ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެ ހާލަތުތައް ބަޔާންކޮށް، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

އެ ގަވާއިދު ބުނާގޮތުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ކިބައިގައި ހަތް ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. މިއަދު ޝާއިއުކުރި އިސްލާހުގައި ބުނެފައި ވަނީ އޭގެން ޝަރުތެއް އުނިވެއްޖެކަން، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އެނގިއްޖެނަމަ، އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށެވެ.

އޭގެ އިތުރުން، ގާނޫނީ ވަކީލެއްގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް، ވަކި ކަހަލަ ކުށްތަކެއް ސާބިތުވެއްޖެކަން، ބާ ކައުންސިލަށް އެނގިއްޖެނަމަ ވެސް އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ބުނެފައިވެ އެވެ.

އެއީ ގާނޫނުލްއުގޫބާތުގައި ބުނާ ވައްކަމުގެ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށް އަދި ގާނޫނުލްއުގޫބާތުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުމުގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެކެވެ.

ގާނޫނީ ވަކީލެއްގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓައިފިނަމަ، އެ ވަކީލަކަށް އަލުން ހުއްދަ ދޫކުރެވޭނެ ހާލަތުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ޖިނާއީ ބޮޑު ކުށެއް ކޮށްފިނަމަ، އަލުން ހުއްދަ ދޭނީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރުވުމުންނެވެ.

ނަމަވެސް ވައްކަމާއި، ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުމުގެ ކުށެއް ކޮށްފިނަމަ، އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން ހުއްދަ ދޫކުރެވިދާނެ އެވެ.

މީގެ އިތުރުން ކުށަކާ ގުޅިގެން ދަށު ކޯޓަކުން ކުރާ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލުކުރުމުންނާއި، ސާބިތު ދަރަނީގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަން ސާބިތު ކޮށްދިނުމުން ވެސް ހުއްދަ އަލުން ދޫކުރެވިދާނެ އެވެ.

ހުއްދަ ހިފެހެއްޓުނީ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރުން ލާޒިމް
ޝަރުތެއް އުނިވެގެން ކަމުގައި ވާނަމަ، އެ ޝަރުތެއް ފުރިހަމަވާކަން ސާބިތު ކޮށްދޭން ޖެހޭނެއެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  • ދިވެހި ރައްޔިތެއް ކަމުގައިވުން؛

  • އުމުރުން 21 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
  • ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛
  • ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވާ މީހަކު ކަމުގައިވުން؛
  • މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައިވުން؛
  • ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުން.