޭފުޅުން ރަނގަޅަށް ހަނދުމައިގައި ހުންނާނެ، އަޅުގަނޑު އެދުވަހު ހަމަ ހުކުރު ދުވަހެއްގައި، އެ ވާހަކަ ވާނީ ތިޔަބޭފުޅުންނާ އެކުގައި ޙިއްޞާކޮށްފައި. ފަނޑިޔާރުންގެ ޝަރުޠު ކަނޑައެޅިގޮތާއި އަދި އެ ޝަރުޠުތަކަކީ އެއްގޮތަކަށް ވެސް މި ރާއްޖޭގެ މިޒަމާނަށް ފެތޭނެ ޝަރުޠުތަކެއް ނޫންކަން އަޅުގަނޑުމެން ގެންދިޔައީ ފާހަގަކުރަމުން. މެއި މަހުގެ ތެރޭގައި، އަޅުގަނޑު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވާނީ ސިޓީއަކުންވެސް މިވާހަކަ ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފެނިގެން ދިޔައީ ފެނިގެން ދިޔައީ ޖޭއެސްސީން ހެދި ގަވައިދާ ގަވާއިދާ އެއްގޮތަށް ފަނޑިޔާރުން ހުވާ ކުރެއްވި ތަން ކަމަށެވެ.

"އެއިރަކު އަދި ޤާނޫނުއަސާސީ އެބުނާ ފަނޑިޔާރުންނާ ގުޅޭ ޤާނޫނެއް އަޅުގަނޑުމެންނަކަށް ނުލިބޭ... އެ ޤާނޫނާ އެކުގައި ނޫން ގޮތަކަށް ފަނޑިޔާރުންނަށް ހުވާކުރެވެން ނެތްކަން، ޤާނޫނު އަސާސީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، މިއަދާ ހަމައަށްވެސް މިވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން، ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެކުލަވައިނުލެވި. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުވާކުރައްވާފައިވަނީ އަދި ކަނޑައެޅިފައިވެސްވަނީ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން. ހައިކޯޓް ވެސް އުފެއްދިފައި އެވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން. އެހެން ނަމަވެސް، ދަށުކޯޓުތަކުގެ ފަނޑިޔާރުން، ކަނޑައެޅިފައި އެވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ދަންނަވަން ވަރަށްދަތި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދަށު ކޯޓުތަކުގައި، ރާއްޖޭގެ ބޭންކްތަކުގެ މައްސަލަތައް ގިނަވެ އެމައްސަލަތައް ނުނިންމި އެބަހުރި ކަމަށާއި ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާން ޖެހޭ ފައިސާގެ ކިތަންމެ އަދަދެއް ހުއްޓިފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މާހިރުން ހިސާބު ޖަހައިދޭ ގޮތުންނަމަ ޝަރުޢީ ނިޒާމް ފުރިހަމަވުމުން ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރު 40 ޕަސެންޓުން މައްޗަށް ޖެހޭނެ ކަމަށެވެ. އަދި ޝަރްޢީ ނިޒާމް މެދުވެރިކޮށްގެން ނޫނީ އިންވެސްޓްމަންޓްތަކާއި ވިޔަފާރިވެސް ކުރިޔަށް ގެންދަން އުނދަގޫ ކަމަށެވެ.

ރައީސްގެ ތަގުރީރުގައި މިހާރު ޤާނޫނުއަސާސީގެ ސިފަ ބަޔާންކުރަނީ އެއިރެއްގައި އެފަރާތަކަށް ފައިދާހުރި ގޮތަކަށް ނަމަވެސް ރާއްޖޭގެ ޤާނޫނުއަސާސީއަކީ ރިޔާސީ ނިޒާމެއްކަން ހުރިހާ ފަރާތްތަކުން ހަނދާން ކުރުމަށް އެދިވަޑައިގެންފައި ވެއެވެ.

"ތިންބާރު ވަކިވެފައި މިވަނީ. ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި އަދި ޝަރީޢަތް ހިންގުމުގެ ބާރު. މިހުރިހާ ބާރެއްގެ މައްޗަށް މިވަނީ ދައުލަތުގެ އެންމެމަތީ ވެރިއެއް، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޢައްޔަންކޮށްފައި، ކަނޑައަޅާފައި. ޤާނޫނުއަސާސީން އެ ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ އެންމެމަތީ ވެރިޔާ ކުރަންޖެހޭ ކަންކަން، ވަރަށް ޞަރީޙަ ޢިބާރާތުން، ވަރަށް ސާފުކޮށް އެނގެން އެބައޮތް. ޤާނޫނުއަސާސީއެއް ތަންފީޒެއް ނުކުރެވޭނެ، ޤާނޫނުއަސާސީއެއް އަޅުގަނޑުމެންނަކަށް ހިންގަމަކުން ނުދެވޭނެ، އަޅުގަނޑު މިދެންނެވި ބާރުތަކުގެ ތެރެއިން އެއްވެސް ބާރެއް، އެ ކަނޑައަޅާފައި އޮތް މަސައްކަތް ނުކުރާ ކަމަށްވަނީވިއްޔާ،" ރައީސް ވިދާޅުވި އެވެ. "ޚާއްޞަކޮށް، ދައުލަތުގެ އެންމެމަތީ ވެރިޔާއަށް ލާޒިމްކޮށްފައިވާ ކަންކަން، ޤާނޫނުއަސާސީ ތަންފީޒު ކުރުމުގައި ކޮށްގެން މެނުވީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުން އުންމީދު މިކުރި ޤާނޫނުއަސާސީގެ ފޮނި މޭވާ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން ޤާނޫނުއަސާސީން ތި އުންމީދުކުރާ ތަނަވަސްކަމާއި، އުޖާލާކަމާއި، ފާގަތިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަމޭ،"

ޤާނޫނު އަސާސީން ރައްޔިތުން ކުރި އެންމެބޮޑު އެއް އުންމީދަކީ ރާއްޖޭގެ ރިޔާސަތު ބަދަލުކުރުން ކަމަށާއި އެ ރިޔާސަތު ބަދަލުކުރުމަށް، ރައްޔިތުން އެދުނު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް އުފައްދައި، އެ ނިޒާމްގައި ބާއްވާ ރިޔާސީ އިންތިޚާބު ނިންމައި ރައްޔިތުން އެދުނު، ގޮތަށް ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން، އެކުލަވައިލެވި ހިނގަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.