ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ދޭ މުސާރަ ހިފަހައްޓާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ސިފައިންނާ މުހާތަބުކޮށް މިއަދު ހަވީރު ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނާ އޯޑިޔޯއެއް ލީކުކޮށްފި އެވެ. މި އޯޑިއޯ ވަނީ މި ރޭ ދިޓީވީން ވެސް ފޮނުވާފަ އެވެ.

ދިޓީވީން ފޮނުވި އޯޑިޔޯއާ ބެހޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ސްރީލަންކާގައި ހުންނަވާ ވިދާޅުވީ ރައީސް އެފަދަ ވާހަކަފުޅެއް ދެއްކެވި ކަމަށް އަދި އެނގިވަޑައިގެންފައި ނެތް ކަމަށާއި އެއީ ކޯޓްތަކުގެ އިހުތިސޯސާ ގުޅޭ ވާހަކައަކަށްވުމުން އެ ވާހަފުޅު ދެއްކެވި ނަމަވެސް ދައްކަވާފައި އޮންނާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

"ވާހަކަފުޅެއް ދެއްކެވިކަމަށް ތިޔަކަހަލަ އޯޑިއޯ އުޅެންޏާ ދެން އެ އޮންނާނީ އެކިތަންކޮޅުން އެޑިޓްކޮށްފައި އޮތް ވާހަކައަކަށް. އަދި ފޯނު ރިކޯޑު ކޮށްގެން އެގޮތަށް ލީކު ކުރުން އެއީ އަޅުގަނޑު ދަންނަވާނީ ހަރާންކޯރުވުމޭ. ވިދާޅުވޭ ޒުހޭރު ބުންޏޭ އެއީ ހަރާން ކޯރުވުމޭ،" ޒުހައިރު ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސިފައިންނާ މުހާތަބުކޮށް މިއަދު ދެއްކެވިކަމަށް ބުނާ އޯޑިޔޯގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނުގައި ކަނޑައެޅޭ ފަނޑިޔާރުން ހުވާ ކުރައްވަންދެން ހުކުމްތައް ސަރުކާރުން ތަންފީޒް ކުރެއްވެން ނެތްކަމަށާއި އެ ބޭފުޅުންނަށް ދެއްވަން ޖެހޭ މުސާރަ ހިފަހައްޓާނެ ކަމަށެވެ.

"އެ ފަނޑިޔާރުން ހުކުމް ކުރީމާ އެ ހުކުމް ތަންފީޒު ކުރަން މިޖެހެނީ އަޅުގަނޑު. އަޅުގަނޑު ވެސް މިހުރީ މާތް ﷲ ގަންދީ ހުވާކޮށްގެން ހުވާމަތީގައި މިހުރީ. އަދި އިންސާފު ބެލެހެއްޓުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް. އަދި އިސްލާހުގެ މަގުން ކަންތައް ކުރުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް،" ލީކުވީ އޯޑިއޯގައި ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް އެދިވަޑައިގެންފައިވަނީ އެކަމުގައި ސިފައިންގެ އެއްބާރުލުން ވަރަށް ބޭނުންވާ ކަމަށާއި ރާއްޖޭގެ ރައްޔިތުން އެދޭ ފަދަ ފަނޑިޔާރުގެއެއް ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެމަނިކުފާނު އުޅުއްވަނީ އެމަނިކުފާނު ބޭނުންވާ މީހަކު ފަނޑިޔާރު ގެއަށް ލުމަށް ނޫންކަމަށް ވެސް ވިދާލުވިއެވެ.

"މައްސަލައެއް ނެތް ކޮންމެ ބޭފުޅަކު ފަނޑިޔާރު ގޭގައި ހުންނެވިޔަސް" ރައީސް ވިދާޅުވި އެވެ. "ފަނޑިޔާރުގެއްގައި އިންނަވާ ބޭފުޅަކީ ގާނޫނީ ހަމަތަކުގެ މަތިން އިންނަވާ ބޭފުޅަކަށް ކޮންމެހެން ބޭނުންތެރި ބޭފުޅަކަށް ވާތީ މިދެންނެވި މަގުން ނިންމަވާ އެ މަގުން އަޅުގަނޑު މަސައްކަތްކުރަށްވަން ނިންމަވާފައިވާތީވެ ހިތުލީ ތިބޭފުޅުންނާއި މިވާހަކަ ދައްނަވާ މަޝްވަރާކުރެއްވުމަށްފަހު ކުރިއަށް ދިއުމަކީ ބުއްދިވެރި ގޮތަކަށް ވާނެކަމަށް،"

ދަށު ކޯޓްތަކުގެ ހުކުމްތައް ތަންފީޒު ނުކުރައްވާނެ ކަމަށް ރައީސް ވާހަކަ ދެއްކެވި އިރު، ހައި ކޯޓާގައި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ވެސް ރައީސް ނަޝީދު ވަނީ ބޯ ނުލަނބަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުގެ ތެރެއިން ގެއްްލުވާލައި ސިފައިން އޭނާ ހައްޔަރު ކުރުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް، ސަރުކާރަކުން އަމަލެއް ނުކުރެ އެވެ.


އޯޑިޔޯގައި ވިދާޅުވަނީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ވަކާލަތު ކުރަމުންގެންދާނީ ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކަކީ ގާނޫނާއި ހިލާފަށް އުސޫލް ތަކާއި ހިލާފަށް ކުރާ ކަންތަކެއްކަމަށް ދެއްކެވުމަށް ކަމަށާއި ނަމަވެސް އެކަންދަނީ އެގޮތަށް ނޫންކަމަށް ވަރަށް ސާފުވާކަމަށެވެ.

ސިފައިން އަދާކުރައްވަމުން ގެންދަވާ ބުރަ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރަށްވަމުން ގެންދަވާ ފުރިހަމަކާމާއި އެކު ސާބިތުކަމާއި އެކު ތިއްބެވުމާއި އެކު ލައިން އޮފް ކޮމާންޑާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއައީމާ ހުރިހާކަންކަން ފުރިހަމަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.