ނިޔަމަ ރިސޯޓުން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރޭގައި ވައިރަސް އަށް ޕޮޒިޓިވްވި ފަސް މީހުންނާއެކު އެ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 12 އަށް އަރާފަ އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އަލަށް ޕޮޒިޓިވްވި ފަސް މީހުންނަކީ ފުރަތަމަ ރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން ކަމަށެވެ.

ނިޔާމަ ރިސޯޓުން ކޮވިޑްގެ ހަތް ކޭސް ފެނިފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 17 ފަރާތެއްގެ ސާމްޕަލް ނަގާފައި ވެއެވެ.

އަލަށް ޕޮޒިޓިވްވީ އެ ސާމްޕަލްތަކުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އަލަށް ފެނުން ފަސް ކޭސްގެ ތެރޭގައި ފަތުރުވެރިންނާއި މުވައްޒަފުންވެސް ހިމެނެ އެވެ.

އެ ރިސޯޓުން ކޮވިޑްގެ ކޭސްތައް ފެނުމާއެކު ރަށް މޮނިޓަރިންއަށް ލައި އެ ރަށަށް އަރައި ފޭބުން ވަގުތީގޮތުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ 30 މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވެފަ އެވެ. އެ ކޭސްތަކުގެ ތެރޭގައި މާލެއިން ފެނުނު 17 ކޭސް ފިޔަވާ ބާކީ 13 ކޭސް އަކީ ރިސޯޓުތަކުން ފެނިފައިވާ ކޭސްތަކެވެ. އޭގެތެރޭގައި ނިޔާމަ ރިސޯޓުން ފެނުނު ކޭސްތައް ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 48 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.