03 Jan 2021, 17:17
ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް މިއަދު އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން އެ މިޔަރު އުރަހަތައް އަތުލައިގަތީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި 21 ފޮއްޓެއްގެ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވެ އެވެ.
އެ ތަކެތި ފޮރުވާފައި ވަނީ ލޮނުމަހުގެ ނަމުގައި ރާއްޖެއިން ބޭރުކުރަން އުޅުނު ޝިޕްމަންޓެއްގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.